ރަޝިއާ އިން ލައްކައަކަށްވުރެ ގިނަ ޓޫރިސްޓުން އައިސްފި

އޭރޯފްލޯޓުގެ ބޯޓެއް ވީއައިއޭގައި -- ފޮޓޯ: ވީއައިއޭ/ޓްވިޓާ

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ރަޝިއާ އިން 107،102 ފަތުރުވެރިން އައިސްފައިވާ ކަމަށް ހިސާބުތައް ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ވީކްލީ އަޕްޑޭޓުގައިވާގޮތުން އިއްޔެގެ ނިޔަލަށް، މި އަހަރު ތެރޭ ޖުމްލަ 457,747 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާ އިންނެވެ.

އިންޑިއާ އިން 89،442 ޓޫރިސްޓުން އައިސްފައިވާ ކަމަށް ރެކޯޑުތައް ދައްކައެވެ. މީގެ އިތުރުން ޖަރުމަނުން 25،344 ޓޫރިސްޓުން، ޔޫކްރެއިން އިން 23،389 ޓޫރިސްޓުން އަދި ކަޒަކިސްތާނުން 16،672 ޓޫރިސްޓުން އައިސްފައިވާ ކަމަށް ރެކޯޑުތައް ދައްކަ އެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި 10 ގައުމުގެ ތެރޭ ދެން ހިމެނެނީ އެމެރިކާ، އިނގިރޭސިވިލާތް، ރޯމޭނިއާ އަދި ފްރާންސްގެ އިތުރުން ޗެކްރިޕަބްލިކް އެވެ.

މިމަހުގެ ފުރަތަ ދެ ދުވަހު ރާއްޖެ އައިސްފައިވަނީ ޖުމްލަ 3،364 ފަތުރުވެރިންނެވެ. އެވްރެޖުކޮށް ދުވާލަކު އަންނަ ފަތުރުވެރިންގެ އަދަދު މިހާރު ހުރީ 1،600 ގައެވެ. ސަބަބަކީ މިއީ ފަތުރުވެރިކަމުގެ އޮފް ސީޒަނަށްވެފައި، އެންމެ ގިނަ ފަތުރުވެރިން އަންނަމުންދިޔަ އިންޑިއާ މާކެޓުން ފަތުރުވެރިން އައުން މަޑުޖައްސާލާފައި އޮތުމެވެ. މީގެ އިތުރުން ރާއްޖޭގައި ކޮވިޑު ފެތުރޭ މިންވަރު އިތުރުވެ، ބައެއް މާކެޓުތަކުން ރާއްޖެ އަށް ޒިޔާރަތް ކުރުމުގައި ޓްރެވަލް އެޑްވައިޒަރީ ނެރެފައި އޮތުމާއި، ބައެއް ގައުމުތަކުގެ ބޯޑަރު ބަންދުކޮށް ދަތުރުފަތުރަށް ހުރި ހުރަސްތަކާއެކު ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ސެންޓްރަލް އަދި އިރުމަތީ ޔޫރަޕުގެ މާކެޓުތަކުން ފުލް ރިކަވަރީ ލިބިފައިވާ ކަމަށެވެ. އަދި އެފްރިކާ، ޔޫރަޕް، އެމެރިކާ ސަރަހައްދުން އަންނަ ފަތުރުވެރިންގެ އަދަދުވެސް މި އަހަރު އިތުރުވެފައިވާކަން މިނިސްޓްރީން ވަނީ ފާހަގަ ކޮށްފަ އެވެ.

ރާއްޖޭގައި މިވަގުތު 728 ޓޫރިސްޓު ފެސިލިޓީ އޮޕަރޭޝަނުގައި އެބައޮތެވެ. އެއީ ޖުމްލަ 47،452 އެނދެވެ.

comment ކޮމެންޓް