ބޮމުގެ ހަމަލާގެ އިންކުއަރީއަށް ސަރުކާރުން ހުރަސް ނާޅާ: އަސްލަމް

މޭ 24، 2021: ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝިދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގާ އިންކުއަރީއަށް ސަރުކާރުން ހުރަސް ނާޅާ ކަމަށް އެ މައްސަލަ ބަލާ މަޖިލިސް ކޮމިޓީގެ މުގައްރިރު މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އެ މައްސަލަ މިހާރު ބަލަމުން އަންނައިރު، އެ އިންކުއަރީއަށް ސަރުކާރުން ހުރަސް އަޅާކަމަށް ރައީސް ނަޝީދަށް ވަފާތެރި އެމްޑީޕީ މަޖިލިސް މެމްބަރުން ދަނީ ބުނަމުންނެވެ.

މިއަދު މަޖިލިސް އިދާރާގައި 241 ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ، ކޮމިޓީން އިންކުއަރީއަށް މިހާތަނަށް ސަރުކާރުންގެ މުއައްސަސާތަކުން އެއްބާރުން ދެމުން ގެންދާ ކަމަށެވެ. އަދި ސަރުކާރުން އެއްވެސް

"ނޫން.. އަޅުގަނޑަކަށް ފާހަގަ ކުރެވިފައި ނުވޭ ދައުލަތުގެ އެއްވެސް މުއައްސަސާކުން އިންކުއަރީއަށް ހުރަސް އަޅަކަމުގެ. ފުލުހުންނާއި އެމްއެންޑީއެފްއުންވެސް ދަނީ ކޮމިޓީއަށް އެއްބާރުލުން ދެމުން،" ސަރުކާރުގެ އެއްވެސް ފަރާތަކުން އިންކުއަރީއަށް ހުރަސް އަޅާތޯ ނޫސްވެރިޔާގެ ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްވެސް ބޭނުންފުޅުވަނީ އިންކުއަރީ ރަނގަޅަށް ކުރިއަށް ގެންދިޔުމަށް ކަމަށެވެ.

"ސަރުކާރުން މި އިންކުއަރީއަށް ހުރަސް އެޅުމަށް އެއްވެސް ކަމެއް ކުރާކަން އަޅުގަނޑަށް މައުލުމާތު ލިބިފައި ނުވޭ. ސީދާ ރައީސް ސޯލިހްވެސް އަޅުގަނޑާ ކުރެއްވި މުއަމަލާތުގައި އިންކުރީ ރަނގަޅަށް ކުރިއަށް ގެންދިޔުމަށް އެދިވަޑައިގެންވޭ،"އަސްލަމް ވިދާޅުވި އެވެ.

ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުކޮށްދޭން އެދުމުން އެ ކަން ނުވާނެ ކަމަށް އެމްއެންޑީއެފުން މަޖިލީހަށް އަންފައިވެއެވެ. އެމްއެންޑީއެފްއިން އެކަމަށް ދެކޮޅު ހަދައި ބުނެފައި ވަނީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކުރުމަކީ ސިފައިންގެ ތެރޭގައި އޮންނަ ޗެއިން އޮފް ކޮމާންޑުގެއްލޭނެ ކަމެއް ކަމަށާއި ސިފައިންގެ ފަރާތުން ޖަވާބުދާރީ ވާނީ ވެރިން ކަމަށެވެ. އެހެންވެ، އެކަމާ ގުޅިގެން ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން އެކަމަށް ފާޑުކިޔާފައިވެއެވެ.

އަސްލަމް ވިދާޅުވީ، 40 ސިފައިންގެ ލިސްޓެއް ތައްޔާރުކޮށް، ސުވާލު ކުރަން ދައުވަތު ދީފައި އަދި ނުވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ދައުވަތު ދިން ހުރިހާ ފަރާތްތަކުންވެސް ކޮމިޓީއަށް ވަޑައިގެން މައުލޫމާތު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، މިހާތަނަށް ހަތް ފަރާތަކާ ބައްދަލުކޮށް ސުވާލުކޮށްފައިވެއެވެ. އެގޮތުން ޝީފް އޮފް ޑިފެންސް އަބްދުﷲ ޝަމާލް އަދި ވައިސް ޗީފް އޮފް ޑިފެންސް އަބްދުލް ރަހީމް އަބްދުލްލަތީފު ކޮމިޓީއަށް ހާޒިރުވެ، ޖަވާބުދާރީވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން އެހެނިހެން ސިފައިންގެ ބޭފުޅުންނާވެސް ކޮމިޓީން ސުވާލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކި ފަރާތަކުން އިންކުއަރީއަށް ބޭނުންވާ މައުލުމާތު ލިބެންވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ އަދި އެކަމަށް ހުރަސްވެސް ނޭޅޭނެ. [ނަމަވެސް] މިހާތަނަށް ފުލުހުންނާއި އެމްއެންޑީއެފް އަދި އެހެން ވުޒާރާތަކުންވެސް އިންކުއަރީއަށް އެއްބާރުލިބެމުން ދަނީ.،" އަސްލަމް ވިދާޅުވި އެވެ.

ފުލުހުންގެ އިސްވެރިންނާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި މާލޭ ސިޓީ މޭޔަރު ޝިފާ މުހައްމަދުވެސް ކޮމިޓީއަށް މައުލޫމާތު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، އިންކުއަރީއަށް ޑިފެންސް މިނިސްޓަރު މާރިޔާ އަދި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲއާވެސް ސުވާލު ކުރާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް އެބޭފުޅުން ކޮމިޓީީއަށް ހާޒިރު ކުރުމަށް ދައުވަތު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، ކޮމިޓީން ކަނޑައެޅި ޓައިމްލައިންއާ އެގޮތަށް މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އަންނަ ހަފްތާ ކޮމިޓީގެ ރިޕޯޓު ފައިލްކޮށް، ތަޅުމަށް ހުށެހެޅުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންކުއަރީގެ ސްކޯޕް:

  1. ހަމަލާ ދިނުމުގެ ކުރިން، ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ސަލާމަތީ ހިދުމަތްތަކާއި ދައުލަތުގެ އެއްވެސް އިދާރާއަކަށް ލިބިފައިވޭތޯ ދެނަގަތުން.
  2. ސަލާމަތީ ބާރުތަކުން ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަކީ ކޮބާތޯ ދެނެގަތުން
  3. ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަމަލު ކުރަމުންދިޔަ ގޮތް ދެނަގަތުން.
  4. ފައިނޭންސް އިންޓެލިޖެންސް މައުލުމާތު އެއްކުރާ ގޮތާއި މައުލޫމާތު ލިބުމުން އަމަލުކުރާ ގޮތް ދެނަގަތުން
  5. ގާނޫނީ އޮނިޑަނޑާ އެއްގޮތަށް އަމަލު ކުރަމުންދާ މިންވަރު ދެނަގަތުން.

ކޮމިޓީގެ ރިޕޯޓު މިނިވަންވާނެ ކަމަށާއި ކޮމިޓީއަށް އެއްވެސް ފަރާތަކުން ނުފޫޒު ނުފޯރުވޭނެ ކަމުގެ ޔަގީންކަން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް އަސްލަމް ދެއްވި އެވެ.

ނަޝީދުގެ ހަމަލާއާ ގުޅިގެން ޕާލިމަންޓްރީ އިންކުރައީއެއް ހަދަމުން އަންނައިރު، އެކަމާ ގުޅިގެން ސަރުކާރުންވެސް ވަނީ ކޮމިޓީއެއް ނަގައި، އިންޓެލިޖެންސްގެ އޮޑިޓެއް ހެދުމުގެ މަސައްކަތް ފަށާފަ އެވެ.

comment ކޮމެންޓް