ޒަމީލަށް ދައުވާކުރަން ފެންނަ ނަމަ ފުލުހަށް ހުށަހަޅަން ޕީޖީ އިން އަންގައިފި

މުހައްމަދު ޒަމީލް

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޒަމީލްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭނީ އެކަށީގެންވާ ތަހުގީގަކަށް ފަހުގައި ކަމަށާއި ރައްޔިތުންގެ މަޖިލީހުން ހުށަހަޅައިގެން ދައުވާ ނުކުރެވޭނެ ކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް އަންގައިފި އެވެ.

ޒަމީލްގެ މައްސަލަ ބަލައިދިނުމަށް އެދި ރައީސް ނަޝީދު އިމްތިޔާޒު ކޮމިޓީއަށް ފޮނުއްވީ އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގަށް ވަކިވަކި ސިފައިން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރު ނުކުރެވޭނެ ކަމަށް ބުނެ ޒަމީލް ސޮއިކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެންނެވެ. އަދި ޒަމީލްގެ މައްޗަށް ޖިނާއީ ދައުވާކޮށްދިނުމަށް ރައީސް ނަޝީދުގެ އެދުމަށް މަޖިލީހުން ވަނީ ޕީޖީގައި ވެސް އެދިފަ އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު މިއަދު "ސަން" އަށް ވިދާޅުވީ މަޖިލީހުން އެދިފައި ވަނީ ޖިނާއި ދައުވާއެއް ކޮށްދިނުމަށް ކަމަށާއި، އެހެން ނަމަވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭނީ ގާނޫނު ތަންފީޒު ކުރާ އިދާރާއަކުން އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރުމަށް ފަހު ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ފަސް ވަނަ މާއްދާގައި ބުނެފައި ވަނީ ދައުލަތުން ކުރާ ކޮންމެ ޖިނާއީ ދައުވާއެއްގައި އެކުލެވިގެންވާ ކުށުގެ މައްސަލަ، އެކަށީގެންވާ މިންވަރަކަށް ތަހުގީގުކުރެވިފައި އޮންނަންވާނެ ކަމަށެވެ. އަދި ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ލިބިގެންވަނީ، ގާނޫނު ތަންފީޒުކުރާ
އިދާރާތަކަށް ކަމަށް ވެސް ބުނެފައިވެ އެވެ.

"އެހެންކަމުން މައްސަލައިގައި ޖިނާއީ ދައުވާކުރަން މަޖިލީހަށް ފެންނަ ނަމަ، މައްސަލަ ތަހުގީގީ އިދާރާއަކަށް ހުށަހަޅައިގެން ކުރިއަށްގެންދަން ވާނީ ލަފާދީފައި،" ޝަފީއު ވިދާޅުވި އެވެ.

ރައީސް ނަޝީދު ހުށަހެޅުއްވި ޒަމީލްގެ މައްސަލަ ބަލަން ފާސްނުވެ، އެ މައްސަލަ އިމްތިޔާޒް ކޮމިޓީން ވެސް ރޭ ވަނީ ބޭރުކޮށްލައިފަ އެވެ. މައްސަލަ ބޭރުކޮށްލީ އެމްޑީޕީ މެމްބަރުންގެ ވޯޓާ އެކު އެވެ.

އެ މައްސަލަ ބޭރު ކުރުމަށް އެ މެންބަރުން ތާއީދު ކުރެއްވި ސަބަބެއް ކަމަށް ކޮމިޓީގައި ވިދާޅުވެފައި ވަނީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރެވޭނެ ކަމަށް ބުނެ ފޮނުވި ސިޓީގެ މައްސަލާގައި ޒިންމާވާން ޖެހޭނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކަމަށް ވިދާޅުވެ އެވެ. އަދި އެއީ ޑެޕިއުޓީ މިނިސްޓަރު ޒަމީލް ޒިންމާވާން ޖެހޭ ކަމެއް ނޫން ކަމަށް ވެސް އެބޭފުޅުން ވަކާލާތު ކުރައްވާފައިވެ އެވެ.

ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައެއް ބޭރުކޮށްލުމަށް އެމްޑީޕީގެ މެންބަރުންތަކެއް ތާއީދު ކުރެއްވުމުން އެމްޑީޕީ ތެރޭގައި ވަނީ ވަރަށް ބޮޑަށް މައްސަލަ ހޫނުވެފަ އެވެ.

comment ކޮމެންޓް