ބެލަންޑިއޯގެ އާހުގައި ކަންޓޭ ނުޖެހޭ، އަމާޒު ހުރީ ޔޫރޯއަށް

ޗެލްސީއާ އެކު ކަންޓޭ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލަނީ --- ފޮޓޯ//ޔޫއެފާ

އަހަރުގެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލަންޑިއޯގެ އާހުގައި ނުޖެހޭ ކަމަށާއި، މިވަގުތު ހުރިހާ އަމާޒެއް އޮތީ ކުރިއަށް އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތަށް ކަމަށް ފްރާންސްއާއި ޗެލްސީގެ މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ބުނެފި އެވެ.

ނިމިގެން ދިޔަ ކްލަބް ފުޓުބޯޅަ ސީޒަނުގައި އެންމެ ބޮޑު ޝަރަފެއް ހޯދި ޗެލްސީގެ ކާމިޔާބީގެ މުހިއްމު ދައުރެއް އަދާކުރި ކަންޓޭ ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލާއި، ދެ ސެމީ ފައިނަލުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އަދި ޗެލްސީން އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ހޯދަން ކުރި މަސައްކަތުގައި ވެސް މުހިއްމު ދައުރެއް އަދާކުރި ކަންޓޭއަށް ގިނަބަޔަކު މިފަހުން ވަނީ ބޮޑު ތައުރީފެއް ކޮށްފަ އެވެ.

އެގޮތުން ފްރާންސްގެ ޓީމް މޭޓް ޕޯލް ޕޮގްބާ ވެސް ވަނީ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ކަންޓޭ ވާދަކުރަން ޖެހޭ ކަމަށް ބުނެފަ އެވެ. އަދި އޭނާގެ ފުލް ސަޕޯޓް އެކަމުގައި ކަންޓޭއަށް އޮތްކަން ފާހަގަކޮށް ޕޮގްބާ ބުނީ ކަންޓޭ އޭނާގެ މުހިއްމުކަން ފުރިހަމައަށް ސާބިތުކޮށްދީފައިވާ ކަމަށެވެ.

އެހެން ނަމަވެސް ލަދުރަކި ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރާ ކަންޓޭ ބުނީ މޮޅު ކުޅުންތެރިޔާގެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ. އަދި މިވަގުތު އެންމެ މުހިއްމު ކަމަކީ ކުރިއަށް އޮތް ޔޯރޯއަށް ވިސްނުން ކަމަށާއި، މޮޅު ކުޅުންތެރިޔާގެ ވާހަކ ދައްކާނީ އެ ފަހުން ކަމަށެވެ.

"މި އަޑުއިވޭ ވާހަކަތަކުން [ބެލަންޑިއޯގެ ވާހަކަ] ހިތްހަމަ ޖެހުން ލިބޭ. އެކަމަކު އަހަރެން އަބަދު ވެސް ބަލަނީ ދަނޑުމަތީގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކޭތޯ. އެކަމަކުގެ ސަބަބުން އިތުރު ބަޔަކަށް ހިތްހަމަ ޖެހުން ލިބުމަކީ އުފާކުރާ ކަމެއް." ކަންޓޭ ބުންޏެވެ.

"އަދި ބާކީ ހަވަރަކަށް މަސް އެބައޮތް. ބައިވަރު މުބާރާތްތައް ވެސް އަދި އެބަހުރި. އަދި ތަންކޮޅެއް އަވަސް ކަންނޭންގެ ބެލަންޑިއޯގެ ވާހަކަ ދައްކަން."

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެންމެ ފަހުން ހޯދި ފްރާންސް ކުޅުންތެރިއަކީ ރެއާލްގެ ކޯޗުކަމުން މިފަހުން ވަކިވި ޒައިނުއްދީން ޒިދާން އެވެ. ޒިދާން އެ މަގާމު ހޯދީ 1998 ވަނަ އަހަރު އެވެ.

comment ކޮމެންޓް