ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ހަތަރު ވަނަ މީހަކު ހައްޔަރުކޮށްފި

ރަހީނުކޮށް އަނިޔާކުރި އަހްމަދު އިބްރާހިމް: އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައި

ކުޅުދުއްފުށި ސީޓީގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައާ ގުޅިގެން ހަތަރު ވަނަ މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖްގައި ބުނީ، އެ މައްސަލައިގެ ތުހުމަތުގައި މިރޭ ކޯޓު އަމުރެއްގެ ދަށުން އުމުރުން 20 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި މީގެކުރިން ވަނީ ތިން ދިވެހި ފިރިހެނުން ހައްޔަރުކޮށްފަ އެވެ. އެއީ އުމުރުން 25 އަހަރާއި 24 އަހަރު އަދި 19 އަހަރުގެ މީހެކެވެ. އެ އެންމެންވެސް ހައްޔަރު ކުރީ ކޯޓު އަމުރުގެ ދަށުންނެވެ.

ތިން މީހުންގެ ތެރެއިން އުމުރުން 19 އަހަރުގެ މީހާ ހައްޔަރު ކުރީ މިއަދެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު 29 އަހަރުގެ ދިވެހި ފިރިހެނަކު ކާރަކަށް އަރުވައިގެން ގެންގޮސް ވަނީ އަނިޔާކޮށްފަ އެވެ. އަނިޔާކޮށްފައި ވަނީ އެރަށު ރަތްފުސްގެ، އަހްމަދު އިބްރާހީމް އަށެވެ. އޭނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ވަނީ ލޭއެޅިފަ އެވެ.

އާއިލާގެ ފަރާތުން މީގެކުރިން "ސަން" އަށް ބުނެފައި ވަނީ، އަހްމަދު އިބްރާހީމް އަށް އަނިޔާކުރީ އަށް މީހަކު ކަމަށާއި، އޭގެ ތެރެއިން އެކަކު ދަންނަ ކަމަށް ފުލުހުން ގާތު އޭނާ ބުނި ކަމަށެވެ.

އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ކާރެއްވެސް މީގެ ކުރިން ގެނެސްފައިވެއެވެ. އެއީ އަހްމަދު އިބްރާޙިމް ރަހީނު ކުރުމަށް ބޭނުން ކުރި ކާރު ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.

comment ކޮމެންޓް