ވިލިމާލޭ ފެރީ އަދި ޓާމިނަލް އޭސީ ކުރަން ނިންމައިފި

ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން --

މާލެ އާއި ވިލިމާލެ އާ ދެމެދު ދަތުރުކުރާ ފެރީތައް އޭސީކޮށް ފެރީ ޓާމިނަލް ވެސް އޭސީ ކުރަން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލްގައި ވިލިމާލޭ ދާއިރާ ތަމްސީލު ކުރައްވާ ނަހުލާ އަލީ ވިދާޅުވީ ވިލިމާލޭގެ ފެރީ ޓާމިނަލް އަދި ފެރީ އޭސީ ކުރުމަށް ކައުންސިލަށް ހުށަހެޅުއްވުމުން، އިއްޔެ ކައުންސިލުން އެކަން ފާސްކޮށްފައިވާ ކަމަށެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ އެ ބަދަލު ގެނައުމަށް ކައުންސިލުން އެމްޓީސީސީ އާއެކު ވަރަށް އަވަހަށް މަޝްވަރާ ފަށާނެ ކަމަށެވެ. މާލެ އާއި ވިލިމާލެ އާއި ދެމެދު ފެރީގެ ހިދުމަތް ދެނީ އެމްޓީސީސީ އިންނެވެ.

"އިރާދަ ކުރެއްވިއްޔާ މި ބަލަނީ ތިން މަސް ތެރޭ އެ ބަދަލު ފެންނާނެ ކަމަށް،" ނަހުލާ ވިދާޅުވި އެވެ.

ކައުންސިލަރު ނަހުލާ ވިދާޅުވީ ވިލިމާލެ ފެރީ އާއި އެ އަވަށުގެ އެތެރޭގެ ދަތުުރުފަތުރާ ގުޅޭ ގޮތުން ވިލިނގިލީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެތެރޭގެ ދަތުރުފަތުރުގެ ހިދުމަތް 24 ގަޑިއިރު ނުލިބޭ ޝަކުވާ ވެސް ލިބޭ ކަމަށާއި އެކަމަށް ހައްލެއް ހޯދަން ވެސް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

"ކައުންސިލް ބައްދަލުވުމަކަށް ހުށަހަޅައިގެން މިހާރު ފާސްކޮށްފައިވާނެ ވިލިމާލޭ އެތެރޭ ދަތުރުފަތުރުގެ ހިދުމަތް ދޭން އިތުރު ބަޔަކަށް ހުޅުވާލުމަށް. ބޭނުމަކީ 24 ގަޑިއިރު ރައްޔިތުންނަށް ހިދުމަތް ލިބެން ހުރުން،" ނަހުލާ ވިދާޅުވި އެވެ.

ވިލިމާލޭގައި އެތެރޭގެ ދަތުރުތަކަށް މިހާރު ބަގީ ބޭނުން ކުރާއިރު، ހުރިހާ ވަގުތަކު ހިދުމަތް ލިބެން ނެތުމަކީ ރައްޔިތުންގެ ޝަކުވާ އެއް ކަމަށް ނަހުލާ ވިދާޅުވި އެވެ. އިތުރު ބަޔަކަށް ހުއްދަ ދެނީ ބަގީ ހިދުމަތް ދިނުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ވިލިމާލޭގައި ލޯކަލް މާރުކޭޓެއް އަދި މަސް މާރުކޭޓެއް ވެސް ނެތުމުން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލި ހޯދުމަށް އެ އަވަށުގައި ދެ މާރުކޭޓު އެޅުމަށް ކައުންސިލު ބައްދަލުވުމަށް ހުށަހަޅައި ފާސްކޮށްފައިވާނެ ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.

"ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި. ވަރަށް ތަކުލީފެއް ކޮންމެ ކަމެއްގައި ވެސް ކަނޑު ހުރަސްކޮށް މާލެ އައުން،" އޭނާ ވިދާޅުވި އެވެ.

ކައުންސިލުން މިހާރު ކުރިއަށް ގެންދަނީ މާރުކޭޓު އެޅުމާ ގުޅޭ ޕްލޭނިން ކަންތައް ކަމަށް ނަހުލާ ވިދާޅުވި އެވެ.

"ތިން މަސް މި ބަލަނީ ނަތީޖާ ހާސިލް ކުރެވޭނެ ކަމަށް، އެގޮތަށް މަސައްކަތް ކުރަމުން ދަނީ. އިރާދަ ކުރެއްވިއްޔާ ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް މޭޔަރާއެކު އަޅުގަނޑުމެން މަސައްކަތް ކުރާނަން." ނަހުލާ ވިދާޅުވި އެވެ.

comment ކޮމެންޓް