މީރާއިން އިންކަމް ޓެކުހުގެ ސުންގަޑިތައް ފަސްކޮށްފި

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން 2020 ވަނަ އަހަރަށް ޓެކްސް ދައްކާ ފަރާތްތަކުން ހުށަހަޅަންޖެހޭ އިންކަމް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި މީރާއިން ފަސްކޮށްފި އެވެ.

މީރާއިން ބުނީ 2020ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން މިއަހަރުގެ އޮގަސްޓު 31ވަނަ ދުވަހަށް ފަސްކޮށްދީފައިވާ ކަމަށެވެ.

މީގެ އިތުރުން މިއަހަރަށް ހުށަހަޅަންޖެހޭ ފުރަތަމަ އިންޓެރިމް ބަޔާން ދެއްކުމުގެ ސުންގަޑި ވެސް ސެޕްޓެމްބަރު 30އަށް މީރާއިން ވަނީ ފަސްކޮށްފަ އެވެ.

މީރާއިން އެ ސުންގަޑިތައް ފަސްކޮށްފައިވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅައިފައިވާ ފިޔަވަޅުތަކަށާއި، މި ހާލަތުގައި ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ރިއާޔަތްކޮށް ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މީރާގެ އޮންލައިން ޕޯޓަލް "މީރާކަނެކްޓް" މެދުވެރިކޮށް މި ޓެކްސް ބަޔާންތައް ހުށަހަޅައި ފައިސާ ދެއްކޭނެ އެވެ.

މީރާއަށް ހުށަހަޅާ އެންމެހައި ޓެކްސް ބަޔާނާއި ދައްކާ އެންމެހައި ޓެކުހާއި އެހެނިހެން ފައިސާ އޮންލައިންކޮށް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާތީ، ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ހިދުމަތް ހޯއްދަވާ އެންމެހައި ފަރާތްތަކުން އޮންލައިންކޮށް ހިދުމަތް ހޯދުމަށް މީރާއިން އިލްތިމާސްކުރެ އެވެ.

comment ކޮމެންޓް