ޖެޓްސްކީ އެކްސިޑެންޓެއްގައި ޒުވާނަކު ވިއްސައިގެން ގޮސް ތަނބެއްގައި ޖެހި މަރުވެއްޖެ

މަރުވި ޒުވާނާ

ށ. ފުނަދޫގައި ހިނގި ޖެޓްސްކީ އެކްސިޑެންޓެއްގައި ޒުވާނަކު ވިއްސައިގެން ގޮސް މަރުވެއްޖެ އެވެ.

އެ ޒުވާނާ މަރުވެފައިވާކަން އެ ރަށު ކައުންސިލުން "ސަން"އަށް ކަށަވަރުކޮށްދެ އެވެ. އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ 22 އަހަރުގެ ޝުނާން ޝަރީފެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖްގައި ބުނީ، މިއަދު ހަވީރު މަރުވީ ފުނަދޫ ދައްފަޅުގައި ދުއްވި ޖެޓްސްކީއެއް އަނބުރާލި ވަގުތު އެ ޖެޓްސްކީގެ ފަހަތުގައި އައްސާފައި އޮތް ސީބެޑުގައި އިން މީހެއް ކަމަށެވެ.

އެވަގުތު ސީބެޑުގައި އިތުރު މީހަކު ވެސް އިނެވެ. ނަމަވެސް އެމީހާ ވަނީ ސީބެޑުން ފުންމާލައިފަ އެވެ.

މަރުވި ޒުވާނާ ވިއްސައިގެން ގޮސް ޖެހުނީ އެއްގަމުގައި ޖަހާފައި ހުރި ހަޓެއްގެ ތަނބެއްގައި ކަމަށް ފުލުހުން ބުންޏެވެ.

"ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އެ މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.

ށ. ފުނަދޫ ގޮޑުދުށް: ޒުވާނާ މަރުވެފައިވަނީ މިތަނުގައި ޖަހާފައި ހުރި ހަޓެއްގެ ތަނބެއްހައި ޖެހި ކަމަށް ފުލުހުން ބުނޭ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހުށ

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.

ނޯޓް: މި ހަބަރުގައި ކުރިން ޒުވާނާ ވިއްސައިގެން ގޮސް ޖެހުނީ ދަގަނޑުގަނޑެއްގައި ކަމަށާއި އަދި ވިއްސައިގެން ދިޔައީ ޖެޓްސްކީގެ ފަހަތުގައި އިން މީހާ ކަމަށް ލިޔެވިފައި ވަނީ، ފުލުހުން އޭރު ދިން މައުލޫމާތަށް ބިނާކޮށެވެ. ނަމަވެސް ފަހުން ފުލުހުން ދިން މައުލޫމާތާ އެއްގޮތަށް ހަބަރަށް ވަނީ ބަދަލުގެނެވިފަ އެވެ.

comment ކޮމެންޓް