ގޮތްހުސްވެ، ތަހުލީލީ މަރުހަލާ ނުނިމޭ ވެކްސިންއެއް ގަތުމަށް އިންޑިއާ ސަރުކާރުން ނިންމައިފި

ނިއުދިއްލީ (ޖޫން 5) : އެމެރިކާއަށް ފަހު ދެން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ ބަލި މީހުން ތިބި ގައުމު ކަމަށްވާ އިންޑިއާއަށް ކޮވިޑް ވެކްސިން ލިބުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުމުން ތަހުލީލީ މަރުހަލާ ނުނިމޭ ވެކްސިން އެއް ގަތުމަށް އިންޑިއާ ސަރުކާރުން ނިންމައިފި އެވެ.

އިންޑިއާ ވެކްސިން އަށް ޖެހުނީ އެގައުމުގައި ކޮވިޑް ފެތުރޭ މިންވަރު ކޮންޓްރޯލް ނުކުރެވިގެން

އިންޑިއާގެ ސިއްހަތާބެހޭ ވުޒާރާ އިން ބުނި ގޮތުގައި ކޮވިޑް ފެތުރޭ މިންވަރު ކޮންޓްރޯލް ނުކުރެވި އެބަލި އާދަޔާ ޚިލާފަށް ފެތުރެމުންދާތީ ބޭނުންވާ މިންވަރަށް ވެކްސިން ހޯދުމަށް ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާންޖެހިފަ އެވެ.

އިންޑިއާގެ "ބަޔޮލޮޖިކަލް އީ ލިމިޓެޑް"ގެ ބައެއް ވެރިން

މިދަތިތަކާ ގުޅިގެން މިހާރު ވަނީ އެގައުމުގެ ހައިދަރު އާބާދުގައި މަރުކަޒު ހުންނަ ކުންފުންޏެއްކަމަށްވާ "ބަޔޮލޮޖިކަލް އީ ލިމިޓެޑް" އިން އުފައްދާފައިވާ ކޮވިޑް ވެކްސިންގެ 300 މިލިޔަން ޑޯޒް ގަތުމަށް ނިންމައިއެކަމާ ބެހޭ އެއްބަސްވުމެއްގައި އެކުންފުންޏާ އެކު ސޮއިކޮށްފައި ކަމަށް އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ. މިއީ 205 މިލިޔަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއް ކަމަށް އިންޑިއާގެ ނޫސްތައް ބުނެ އެވެ.

އިންޑިޔާއަކީ އެކިބާވަތުގެ ވެކްސިންތައް އުފެއްދުމުގެ ގާބިލްކަން އެންމެ ބޮޑު ގައުމު

އިންޑިއާއަކީ ދުނިޔެއަށް ބަލާއިރު ވެސް އެކިބާވަތުގެ ވެކްސިންތައް އުފެއްދުމުގެ ގާބިލްކަން އެންމެ ބޮޑު ގައުމެވެ. ނަމަވެސް އިންޑިއަން ވޭރިއަންޓްގެ ގޮތުގައި އެގައުމުގައި ދާދިފަހުން ފާޅުވެގެންދިޔަ ކޮވިޑްގެ އައު ވޭރިއަންޓާ އެކު އިންޑިއާއަށް އައި ކޮވިޑްގެ ބޮޑުރާޅާ އެކު ދުވާލަކު އެތަށް ލައްކަ ބަޔަކު އެބައްޔަށް ޕޮޒިޓިވްވެ އެތައް ހާސްބަޔަކު އެބަލީގައި މަރުވާން ފެށުމުން އިންޑިއާގެ ސިއްހަތާބެހޭ ނިޒާމު ވަނީ ނުކުޅެދޭ ހާލަތަށް ގޮސް އިނދަޖެހިފަ އެވެ.

އިންޑިއާގައި ކޮވިޑް ވެކްސިން ޖަހަންޖެހޭ އުމުރުގެ 950 މިލިޔަން މީހުން އެބަތިބި

އިންޑިއާގެ ވެކްސިންގެ ހާލަތަށް ބަލާ އިރު އެގައުމުގެ 18 އަހަރުން މަތީ އާބާދީގައި ގާތްގަނޑަކަށް 950 މިލިޔަން މީހުން ހިމެނޭތީ އެމީހުންނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށް ވެސް މަދުވެގެން 950 މިލިޔަން ޑޯޒު ބޭނުންވެ އެވެ. އިންޑިއާގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ ގާތްގަނޑަކަށް ހަތް ޕަސެންޓް މީހުންނެވެ. ދެވަނަ ޑޯޒް ދީފައި ވަނީ ކޮވިޑްގެ ވެކްސިން ޖަހަން ޖެހޭ 950 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން ގާތްގަނޑަކަށް ފަސް ޕަސެންޓް މީހުންނެވެ.

އިންޑިޔާގައި އުފައްދަނީ ދެބާވަތެއްގެ ކޮވިޑް ވެކްސިން

އިންޑިއާގައި އުފައްދަމުން ގެންދިޔައީ ދެބާވަތެއްގެ ކޮވިޑް ވެކްސިން އެވެ. އެއްބާވަތަކީ އިނގިރޭސިވިލާތާއި ސްވިޑްންގެ އެސްޓްރާޒެނެކާ ކުންފުނިން އިޖާދުކުރި އެސްޓްރާޒެނެކާ ވެކްސިން އެވެ. ކޮވިޝީލްޑްގެ ނަމުގައި އަންޑާ ލައިސަންސްގެ ދަށުން އެ ވެކްސިން އިންޑިއާގައި އުފައްދަމުން ގެންދިޔައީ "ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ" އިންނެވެ. ދެވަނަ ބާވަތަކީ ވެކްސިން އާ އަދި ބޭހާބެހޭ ރީސާޗްތައް ފުޅާދާއިރާއެއްގައިކުރާ އިންޑިއާގެ ކުންފުންޏެއްކަމަށްވާ "ބާރާތު ބަޔޮޓެކް" ކުންފުނިން އުފައްދާ ކޯވެކްސިން އެވެ.

ރަޝިއާއިން އީޖާދުކޮށްފައިވާ "ސްޕަޓުނިކް V" ވެކްސިން އުފައްދަން އިންޑިއާ މަސައްކަތް ކުރަނީ

އިންޑިއާގެ ބޮޑު އާބާދީއަށް މިވަގުތަށް ބޭނުންވާ މިންވަރާ ގާތްކުރާ ވަރަށް ވެސް މި ދެ ވެކްސިން ނުއުފެއްދެ އެވެ. މިހާލަތާ ގުޅިގެން އިންޑިއާއިން ވަނީ އެގައުމުން އުފައްދާ އެއްވެސް ވެކްސިން އެއް ބޭރުގައުމަކަށް ދިނުން މުއްދަތެއް ނެތްގޮތަށް މަނާކޮށްފަ އެވެ.

ހައިދަރު އާބާދުގައި ހުންނަ "ބަޔޮލޮޖިކަލް އީ ލިމިޓެޑް"ގެ މައި މަރުކަޒު

އަދި ވެކްސިން މަދުވުމުގެ ދަތިހާލަތުން އަރައިގަތުމަށް ޓަކައި އިންޑިއާ ގެންދަނީ ރަޝިއާ އިން އީޖާދުކޮށްފައިވާ "ސްޕަޓުނިކް V " އަންޑާ ލައިސަންސްގެ ދަށުން އިންޑިއާގައި އުފެއްދުމުގެ ހުއްދަ ހޯދުމަށް ރަޝިއާ ސަރުކާރާ ވާހަކަ ދައްކަމުންނެވެ.

އިންޑިއާއިން ގަންނަނީ ތަހުލީލީ މަރުހަލާ ނުނިމޭ ވެކްސިން އެއްގެ 300 މިލިޔަން ޑޯޒް

އިންޑިއާގެ ކުންފުންޏެއްކަމަށްވާ "ބަޔޮލޮޖިކަލް އީ ލިމިޓެޑް" އިން އީޖާދުކޮށްފައިވާ ކޮވިޑް ވެކްސިންގެ 300 މިލިޔަން ޑޯޒް ގަތުމަށް އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ނިންމާފައިވީ ނަމަވެސް އެވެކްސިންއަކީ އޭގެ ތަހުލީލީ މަރުޙަލާ މުޅިން ނުނިމޭ ވެކްސިންއެކެވެ. ތަހުލީލީ މަރުހަލާ ނުނިމުނު ނަމަވެސް އިމާޖެންސީ ހާލަތްތަކުގައި އެވެކްސިން ބޭނުންކުރުން އެންމެ ރަނގަނޅު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

comment ކޮމެންޓް