ރެފްރިޖަރޭޝަން އަދި އޭސީ މަސައްކަތްކުރާ މީހުން ސެޓިފައި ކުރަނީ

ތިމާވެއްޓާއި ރައްޓެހި އުސޫލުން ރެފްރިޖަރޭޝަން އަދި އެއާ ކޮންޑިޝަނިން ސާވިސް ކުރުމުގައި ހަރަކާތްތެރިވާ ޓެކްނީޝަނުންނަށް ބޭނުންވާ ސެޓިފިކޭޝަން އަދި ލައިސަންސިން ސިސްޓަމް ތައްޔާރުކުރުމަށް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި އެފްޖޭއެސް އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާ އެވެ. އެފްޖޭއެސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓަރު ފަރީހާ ޝަރީފްއެވެ.

އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރާ ރެފްރިޖަރޭޝަން އަދި އެއާ ކޮންޑިޝަނިންްގެ މަސައްކަތްކުރާ ޓެކްނީޝަނުންނަކީ މަސައްކަތުގެ ފަންނީ ހުނަރާއި އިލްމު ލިބިފައިވާ ބައެއްކަމުގައި ހެދުމަށް ސެޓިފިކޭޝަން އަދި ލައިސަންސިންގް ސިސްޓަމްއެއް ތައްޔާރު ކުރާނެ އެވެ. އަދި އެދާއިރާގައި މަސައްކަތް ކުރާ ސާވިސިން ޓެކްނީޝަނުންނަކީ ލައިސަންސް ލިބިފައިވާ ބަޔަކަށް ވާނެ އެވެ.

ޖައްވު ހޫނުވުމަށް މެދުވެރިވާ ވިހަ ގޭސްތައް މަދުކުރުމަށް އެފަދަ ގޭސްތައް ބޭނުން ކުރާ އާލާތްތައް ބަރާބަރަށް މަރާމާތުކޮށް ސާވިސް ކުރުން މުހިއްމު ކަމަށާއި އެެފަދަ އާލާތްތައް މަރާމާތުކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރަށް ހަރުދަނާކޮށް، އެ ފަރާތްތަކަކީ ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީތަކަށް އަހުލުވެރި ބަޔަކަށްވުމަކީ، މިފަދަ ވިހަ ގޭސްތައް މަދުކުރުމަށް އެޅޭނެ މުހިއްމ ފިޔަވަޅެއް ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް