މޮޅު ކުޅުންތެރިޔާގެ މަގާމު ޑިބްރޭނާއަށް، ޒުވާން ކުޅުންތެރިއަކަށް ފޮޑެން

ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާއާއި ފިލް ފޮޑެން --- ފޮޓޯ//ލައިވްސްކޯ

ނިމިގެން ދިޔަ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުންތެރިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާއާ އެކު އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް އެ ޓީމުގެ ފޯވާޑް ފިލް ފޮޑެން ހޮވިއްޖެ އެވެ.

ބޮޑު ލީޑަކާ އެކު ލީގު ޗެމްޕިއަންކަން ސިޓީން ހޯދި ނަމަވެސް އެ ޓީމުގެ އެންމެ ބޮޑު އަމާޒަކަށްވި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ހިތްދަތި ގޮތަކަށް ޗެލްސީ އަތުން ވަނީ ބަލިވެފަ އެވެ. އެ މާޔޫސްކަމުގައި ޓީމު ދެމި ނޯންނާނެ ކަމަށް ބުނެ އަންނަ ސީޒަނުގައި ވެސް އެ ވާދައިގައި ތަށި ހޯދަން ނުކުންނާނެ ކަމަށް ސިޓީން ބުނެފައިވާ އިރު، އިނގިރޭސި ލީގުގެ އިންޑިވިޖުއަލް މުހިއްމު އެވޯޑްތަކެއް ސިޓީން ވަނީ ހޯދައިފަ އެވެ.

ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޑިބްރޭނާ އެ މަގާމާ އެކު ވަނީ ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯއާއި އާސެނަލުގެ ލެޖެންޑް ތިއޮރީ އޮންރީ ހަދާފައިވާ ރެކޯޑަކާ އެއްހަމަ ވެފަ އެވެ. އެއީ ޖެހި ޖެހިގެން ދެ އަހަރު ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ ރެކޯޑެވެ.

މިފަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޑިބްރޭނާ ހާސިލު ކުރީ މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ބުރޫނޯ ފަނަންޑޭޒްއާއި ޓޮޓެންހަމުގެ ފޯވާޑް ހެރީ ކޭންގެ އިތުރުން ސިޓީގެ އައިކޭ ގުންޑޮވާންއާއި ވާދަކޮށް ކުރި ހޯދައިގެންނެވެ.

"ކުޅުންތެރިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް. ޓީމަކާ އެކު ހުރިހާ ތަށްޓެއް ހޯދަން ބޭނުންވާ ފަދައިން އަމިއްލައަށް ލިބޭ ކާމިޔާބީތަކަކީ ވެސް ހާއްސަ އުފަލެއް ލިބޭ ކަމެއް." ޑިބްރޭނާ ރޭ ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.

މިފަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވުނު ފޮޑެން އަކީ ވެސް ގިނަ ބަޔަކު ހައިރާން ކޮށްލި ކުޅުންތެރިއެކެވެ. ޖުމުލަކޮށް އެހެން ވާދަވެރިންނަށް ވުރެން މަދު މިނަޓު ކުޅުނު ނަމަވެސް ބޮޑު ތަފާތެއް ދެއްކި ފޮޑެން އެ މަގާމު ހާސިލު ކުރީ އާސެނަލުގެ ބުކަޔޯ ސަކާއާއި ޗެލްސީގެ މޭސަން މައުންޓް އަދި ޑެކްލަން ރައީސްއާ ވާދަކޮށެވެ.

ފޮޑެން ވަނީ ނިމިދިޔަ ސީޒަނުގައި ނުވަ ގޯލް ޖަހައި ފަސް އެސިސްޓް ހަދައިފަ އެވެ.

comment ކޮމެންޓް