ޕާކިސްތާނުގައި ދެ ރޭލެއް ޖެހި، 33 މީހަކު މަރުވެއްޖެ

ޕާކިސްތާނުގައި ދެ ރޭލެއް އެކްސިޑެންޓުވުމުން 33 މީހަކު ވަނީ މަރުވެފަ -- ފޮޓޯ: އޭޕީ

ކަރާޗީ (ޖޫން 7): ޕާކިސްތާނުގައި ފަސިންޖަރުންނާ އެކު ދަތުރު ކުރަމުން ދިޔަ ދެ ރޭލެއް އެކްސިޑެންޓުވެ، 33 މީހަކު މަރުވެއްޖެ އެވެ.

ޕާކިސްތާނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ރޭލު އެކްސިޑެންޓުވީ ކަރާޗީއާ 440 ކިލޯމީޓަރު (273 މޭލު) ދުރުގައި އޮންނަ ދަހަރަކީ ކައިރީގަ އެވެ.

"މަރުވެފައި އޮއްވާ ފެނުނު މީހުންގެ އަދަދު 33އަށް އަރައިފި، އަނިޔާވި މީހުންގެ އަދަދު 120އާ ގާތްކުރޭ،" އަނިޔާވި މީހުންނަށް ފަރުވާ ދެމުންދާ ހޮސްޕިޓަލެއްގެ ޑޮކްޓަރަކު އަލްޖަޒީރާއަށް މައުލޫމާތު ދެއްވި އެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި އެކްސިޑެންޓު ހިނގީ ކަރާޗީން ދަތުރު ކުރަމުން ދިޔަ މިއްލަތު އެކްސްޕްރެސް ރޭލު ދަގަނޑު މަތިން ކައްސާލާ، އެހެން ރޭލެއް ދަތުރު ކުރަމުން ދިޔަ ދަގަނޑު މައްޗަށް އެރުމުންނެވެ. އޭގެ ތެރެއިން އެއް ރޭލުގައި 50 ވަރަކަށް މީހުން ތިބި އިރު އަނެއް ރޭލުގައި 50 އާ 60އާ ދެމެދުގެ އަދަދަކަށް މީހުން ތިބި ކަމަށް ޑިސްޓްރިކްޓު ޑެޕިއުޓީ ކޮމިޝަނަރު އުސްމާން އަބްދުﷲ ވިދާޅުވި އެވެ. އަދި ބައެއް މީހުން ރޭލު ތެރޭގައި ތާށިވެފައި ތިބިކަންވެސް އޭނާ ހާމަ ކުރެއްވި އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ އެ ހާދިސާގައި އަނިޔާވި މީހުންނާއި މަރުވި މީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރެއިލްވޭ މިނިސްޓަރު އަޒަމް ސުވާތީއަށް އަންގަވާފަ އެވެ. އަދި އެ ހާދިސާ ތަހުގީގު ކުރަން އަމުރު ކުރައްވާފަ އެވެ.

މީގެ އިތުރުން ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ ރެސްކިއު ހެލިކަޕްޓަރާއި އެމްބިއުލާންސާއި ހާއްސަ ސާޗް އެންޑް ރެސްކިއު ކުރޫތައް ހާދިސާ ހިނގި ސަރަހައްދަށް ފޮނުވާފަ އެވެ.

comment ކޮމެންޓް