މިޝްކާގެ މަރު: އުސޫލުތަކާ ހިލާފު އެތައް ކަމެއްގެ ނަތީޖާ

ކޮވިޑް 19ގައި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު މަރުވާން ދިމާވުވުމުގައި، ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލުނުކުރުގެ އެތައް ކަމެއް ހިމެނޭކަން، ކޭސް ރިވިއު އިން ހާމަވެއްޖެ އެވެ.

މިޝްކާގެ މަރާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރިއަށް ގެންދިޔަ ކޭސް ރިވިއު މިހާރު ވަނީ އާންމުކޮށްފަ އެވެ. އެ ރިވިއުގައި އާންމުކޮށްފައި ވަނީ މިޝްކާ އަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އަމަލުކޮށްފައިވަ ގޮތާއި، ހަރަކާތްތެރިވެފައިވާ ގޮތް ދެނެގަތުމަށް އެއްކޮށްފައިވާ މައުލޫމާތާއި ފާހަގަވި ކަންތައްތަކެވެ.

އެގޮތުން އެޗްއީއޯސީ އިން ހިދުމަތް ދިނުމަށް އެކުލަވާލާފައިވާ ކްލަސްޓާތައް ކަމުގައިވާ، ކޯލް ސެންޓަރު، މެޑިކަލް ރެސްޕޯންސް ޓީމް (ޑީއެމްއާރްޓީ)، ކްލިނިކަލް މެނޭޖްމަންޓް އެންޑް އެޑްވައިޒަރީ ޓީމް (ސީމެޓް)، އަދި އެމާޖެންސީ މެޑިކަލް ސާވިސަސް (އީއެމްއެސް) އިން އަމަލުކޮށްފައިވާ ގޮތް ވަނީ ބަލައި، މިހާރު އެކުލަވާލައި އަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތަށް އަމަލުކޮށްފައި ވޭތޯ ވަނީ ބަލައިފަ އެވެ.

އެ ރިވިއުގައި، މިޝްކާގެ ފަރާތުން ކޮވިޑްގެ އަލާމާތްތައް ފެނި، ސާމްޕަލް ނެގި ދުވަހުން ފެށިގެން ކކަން ހިނގާފައިވާ ގޮތް ވަނީ ބަޔާންކޮށްފަ އެވެ.

ޑޮކްޓަރެއްގެ ކޮންސަލްޓޭޝަން ފޯރުކޮށްނުދޭ، ހާލު ބަލަން ނުގުޅާ!

ބަލީގެ އަލާމާތތްތައް ފެނުމާ ގުޅިގެން މިޝްކާ ކޮވިޑަށް ޓެސްޓުކުރީ މެއި މަހުގެ 28 ވަނަ ދުވަހު އެވެ. މިޝްކާ ކޮވިޑް19 އަށް ޕޮޒިޓިވްކަން އެންގީ 30 ވަނަ ދުވަހު އެވެ.

ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން، ޑޮކްޓަރެއްގެ ކޮންސަލްޓޭޝަން ބޭނުންތޯ އެހުމުން، ކޮންސަލްޓޭޝަން ބޭނުންވާކަމަށް ބެލެނިވެރިޔާ އެދިފައިވާ ކަމަށް ރިވިއުގައި ބުނެ އެވެ. އެކަން ޝީތުގައި ފާހަގަކުރި ނަމަވެސް، އެ ހިދުމަތް ފޯރުކޮށްދީފައި ނުވާ ކަމަށް ރިވިއުގައި ވަނީ ފާހަގަކޮށްފަ އެވެ.

ރިވިއުގައި ބުނެފައި ވަނީ، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން، މައުލޫމާތު ޝީޓަށް އެއްކުރާ ހުރިހާ މައުލޫމާތެއް، އައުޓްބްރޭކް (އޯބީ) ސިސްޓަމަށް އަޅަންޖެހެ އެވެ. ނަމަވެސް އެ މައުލޫމާތު ސިސްޓަމަށް އަޕްޑޭޓު ކޮށްފައެއް ނުވެ އެވެ.

އުސޫލު ހަމަޖެހިފައިވާ ގޮތުން، ކޮވިޑަށް ޕޮޒިޓިވްބާ 15 އަހަރުން ދަށުގެ ހުރިހާ ކުދިންނަށް ކެއާ ކްލަސްޓާގެ ފަރާތުން ގުޅައި ހާލު ބަލަންޖެހެ އެވެ. ނަމަވެސް އެ ދެ ދުވަހުގެ ތެރޭގައި ވެސް ކެއާ ކްލަސްޓާއިން މިޝްކާގެ ހާލު ބެލުމަށް ބެލެނިވެރިޔާއަށް ގުޅާފައި ނުވާކަން ވަނީ ހާމަވެފަ އެވެ.

31 މެއިގައި ކަން ހިނގި ގޮތް!

ކޭސް ރިވިއުގައި ބުނެފައި ވަނީ، މިޝްކާ ހުން ގަދަވާ ކަމަށާއި އެއްވެސް އެއްޗެއް ނުކެވޭކަމާއި، ވަރުބަލިވެ ކެއްސާކަން އެ ދުވަހުގެ މެންދުރު 14:20 ހާއިރު، ބެލެނިވެރިޔާގެ ފަރާތުން ކޯލް ސެންޓަރަށް އަންގާފައިވާ ކަމަށެވެ.

އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ޖެނެރަލް ކޮންސަލްޓޭޝަނެއް ހެދުމަށް ޑީއެމްއާރްޓީގެ ޑޮކްޓަރަކު ގުޅާފައި ވަނީ 15:53 ގައެވެ. އަދި އެވަގުތު ބޭނުންކުރަމުން ދިޔަ ބޭސް ބޭނުންކުރަމުން ދިއުމަށާއި، އިތުރު ކަމެއް ދިމާވެއްޖެ ނަމަ އަލުން ގުޅުމަށް ޑޮކްޓަރު އިރުޝާދު ދެއްވި އެވެ.

މިޝްކާގެ ހާލު އިތުރަށް ގޯސްވާތީ، ބެލެނިވެރިޔާ ކޯލް ސެންޓަރަށ ގުޅީ އެ ރޭ 21:06 ގައެވެ. މިޝްކާއަށް ނޭވާލާން އުނދަގޫވެ، އަތް ތަޅުވާ ހަދާ ކަމަށާއި ވީހާވެސް އަވަހަށް ޑޮކްޓަރަށް ދައްކަން ބޭނުން ކަމަށް ބެލެނިވެރިޔާ ވަނީ ބުނެފަ އެވެ.

އެ މައުލޫމާތާ ގުޅިގެން، 21:53 ގައި ޑީއެމްމްއާރްޓީގެ ޑޮކްޓަރަކު މިޝްކާގެ ބެލެނިވެރިޔާއަށް ގުޅަން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ގުޅިފައި ނުވާކަމަށް ރިވިއުގައި ބުނެ އެވެ. ބެލެނިވެރިޔާއަށް ނުގުޅުނު ނަމަވެސް، ޑީއެމްއާރްޓީން މައުލޫމާތު ޝީޓަށް އެޅީ އެކަމަށް "އެޓެންޑު" ކުރެވިފައިވާ ކަމަށެވެ.

ޑޮކްޓަރުގެ ކޯލް މިސްވުވުމުން، 22:06 ގައި ބެލެނިވެރިޔާ ވަނީ އަލުން ކޯލް ސެންޓަރަށް ގުޅައިފަ އެވެ. އަދި ކުއްޖާއަށް ނޭވާލާން އުނދަގޫވާކަމުގެ މައުލޫމާތު ދީފައިވެ އެވެ.

އެ މައުލޫމާތު ވަގުތުން ސިސްޓަމަށް އަޅައި، ޑިއެމްއާރްޓީން ޑޮކްޓަރަކު ބެލެނިވެރިޔާއަށް ގުޅީ 22:33 ގައެވެ. ޑޮކްޓަރު ގުޅުމުން މިޝްކަ ކޮވިޑަށް ޕޮޒިޓިވް ކަމާއި، އެއް ދުވަސް ވަނދެން ނޭވާލާން އުނދަގޫވެ، ދެ ދުވަސް ވަނދެން ހިކި ކެއްސުމެއް ހުރި ކަމާއި އަދި ހަ ދުވަސް ވަންދެން ގަދައަށް ހުން އަންނަކަމުގެ މައުލޫމާތު ދީފައިވެ އެވެ.

ހަމައެއާއެކު މިޝްކާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމާއި، ދާއިމީ ބޭހެއް ނުކުރި ނަމަވެސް ބަލި ހާލަތުގެ ސަބަބުން ވަމުންދާ އުނދަގޫތައް ކިޔައި ނުދެވޭކަން ވެސް ބެލެނިވެރިޔާ ވަނީ ޑޮކްޓަރާ ހިއްސާކޮށްފަ އެވެ.

ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން، ޑޮކްޓަރު ވަނީ އެ މައުލޫމާތު ސީމެޓަށް ފޮނުވައިފަ އެވެ.

އެމްބިއުލާންސް ފޮނުވީ އާއިލާއިން ދަރުުބާރުގެއަށް ގޮސް އަންގައިގެން!

"އެމްބިއުލާންސް އެކްޓިވޭޓް ކުރަން ކަނޑައަޅާފައިވަ ދެ ކްލަސްޓާ ކަމުގައިވާ، ޑިއެމްއާރްޓީ އާއި ސީމެޓަށް ވެސް މިމައުލޫމާތު ހިއްސާކުރެވިފައި ވީނަމަވެސް، އެމްބިއުލާންސް ދާން އަންގާފައި ނުވާކަން ފާހަގަކުރެވެ އެވެ." ކޭސް ރިވިއުުގައި ވެއެވެ.

ރިވިއުގައި ބުނެފައި ވަނީ، އެ ރޭގެ 23:16 އިން 23:33 އާ ދޭތެރޭ، ފަސް ފަހަރު ބެލެނިވެރިޔާ ކޯލް ސެންޓަރަށް ގުޅި ކަމަށެވެ. އަދި އެއް ކޯލުގައި ކުއްޖާގެ ހާލު ދަށްވާކަމާއި، ހޭނެތިފައިވާ ކަަމާއި ނޭފަތުން ލޭ އަންނަ ކަމުގެ މައުލޫމާތު ވެސް ބެލެނިވެރިޔާ ވަނީ ދީފަ އެވެ.

ހަމައެއާއެކު، އެމްބިއުލާންސް ފޮނުވާނެ ކަމަށް ބުނި ނަމަވެސް އެމްބިއުލާންސް އައިސްފައިނުވާކަން ވެސް ބެލެނިވެރިޔާ ވަނީ ފާހަގަކޮށްފަ އެވެ.

"އަދި އެމްބިއުލާނސް ފޮނުވާފައިވާކަމަށް ކޯލް ސެންޓަރުގެ ފަރާތުން ވެސް ބުނެފައިވީނަމަވެސް އެމްބިއުލާންސް އެކްޓިވޭޓް ކޮށްފައެއް ނުވެއެވެ." ރިވިއުގައި ބުނެފައިވެ އެވެ.

އެމްބިއުލާންސް ދިއުން ލަސްވެގެން 23:27 ގައި ބެލެނިވެރިޔާގެ ފަރާތުން މީހަކު ވަނީ އެޗްއީއޯސީ ހިންގާ ދަރުބާރުގެ އަށް ވެސް ގޮސްފަ އެވެ. އެމްބިއުލާނސް ބޭނުންވާކަމަށް އެޗްއީއޯސީގެ ފެސިލިޓީ މެނޭޖްމަންޓް ކްލަސްޓާ އިން އީއެމްއެސް އަށް އެންގީ އޭގެ ފަހުން، 23:32 ގައެވެ. އަދި 23:33 ގައި އީއެމްއެސް އިން ވަނީ ބެލެނިވެރިޔާއަށް ގުޅާއި، އެމްބިއުލާންސް ދާނެކަމަށް އަންގައިފަ އެވެ.

އޭގެ ފަސް މިނެޓު ފަހުން، 23:38 ގައި އެގެއަށް އެމްބިއުލާންސް ދިޔަ އެވެ. ނަމަވެސް އޭރު ކުއްޖާގެ ހަަރަކާތެއް ނެތެވެ. ވަގުތން ސީޕީއާރް ދޭން ފަށައި، މިޝްކާ އައިޖީޢެމްއެޗްގެ އީއާރަށް ގެންދެވުނީ 23:42 ގައެެވެ.

އައިޖީޢެމްއެޗްގެ އީއާރްގައި ފަރުވާދެމުން ދަނިކޮށް މިޝްކާ މަރުވީ އެ ރޭ 12:10 ހާއިރު އެވެ.

އެއީ އިމަޖެންސީ ހާލަތެއް ކަމަށް ބަލާފައެއް ނެތް!

މި ހާދިސާ އާ ގުޅިގެން ކުރިއަށް ގެންދިޔަ ކޭސް ރިވިއުގައި ބުނެފައި ވަނީ ސިއްހީ ހިދުމަތް ފޯޜުކޮށްދިނުމުގައި މިއީ އިމާޖެންސީ ހާލަތެއް ކަމުގައި ބަލާފައި ނުވާކަމަށާއި، އެފަދަ ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތަށް އަމަލުކޮށްފައި ނުވާ ކަމަށެވެ.

ހަމައެއާއެކު، އެމްބިއުލާންސް ޓްރިގާ ކުރަންޖެހޭ ވަގުތުގައި އެކަން ކޮށްފައި ނުވާކަމަށެވެ. މިޝްކާގެ ކޭސް އަކީ އިމަޖެންސީއެއްގެ ގޮތުގައި ރިޕޯޓުކުރެވުނު ހިސާބުން ފެށިގެން އެމްބިއުލާންސް އެކްޓިވޭޓް ނުކުރެވި ދެ ގަޑިއިރާއި 26 މިނެޓު ހޭދަވެފައިވެ އެވެ.

އެއީ އިމަޖެންސީ ހާލަތަކަށް ވީއިރު، އަދި ޑިއެމްއާރްޓީ އާއި ސީމެޓަށް މައުލޫމާތު ހިއްސާކުރެވި، އަމަލުކުރަންޖެހޭ އުސޫލުތަކާ އެއްގޮތަށް އެމްބިއުލާންސް ފޮނުވާފައި ނުވާކަމަށް ވެސް ރިވިއުގައި ފާހަގަކޮށްފައިވެއެވެ.

ކޭސް އާ ގުޅިގެން ލިބިފައިވާ ކޯލް ލޮގަށް ބަލާއިރު، ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި އެހީޢަށް ބޭނުންވެފައިވާ އަވަސް މިންވަރު ކޯލް ސެންޓަރަށް ބެލިފައި ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.

އިމަޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް) އަށް ކޭސްގެ މައުލޫމާތު ލިބުމާއެކު ވަގުތުން އެމްބިއުލާންސް އެކްޓިވޭޓްކޮށް 10 މިނެޓުގެ ތެރޭގައި ކުއްޖާ ހޮސްޕިޓަލަށް ގެންދެވުނުކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ، އެ ރިވިއުން ފާހަގަކުރެވުނު ކަންތައްތަކާ ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

comment ކޮމެންޓް