އެމެރިކާއިން ވެކްސިން ހަދިޔާކުރާ ގައުމުތަކުގެތެރޭ ރާއްޖެ ހިމެނުމުން ރައީސްގެ ޝުކުރު

ރައީސް ސޯލިހު --- ފޮޓޯ: ރައީސް އޮފީސް

އެމެރިކާއިން ވެކްސިން ހަދިޔާކުރާ ގައުމުތަކުގެ ތެރޭ ރާއްޖެ ހިމެނުމުން އެގައުމުގެ ރައީސް ޖޯ ބައިޑަން އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފި އެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމެރިކާގެ ގްލޯބަލް ކޮވިޑް ވެކްސިން ޝެއަރިން ޕްރޮގްރާމުގައި ރާއްޖެ ހިމެނީތީ ރައީސް ބައިޑަން އަށާއި އެމެރިކާގެ ރައްޔިތުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

ރައީސް ވިދާޅުވީ އެމެރިކާ އިން ހަދިޔާކުރާ ވެކްސިން އަކީ ކޮވިޑް19 އާއި ދެކޮޅަށް ރާއްޖެއިން ކުރާ ހަނގުރާމާގައި މުހިއްމު ދައުރެއް އަދާކުރާނެ އެއްޗެއް ކަމަށެވެ.

ރާއްޖެ ހިމެނޭހެން އޭޝިއާ ސަރަހައްދަށް ހަތް މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެ ކަމަށް އެމެރިކާ އިން ވަނީ ހާމަކޮށްފަ އެވެ.

އެމެރިކާ ސަރުކާރުން ބުނެފައިވަނީ ހަދިޔާ ކުރާ ވެކްސިންގެ 75 ޕަސެންޓް ވެކްސިންް ގައުމުތަކަށް ފޯރުކޮށްދޭނީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ކަމަށެވެ.

ކޮވިޑް19 ގެ ހާލަތުގައި އެމެރިކާ އިން މީގެ ކުރިންވެސް ވަނީ ރާއްޖެއަށް ބޭނުންވާ މެޑިކަލް ސާމާނާއި ޕީޕީއީ ހަދިޔާކޮށްފަ އެވެ.

އެމެރިކާ ސަރުކާރުން ހާމަކޮށްފައިވާގޮތުން ކޮވިޑް19 އާއި ދެކޮޅަށް ދުނިޔޭގެ ގައުމުތަކުން ކުރާ ހަނގުރާމައަށް އެހީތެރިވުމަށް 80 މިލިއަން ޑޯޒްގެ ވެކްސިން އެކިގައުމުތަކަށް ފޯރުކޮށްދޭނެ އެވެ.

އެމެރިކާގައި މޮޑާނާ އަދި ފައިޒާ ވެކްސިން އުފައްދާއިރު ވެކްސިން އުފައްދާ މިންވަރު އިތުރު ކުރަންވެސް ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް