ވަކިވަކި ސިފައިންގެ ބަދަލުގައި ޖަވާބުދާރީ ވާނީ މުވައްސަސާ އިން: އެމްއެންޑީއެފް

--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށް ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީ އާ ޗެއިން އޮފް ކޮމާންޑް އަދި ކޮމާންޑް އެންޑް ކޮންޓްރޯލުގެ އިތުރުން ސިފައިންގެ ތެރޭ ގާއިމްކޮށްފައި އޮތް އުސޫލުތަކާ ހިލާފު ކަމެއް ކަމަށާއި އެހެން ކަމުން ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާ ގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީ ވުމުގެ ބަދަލުގައި، ޖަވާބު ދާރީވާނީ އެމްއެންޑީއެފްގެ ފަރާތުން ކަމަށް ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި ހަ ވަނަ ދުވަހުގެރޭ ދިން ޓެރަރިސްޓު ހަމަލާ އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ އިން ހިންގާ އިންކުއަރީ އާ ގުޅިގެން އެމްއެންޑީއެފް އިން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ އެ އިންކުއަރީ އަށް ފުރިހަމައަށް އެއްބާރުލުންދީ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުވެ ކޮންމެ މީހަކަށްވެސް އަދި މުވައްސަސާއަކަށްވެސް ހެކިބަސް އަދާކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށާއި ނަމަވެސް ސަލާމަތީ ކޮންމެ ހިދުމަތެއްވެސް ހިންގަންވާނީ ވަޒީރުންގެ މަޖިލީހުގެ މެންވަރެއްގެ ބެލުމުގެ ދަށުން ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު، އަދި އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ކޮންމެ ހިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ގާނޫނު އަސާސީގެ 242 ވަނަ މާއްދާގައި ބުނެފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ސިފައިންގެ ގާނޫނުގެ 17 ވަނަ މާއްދާ ބުނާގޮތުން ސިފައިންގެ ކޮންމެ މީހަކުވެސް އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހުތިޔާރުގެ ބޭނުން ހިފާގޮތާމެދު އަދި އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ތެދުވެރިކަމާ އިހުލާސްތެރިކަމާއެކު ޖަވަބުދާރީ ވާންޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސް އަށް ކަމަށް ބަޔާނުގައި ބުންެޏެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް ޖަވާބުދާރީ ވާންޖެހޭނީ ޑިފެންސް މިނިސްޓަރަށް ކަމަށް އެ ގާނޫނު ބުނާކަމަށާއި ސިފައިންގެ މައްޗަށް މިނިސްޓަރަށް ލިބިގެންވާ ހުރިހާ ގާނޫނީ ބާރަކާއި އިހުތިޔާރެެއްގެ ބެނުން ހިފާގޮތާމެދު އަދި މިނިސްޓަރުގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު މިނިސްޓަރު، ސިފައިންގެ އެންމެ މަތީ ވެރިޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭނެ ކަމަށް އެ ބަޔާނުަގއި ބުންޏެވެ.

އެ ބަޔާނުގައި ބުނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމމާތެއް ސިފައިންގެ ގާނޫނުގގެ 24 ވަނަ މާއްދާެ (ނ)ގައި ބަޔާންކުރާ ފަރާތްތައް ނޫން އެހެން ފަރާތަކަށް ހިއްސާ ކުރުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ވަކިވަކި ސިފައިން ޖަވާބު ދާރީ ކުރުވުމާ ގުޅޭގޮތުން ބަޔާނުގައި ބުނީ އެކަމަކީ ސިފައިންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ގޮންޖެހުން ކުރިމަތިވާ ކަމެއް ކަމަށެވެ. އަދި ގައުމީ ސަލާމަތަށޤ ފޫނުބެދޭ ވަރުގެ ގެއްލުން އެކަމުގެ ސަބަބުން ކުރިމަތިވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި ޗެއިން އޮފް ކޮމާންޑުގެ އުސޫލު ހަރުދަނާކޮށް ބޭއްވުމަށް ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީ ވުމުގެ ބަދަލުގައި ހަވާނުދާރީ ވާނީ އެމްއެންޑީއެފްެ ގެ ފަރާތުން ކަމަށް ދެކޭ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

އަދި ރައްޔިތުންގެ މަޖިލީހުން ނުވަތަ ކޮމެޓީއަކުން ބަލާ މައްސަލައަކާ ގުޅިގެންް ސިފައިންގެ ވަކި މީހަކު މަސްއޫލިއްޔަތު އަދާކުރާ ގޮތާ ގުޅޭގޮތުން މައުލޫމާތެއް ހޯދަން ބޭނުންނަމަ އެ މައުލޫމާތުވެސް ފޯރުކޮށްދޭނެ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ އެ އުސޫލުތަކާ ހިލާފަށް އަމަލުކުރުމަށް އެ މުވައްސަސާގެ މައްޗަށް ލާޒިމުކުރާ ޝަރުއީ ކޯޓެއްގެ ނިހާއީ ހުކުމެއްވެސް ނެތް ކަމަށާއި އެ ނިންމުމަކީ ސިފައިން، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުމާ ގުޅޭގޮތުން ސިފައިންގެ ލަފާދޭ މަޖިލީހުން ދީފައިވާ ލަފައާއި އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

comment ކޮމެންޓް