ރާއްޖޭގައި މޮޑާނާ އަދި ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނަށް ހުއްދަ ދީފި

މޮޑާނާ އިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން.

ކޮވިޑް19 އިން ރައްކާތެރިވުމަށް އުފައްދާފައިވާ މޮޑާނާ ވެކްސިން އަދި ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ދީފި އެވެ.

އެމްއެފްޑީއޭ އިން ބުނީ ސްޕެއިންގެ މޮޑާނާ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަންގައި ދީފައިވާ ކަމަށެވެ. އެ ވެކްސިނަށް މިއަދު ހުއްދަ ދިނީ އުމުރުން 18 އަހަރުން މައްޗަށެވެ.

މޮޑާނާ ބަޔޯޓެކް ސްޕެއިންގައި އުފައްދާ އެ ވެކްސިނަކީ ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޔޫސް ލިސްޓިންގައި ހިމެނިފައިވާ އަދި 49 ގައުމެއްގައި އިމަޖެންސީ ޔޫސް އެޕްރޫވަލް ލިބި ބޭނުން ކުރަމުންދާ ވެކްސިނެއް ކަމަށްވެސް އެމްއެފްޑީއޭ އިން ބުންޏެވެ. އޭގެ ތެރޭ އެމެރިކާ އާއި ކެނެޑާ، ސްވިޒަލޭންޑް އަދި އީޔޫގެ ގައުމުތައް ހިމެނޭ ކަމަށްވެސް އެމްއެފްޑީއޭ އިން ބުންޏެވެ.

އެމްއެފްޑީއޭ އިން ބުނީ މޮޑާނާ ވެކްސިނަކީ 25- ޑިގްރީ އާއި 15- ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނެއްގައި ބަލަހައްޓަން ޖެހޭ ވެކްސިނެއް ކަމަށެވެ. އަދި އެ ވެކްސިން އެތެރެކުރުމުގެ ހުއްދަ ދީފައިވަނީ ވެކްސިން އެތެރެކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ވެކްސިން އެތެރެކުރުމަށްފަހު އަދި އެ ހިފާގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ކޯލްޑް ޗެއިން ބެލެހެއްޓުމަށް ޝަރުތުކޮށްފައި ކަމަށް ބުންޏެވެ.

ޖެންސެންގެ ވެކްސިނަށްވެސް ހުއްދަ ދީފައިވަނީ 18 އަހަރުން މައްޗަށެވެ. ޖެންސެން ފާމަސޫޓިކަލް ކޮމްޕެނީސް އޮފް ޖޯންސަން އެންޑް ޖޯންސަންގެ އެ ވެކްސިނަކީ ވެސް ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޔޫސް ލިސްޓިންގައި ހިމެނިފައިވާ އަދި 42 ގައުމެއްގައި އިމަޖެންސީ ޔޫސް އެޕްރޫވަލް ލިބި ބޭނުންކުރަމުންދާ ވެކްސިނެކެވެ.

އެ ވެކްސިން ވެސް ބަލަހައްޓަން ޖެހެނީ 25- ޑިގްރީ އާއި 15- ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނެއްގައެވެ.

އެ ވެކްސިން އެތެރެކުރުމުގެ ހުއްދަ ދީފައިވަނީ ވެކްސިން އެތެރެކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ވެކްސިން އެތެރެކުރުމަށްފަހު އަދި އެ ހިފާގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ކޯލްޑް ޗެއިން ބެލެހެއްޓުމަށް ޝަރުތުކޮށްފައި ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

އެމްއެފްޑީއޭ އިން ބުނީ މޮޑާނާ އަދި ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނަށް ހުއްދަ ދިނީ އެކަމުގައި ފުރިހަމަ ކުރަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފުރިހަމަ ކުރުމަށްފަހު، ބަލަންޖެހޭ ޓެކްނިކަލް ކަންތައް ފުރިހަމައަށް ބަލައި ދިރާސާ ކުރުމަށް ފަހު އެމްއެފްޑީއޭ އަށް ލަފާދޭ ފަމަސޫޓިކަލް ބޯޑުގެ ލަފާގެ މަތިން ކަމަށެވެ.

މޮޑާނާ އާއި ޖޯންސަން އެންޑް ޖޯންސަން ވެކްސިނުގެ އިތުރުން ކޮވިޝީލްޑް/ އެސްޓްރާޒެނެކާގެ ވެކްސިނަށާއި ފައިޒާ ވެކްސިން އަދި ސައިނޯފާމް ވެކްސިނަށާއި ރަޝިއާގެ ސްޕަޓްނިކް ވެކްސިނަށް އެމްއެފްޑީއޭ އިން ވަނޯ ރެސްޓްރިކްޓެޑް އިމަޖެންސީ ޔޫސް ސިޗުއޭޝަންގައި ބޭނުން ކުރުމުގެ ހުއްދަ ދީފަ އެވެ.

އޭގެ ތެރެއިން ރާއްޖޭގައި މިހާތަނަށް ދެމުން އަންނަނީ ކޮވިޝީލްޑް ވެކްސިންގެ އިތުރުން ފައިޒާ އަދި ސިނޮފާމް ވެކްސިން އެވެ.

comment ކޮމެންޓް