ކުރިއަށް އޮތް ސްކޫލު ބަންދުގައި، މާލެ އިން އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރު ނުކުރެވޭ ގޮތަށް، އުސޫލު އެކުލަވާލައިފި އެވެ.
މާލޭގައި ކޮވިޑް19 ފެތުރުން އިތުރުވެގެން ދިއުމާއި އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ބަލިފެތުރެމުންދާ ދަނޑިވަޅުގައި ބަލި ފެތުރުން ކޮންޓްރޯލު ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުންތަކަށް ފިޔަވައި މާލެއިން އަތޮޅު ތަކަށް ދަތުރުކުރުން ވަނީ ހުއްޓާލައިފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ރޭ ވަނީ މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރެވޭނެ ޒަރޫރީ ހާލަތްތައް އާންމުކޮށްފަ އެވެ. އެގޮތުން މާލެއިން އަތޮޅުތެރެއަށް ދަތުރުކުރުމުގައި ބަލާނީ:
1. ސިއްހީ ފަރުވާ ހޯދުމަށް މާލެއަށް އައިސް އެނބުރި ދާންޖެހުމާއި އެފަދަ މީހަކާ އެކުގައި ކޮންމެހެން ދާންޖެހުން.
2. މާލޭގައި އަދާކުރަމުންދާ ވަޒީފާ/ މަސައްކަތް ހުއްޓާލަންޖެހުން ފަދަ ކަންކަން ދިމާވެގެން މާލޭގައި އިތުރަށް ތިބުން ދަތިވެފައިވުން އަދި އެފަދަ މީހުންގެ އާއިލާއިން އެކުގައި ކޮންމެހެން ދާންޖެހުން.
3. މާލޭގައި ދިރިއުޅެވެން ނެތުމުގެ ސަބަބަން ރަށަށް ދިރިއުޅުން ބަދަލު ކުރަންޖެހުން.
4. މާލެއަށް ތައުލީމު ހާސިލުކުރުމަށް އައިސް ތައުލީމު ހާސިލުކުރުން މުޅިން ނިމިފައިވުމުން ރަށަށް އެނބުރި ދާންޖެހިފައިވުން (މީގެ ތެރޭގައި ޗުއްޓީ ލިބުން ނުވަތަ ކިޔެވުން ވަގުތީގޮތުން މެދުކެނޑިފައިވުން ނުހިމެނޭ)
5. މައިންބަފައިން ބަލިވުމާއި އަނބިމީހާ ވިހެއުން ފަދަ އާއިލާއަށް ދިމާވާ ބޮޑެތި ކަންތައްތަކާ ގުޅިގެން ރަށަށް ދާންޖެހުން
އެޗްޕއޭ އިން ބުނީ އެފަދަ ޒަރޫރީ ބޭނުންތަކަށް ދަތުރުކުރާ ފަރާތްތަކުން ދަތުރު ކުރުމަށް އެދި ޖޫން ހަވަނަ ދުވަހުން ފެށިގެން ހުށަހަޅާނީ 'ހާލުބެލުން ޕޯޓަލް' މެދުވެރިކޮށް ކަމަށެވެ.
އެގޮތަށް އެދި ހުށަހަޅާއިރު އެމީހަކު ދަތުރުކުރަނީ ޒަރޫރީ ބޭނުމުގައިކަން އަންގައިދޭ ލިޔުމެއް، ދަތުރުކުރާ ރަށުގެ ކައުންސިލުން ހޯދަން ޖެހޭނެ އެވެ. އަދި ކައުންސިލް މެދުވެރިކޮށް ހާލުބެލުމުގެ ޕޯޓަލްއަށް އަޕްލޯޑް ކުރަން ޖެހޭނެ އެވެ.
ޒަރޫރީ ހާލަތްތައް ދިމާވެގެން ދަތުރުކުރާ މީހުން މިހާރުވެސް ކަނޑައަޅާފައިވާ ގޮތުގެ މަތިން 14 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާން ޖެހޭނެ އެވެ. އަދި ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަހަށްފަހު ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވުމުންނެވެ.