ފޯނު ނަންބަރެއްގެ މައްސަލައިގައި ދިރާގުން ބަދަލުދޭކަށް ނުޖެހުނު

ހައިކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ފޯނު ނަމްބަރެއްގެ ހިދުމަތް ދާއިމީކޮށް ކަނޑާލައި، ފަހުން އެ ނަންބަރު އެހެން މީހެއްގެ ނަން މައްޗަށް ރަޖިސްޓްރީކޮށްދިން މައްސަލައިގައި ބަދަލުގެ ގޮތުގައި 50،000 ރުފިޔާ ދޭން ސިވިލް ކޯޓުން ދިރާގުގެ މައްޗަށް ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށްފި އެވެ.

މައްސަލަ ޖެހުނީ ދިރާގުން ޕްރީޕެއިޑް ހިދުމަތް ދެމުންދިޔަ ނަންބަރެއް ދާއިމީކޮށް ހިދުމަތް ކަނޑާލުމަށްފަހު، އެ ނަންބަރު އެހެން މީހަކަށް ރަޖިސްޓްރީކޮށްދިނުމުންނެވެ.

ނަންބަރުގެ ކުރީގެ ވެރިފަރާތުން، އެންމެ ފަހުން އެ ނަންބަރު ރީޗާޖު ކޮށްފައި ވަނީ 6 އޯގަސްޓް 2016 ގައެވެ. އެ ދުވަހު ކުރި 10 ރުފިޔާގެ ރީޗާޖުގެ މުއްދަތު ހަމަވުމުން، ދިރާގުން ވަނީ އެ ނަންބަރުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފައެވެ.

ދިރާގުން އެ ނަންބަރުގެ ހިދުމަތް ދާއިމީކޮށް ކަނޑާލީ 12 ފެބުރުވަރީ 2017 ގައެވެ. އަދި އެހެން ފަރާތަކަށް އެ ނަންބަރުގެ ހިދުމަތް ދިރާގުން ދީފައި ވެއެވެ.

ދިރާގާ ދެކޮޅަށް ދައުވާކުރި ފަރާތުން ގަބޫލުކުރަނީ ދިރާގުގެ ޓާމްސް އެންޑް ކަންޑިޝަންސްގައި ބަޔާންކުރާ، "ޑިސްކަނެކްޓް ކޮށްފައިވާ ނަންބަރެއް އެހެން ކަސްޓަމަރަކަށް ދިނުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ގްރޭސް ޕީރިއަޑްގެ 180 ދުވަސް" ފުރިހަމަ ނުވާކަމަށެވެ. ދިރާގުން ބުނަނީ ނަންބަރުގެ ހިދުމަތް ކަނޑާލީ 180 ދުވަސް ފުރިހަމަ ކުރުމަށްފަހު ކަމަށެވެ.

ދިރާގުން 180 ދުވަސް ގުނާފައި ވަނީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ. ނަންބަރުގެ ގެންގުޅުނު ފަރާތުން ދުވަސް ގުނީ ބަންދު ދުވަސްތައް ނުހިމަނަ އެވެ.

އެހެންކަމުން، އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު ހޯދުމަށާއި އަދި ގަވާއިދާ ހިލާފަށް ނަންބަރު އެހެން ފަރާތަކަށް
ރަޖިސްޓްރީ ކޮށްދީފައިވާކަމަށް ބުނެ، އެކަމުގެ ސަބަބުން ލިބުނު މާލީ ގެއްލުމުގެ ބަދަލުގައި 150،000 ރުފިޔާ ހޯދުމަށް ދިރާގާ ދެކޮޅާށް ދައުވާ އުފުލި އެވެ.

އެ މައްސަލައިގައި 2017 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމް ކުރީ އެ ނަންބަރުގެ ހިދުމަތް ދިރާގުން ދާއިމީ ގޮތެއްގައި ކަނޑާލާފައިވަނީ ދިރާގުގެ ޓާމްސް
އެންޑް ކަންޑިޝަންސްއާ ހިލާފަށްކަން ދިރާގުން ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލައި މަދަނީ
މިންގަނޑުތަކުން ޝަރީއަތަށް ސާބިތުވާކަމަށެވެ.

ހަމައެއާއެކު، އެ ނަންބަރު ގެއްލުމުގެ ސަބަބުން ދައުވާ ކުރި އެފަރާތަށް ކުރިމަތިވެފައިވާ ތަކުލީފުތަކާއި، ނިކަމެތިކަމާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 50،000 ރުފިޔާ، ހަތް ދުވަހުގެ ތެރޭގައި ދައްކަން ވެސް އެންގި އެވެ.

އޭގެ އިތުރުން، ގެއްލިގެންދިޔަ ނަންބަރު ހިމެނޭ ކެޓަގަރީގައި ހުސްކޮށް ހުރި ނަންބަރު ތަކުގެ ތެރެއިން ދައުވާކުރާ ފަރާތުން އެދޭ ނަންބަރެއް އެފަރާތަށް އިތުރު އަގަކާ ނުލައި ދިނުމަށް ވެސް ދިރާގަށް އެންގި އެވެ.

ނަމަވެސް ދިރާގުން ވަނީ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ މިއީ ފޯނުލައިނެއްގެ ހިދުމަތް ހޯދުމާބެހޭ އެއްބަސްވުމަކަށް ވާއިރު، ފޯނު ލައިންގެ ހިދުމަތަކީ، ބަންދު ދުވަހަކަށް ބެލުމެއް ނެތި އަބަދުވެސް ލިބި ލިބި ހުންނަ ހިދުމަތެއް ކަމަށެވެ. ބަންދު ދުވަހަކަށް ވުމުން
ހިދުމަތް މެދުނުކެނޑޭ ފަދައިން ގްރޭސް ޕީރިއަޑް ގުނުމުގައިވެސް ބަންދު ދުވަސް އުނިނުކުރުމީ އެއްބަސްވުމުގައި ލިޔެވިފައި ނުވި ނަމަވެސް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތް ސަބަބުވެރި، އަދާލަތުގެ ހަމަތަކާ އެއްގޮތް، އަދި ދެފަރާތުގެ ދެމެދުގައި ކުރެވުނު އެއްބަސްވުމުގެ މަގުސަދު ހާސިލްކުރުމަށްޓަކައި މުހިއްމު މާއްދާއެއް ކަމަށް ހުކުމްގައިވެ އެވެ.

އެހެންކަމުން، މިމައްސަލައިގައި، ދިރާގުގެ ޓާމްސް އެންޑް ކަންޑިޝަންސްގައި ބަޔާންކުރާ، "ގްރޭސް ޕީރިއަޑްގެ 180 ދުވަސް"
ގުނަންވާނީ ބަންދު ދުވަސް ލައިގެން ކަމަށް ހުކުމްގައިވެ އެވެ. އަދި ސިވިލް ކޯޓުން އެއްބަސްވުން މާނަކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމުގައިވެސް ބުނެފައިވެ އެވެ.

ހައިކޯޓުން ބުނީ، ބަންދު ދުވަސްތައް ހިމެނުމުން، ނަންބަރުގެ ހިދުމަތް މެދުކަނޑާލީ 180 ދުވަސް ހަމަވި ފަހުން ކަމަށާއި އަދި އެކަމަށް ދައުވާ ކުރި ފަރާތުން ވެސް ދެކޮޅު ނުހަދާ ކަމަށެވެ.

އެހެންކަމުން ނަންބަރުގެ ހިދުމަތް ދިރާގުން ދާއިމީ ގޮތެއްގައި ކަނޑާލާފައިވަނީ ދިރާގުގެ ޓާމްސް އެންޑް ކަންޑިޝަންސްއާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

އަދި އެ ނަންބަރު އަލުން ދައުވާ ކުރާ ފަރާތުގެ މައްޗަށް ރަޖިސްޓްރީކޮށްދިނުމަށް ދިރާގަށް އަންގާނެ ތަނެއް ނެތް ކަމަށް ވެސް ހައިކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

comment ކޮމެންޓް