ހިސާން "ދަންޖައްސަން ޖެހޭކަމަށް" އެމާނާގައި އެއްޗެއް ނުބުނަން: ސިޔާމް

-- ސަން ފޮޓޯ/ އަހްމަދުަ ސައީދު

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން "ދަންޖައްސަން ޖެހޭ" ކަމަށް އެ މާނާގައި އެއްވެސް އެއްޗެއް ބުނެފައި ނޯންނާނެ ކަމަށް މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

މެންބަރު ހިސާން އަށް އަމާޒުކޮށް، މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އެފަދަ މޭރުމަކުން ވާހަކަ ދެއްކެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީގެ ބައެއް މެންބަރުންނާ ހަވާލާދީ މީޑިއާގައި ވަނީ ރިޕޯޓު ކޮށްފަ އެވެ.

އެ ވާހަކަތަކާ ގުޅިގެން ސިޔާމް "ސަން" އަށް ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސަކަށް ހިސާން އިންނަވައިގެން ޝަރުއީ ދާއިރާ ހިންގާ ގޮތާ މެދު ސިޔާމް އާއި ހިސާން އާ ދެމެދު ބަހުސެއް ހިނގި ކަމަށެވެ.

"ކޮންމެވެސް ވަރެއްގެ ޑިބޭޓެއް ދިޔަ ހިސާން އާ ދެމެދު. ރާއްޖޭގެ ޖުޑިޝަލް ސާވިސް ކޮމިޝަން ހިންގުމާ ހަވާލުވެ ހުންނަވައިގެން [ހިސާން] ކަންކުރައްވާ [ގޮތާ] ގުޅޭ ގޮތުން. ގާޒީން ބޭރުކުރުމާ، ކޯޓުތަކަށް އަތް ބޭނުމާއި ޝަރީއަތް ހިންގުމާ ގުޅޭ ގޮތުން. އެ ޑިބޭޓު ތެރޭ އެއްޗެއް ބުނެވިފައި އޮވެދާނެ. އެހެންނަމަވެސް، އެކަހަަލަ މާނައެއްގައި ވާހަކައެއް ބުނެފައެއް ނޯންނާނެ،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ތުހުމަތު ކުރެއްވި ގޮތުގައި ކޯޓުތަކުގެ މަސައްކަތްތައް ޖޭއެސްސީގެެ ނުފޫޒުން ކުރަމުން ދަނީ ގާނޫނާ ހިލާފަށެވެ. އަދި ޝަރީއަތްތައް ހިންގުމަށް ވެސް ޖޭއެސްސީގެ ވެރިއަކަށް ހިސާން އިންނަވައިގެން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރެއްވި އެވެ.

ސިޔާމް އަކީ މަޖިލީހުގެ 241 ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި ހަ ވަނަ ދުވަހުގެރޭ ދިން ހަމަލާ އާ ގުޅޭ ގޮތުުން އެ ކޮމެޓީ އިން ކުރިއަށްގެންދާ ޕާލިމެންޓްރީ އިންކުއަރީގެ ބައްދަލުވުންތަކަށް ސިޔާމު ވަޑައިގެންފައިވެ އެވެ.

comment ކޮމެންޓް