ގުޅީފަޅުން އިތުރަށް ބިންހިއްކަން އެމްޓީސީސީ އިން ތައްޔާރުވެއްޖެ

ގުޅީފަޅުން އިތުރު ބިން ހިއްކަން ފެށުމަށް ތައްޔާރުވެފައި---

ގުޅީފަޅު ބިން ހިއްކުމާއި، އެކަމާ ގުޅުންހުރި އިތުރު މަސައްކަތްތައް ފެށުމަށް އެމްޓީސީސީ އިން ތައްޔާރުވެއްޖެ އެވެ.

އެމްޓީސީސީ އިން ބުނީ އެ މަސައްކަތް ފެށުމަށް އިއްޔެ ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށާއި މަޝްރޫއުގެ ދަށުން، 80،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 380 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އެ މަސައްކަތް 55 ދުވަހުގެ ތެރޭ ނިންމަން ޖެހޭއިރު މަޝްރޫއަށް 8.94 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.

އެމްޓީސީސީ އިން ބުނީ ގުޅީފަޅު ޕްރޮޖެކްޓަކީ ބްރިޖް ކޭންޓިން ޕޮޒއިންޓުގެ ޝޯ ޕްރޮޓެކްޝަނާ ގުޅުން ހުރި މަސައްކަތެއް ކަމަށެވެ.

މާލެ އާއި ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތް ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ މަސައްކަތް މިއަހަރު ފަށަން ވަނީ ނިންމައިފަ އެވެ.

އިންޑިއާގެ އެހީގައި ކުރިއަށްގެންދާ އެ މަސައްކަތަށް އެ ގައުމުގެ ހަތަރު ކުންފުންޏެއް މިހާރު ވަނީ ޕްރީ ކޮލިފައި ކޮށްފަ އެވެ.

އެ ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯ މީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގައި އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.

މި މަޝްރޫއުގެ ދަށުން މާލެ އަދި ވިލިނގިލީގެ ލޭންޑް އިންޓާޗޭންޖްތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރެވޭނެ އެވެ. އަދި ގުޅިފަޅު އަދި ތިލަފުށީގައި ރައުންޑްއެބައުޓްތަކެއް ގާއިމް ކުރެވޭނެ އެވެ. ކޮންމެ ރަށެއްގައި ވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށް ހަމަޖެހިފައިވެ އެވެ.

ބްރިޖާއެކު ގުޅީފަޅުގައި އިންޓަނޭޝަނަލް ޕޯޓެއް ގާއިމު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ބްރިޖު މަޝްރޫއާ، ބަނދަރު މަޝްރޫއަށް މީގެ ކުރިންވެސް ވަނީ ގުޅީފަޅުން ބިން ހިއްކައިފަ އެވެ.އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިން ލިމިޓެޑާ ހަވާލުކޮށްގެންނެވެ. އެ ޕްރޮޖެކްޓަށް 53 މިލިއަން ޑޮލަރު (817.26 މިލިއަން ރުފިޔާ) ހަރަދު ކުރި އެވެ.

ގުޅިފަޅު ހިއްކުމަށް ފަހު އެތަނުން މާލޭގެ ރައްޔިތުންނަށް 1،200 ބިން ދޫކުރާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް