ކެނެޑާއިން ވެސް ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭން ނިންމައިފި

މޭ 1، 2021: ވެކްސިން ކިޔޫ އެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކެނެޑާއިން ވެސް ރާއްޖެއަށް ކޮވިޑް-19 ވެކްސިން ހަދިޔާ ކުރަން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

ކެނެޑާއިން ސްރީލަންކާއަށާއި ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ހައި ކޮމިޝަނަރު ޑޭވިޑް މެކިނޮން ވަނީ ކެނެޑާއިން ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް ވެކްސިން ފޯރުކޮށްދިނުމުގައި އެހީތެރިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ކެނެޑާއިން ކޯވެކްސް ފެސިލިޓީއަށް 220 މިލިއަން ކެނޭޑިއަން ޑޮލަރު ވެކްސިން ގަތުމަށް ހަދިޔާކޮށްފައިވާކަމަށް މެކިނޮން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ. މެކިނޮންގެ ޓުވީޓުގައި ވިދާޅުވެފައި ވަނީ ކެނެޑާއިން ފޯރުކޮށްދިން އެހީއިން ރާއްޖެއަށާއި ސްރީލަންކާއަށް ވެކްސިން ލިބޭނެކަމަށާއި އަދި އެކަމަށްޓަކައި އުފާކުރައްވާ ކަމަށެވެ.

ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް ކެނެޑާއިން ރާއްޖެއަށް ފޯރުކޮށްދެނީ ކިހާ އަދަދެއްގެ އަދި ކޮން ވައްތަރެއްގެ ވެކްސިނެއްކަމެއް މެކިނޮން ހާމައެއް ނުކުރައްވަ އެވެ. އެހެންމަަވެސް ރާއްޖޭގައި މިވަގުތު ހުއްދަދީފައިވަނީ ފައިޒާ ވެކްސިން، އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިން، ޗައިނާގެ ސިނޮފާމް ވެކްސިން އަދި ރަޝިޔާގެ ސްޕަޓްނިކް ވީ ވެކްސިން އަށް އެކަންޏެވެ.

ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެކަން ކެނެޑާއިން އިއުލާންކޮށްފައިވާ މި ދަނޑިވަޅަކީ ރާއްޖެއިން ވެކްސިން ސަޕްލައި މަދުވެ، ކޮވިޝީލްޑުގެ ވެކްސިން މުޅިން ހެން ހުސްވެފައިވާ ދަނޑިވަޅެކެވެ.

އިންޑިޔާގެ ހާލަތާއިއެކު ވެކްސިން ލިބުމަށް ދަތިވެފައިވާ މި ދަނޑިވަޅުގައި ރާއްޖެއިން ދަނީ ރަޝިޔާއިން ސްޕަޓްނިކް ވެކްސިން ލިބޭތޯ މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވީ މި މަސް ތެރޭ ކޮވިޝީލްޑްގެ ވެކްސިން ލިބޭނެކަމަށް ބެލެވޭ ކަމަށް ވިދާޅުވެފަ އެވެ.

ކެނެޑާއިން ރާއްޖެއަށް ވެކްސިންގެ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާއިރު އެމެރިކާއިންވެސް ވަނީ ރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިވެ ވެކްސިން ފޯރުކޮށްދޭނެކަމަށް ބުނެފަ އެވެ. އެމެރިކާއިން ވަނީ މިއަދު ރާއްޖެއަށް ސިއްހީ ސާމާނުވެސް ހަދިޔާކޮށްފަ އެވެ.

ރާއްޖޭގެ ހެލްތު މިނިސްޓްރީގެ ފަރާތުން ކެނެޑާ އަދި އެމެރިކާއިން ފޯރުކޮށްދޭން ނިންމާފައިވާ ވެކްސިނާއި ގުޅޭ ގޮތުން އަދި ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ކޯވެކްސް ފެސިލިޓީއަކީ އަވަސް ގޮތެއްގައި ކޮވިޑް-19 ވެކްސިން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ ހުރިހާ ގައުމަކަށް އެއް ހަމައެއްގައި ފޯރުކޮށްދީ، ކޮވިޑް-19 އާއި ގުޅޭ އެހެން ސިއްހީ ސާމާނުވެސް ފޯރުކޮށްދިނުމަށް ގަވީ ވެކްސިން އެލަޔެންސްގެ ދަށުން އުފެއްދި ޕްރޮގްރާމެކެވެ.

ކޯވެކްސްގެ ދަށުން މިހާތަނަށް 80 މިލިއަނަށްވުރެ ގިނަ ކޮވިޑް-19 ވެކްސިން 129 ގައުމަކަށް ފޮނުވާފައިވެ އެވެ. މީގެ ތެރެއިން ރާއްޖެއަށް މިހާތަނަށް ކޮވިޝީލްޑް ވެކްސިންގެ 12،000 ޑޯޒްގެ ވަނީ ފޯރުކޮށްދީފަ އެވެ.

ކޯވެކްސްގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ ފަގީރު ގައުމުތައް އަދި ކުރިއަރަމުން އަންނަ ގައުމުތަކަށްވެސް މުއްސަނދި ބޮޑެތި ގައުމުތަކާއި އެއްވަރަކަށް ވެކްސިން ލިބުމުގައި އެހީތެރިވެދީ އެ މަސައްކަތަށް ފުޅާކުރުމެވެ.

އެހެންނަމަވެސް ބޮޑެތި ބައެއް ގައުމުތަކުން ކޯވެކްސް ފެސިލިޓީއަށް އެއްބާރުލުން އެކަށީގެންވާ މިންވަރަށް ނުދީ، ކޮވިޑް-19 ވެކްސިންގެ ސަޕްލައި އެގައުމުތަކުގެ ބޭނުމަށް ހިފަހެއްޓުމުގެ ސަބަބުން ކޯވެކްސް ފެސިލިޓީއަށް ސަޕްލައި ދަށްވެ، ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށާއި އަދި މީގެ ސަބަބުން ކޮވިޑް-19 ހުއްޓުވުމަށް ދަތިތަކާއި ކުރިމަތިވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

comment ކޮމެންޓް