ނަތަންޔާހޫ ވެރިކަމުން ދުރުކުރަން އޭނާގެ ވާދަވެރިން ނިންމައިފި

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ސަރުކާރު އެކުލަވާލަން ނާކާމިޔާބުވެފަ -- ފޮޓޯ: ރޮއިޓާސް

ގުދުސް ( ޖޫން 2)-- ގިނަ ދުވަސްތަކެއް ވަންދެން ވެރިކަމުގައި ދެމިހުންނެވި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބޮޑުވަޒީރު ކަމުން ދުރުކުރުމަށް އޭނާގެ ވާދަވެރިން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

އިސްރާއިލުގައި އާ ސަރުކާރެއް އެކުލަވާލެވިއްޖެ ކަމަށް އެގައުމުގެ ރައީސް ރުއެވެން ރިވުލިންއަށް ރޭގެ ވަގުތެއްގައި އެންގެވީ އިދިކޮޅު ޔަޝް އަތީދު ޕާޓީގެ ލީޑަރު ޔައިރު ލަޕިދު އެވެ.

"ސަރުކާރެއް އެކުލަވާލުމުގައި އަޅުގަނޑު ކާމިޔާބުވެފައިވާކަން ދަންނަވަން،" ރައީސަށް ފޮނުއްވި މެސެޖެއްގައި ލަޕިދު ވިދާޅުވި އެވެ.

ލަޕިދު އުފައްދަވާފައިވާ ކޯލިޝަންގައި ސިޔާސީ އެކި ފިކުރުގެ ޕާޓީތައް ހިމެނެ އެވެ. އޭގެ ތެރެއިން ކޯލިޝަންގެ އެންމެ މުހިއްމު ޕާޓްނަރަކީ ކަނާތު ފިޔައިގެ ވަތަނީ ފިކުރު ގެންގުޅުއްވާ ނަފްތާލީ ބެނެޓް އެވެ. އޭނާ އާއި ލަޕިދު ވަނީ ދެ ބޭފުޅުންވެސް ބޮޑުވަޒީރުގެ މަގާމު އެކި ފަހަރު މަތިން ކުރައްވަން އެއްބަސްވެވަޑައިގެންފަ އެވެ.

މީގެ އިތުރުން، އިސްރާއީލްގެ ސަރުކާރުގެ ކޯލިޝަނެއްގައި ފުރަތަމަ ފަހަރަށް އެގައުމުގެ ފަލަސްތީނުގެ ރައްޔިތުން ތަމްސީލު ކުރާ ޕާޓީއެއް ވަނީ ބައިވެރިކޮށްފަ އެވެ. އެއީ ޔުނައިޓެޑް އަރަބް ލިސްޓް ޕާޓީ އެވެ.

އެ ސަރުކާރަށް ތާއިދު އޮތްތޯ ބެލުމަށް އިސްރާއީލުގެ ޕާލިމެންޓުގައި ދެން ވޯޓެއް ނަގާނެ އެވެ. އެ ވޯޓު ނަގާނެ ކަމަށް ބެލެވެނީ އަންނަ ހަފްތާގަ އެވެ. އަދި ލަޕިދުގެ ކޯލިޝަން ސަރުކާރަށް ރުހުން ލިބިއްޖެ ނަމަ ނަތަންޔާހޫއަށް ބޮޑުވަޒީރުކަން ގެއްލުމުގެ އިތުރުން އޭނާގެ ސިޔާސީ ހަޔާތްވެސް ނިމިގެން ދާނެކަމަށް ވަނީ ބެލެވިފަ އެވެ. އެއީ އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ދައުވާތައް ސާބިތުވުމުގެ ފުރުސަތު ބޮޑުކަމުންނެވެ.

ނަތަންޔާހޫގެ މައްޗަށް ވަނީ ރިޝްވަތު ގަބޫލު ކުރެއްވުމާއި އަމާނަތަށް ހިޔާނާތްތެރިވުމާއި މަކަރާއި އޮޅުވާލުވުމުގެ ދައުވާކޮށްފަ އެވެ. އެ ދައުވާތަކުގެ ޝަރީއަތް އިސްރާއީލުގެ ކޯޓުތަކުގައި މިހާރުވެސް ކުރިޔަށް ދާއިރު ދައުވާތައް ސާބިތުވުމުގެ ފުރުސަތު ބޮޑުވަނީ ބޮޑުވަޒީރުކަން ގެއްލުމުން ސިޔާސީގޮތުން އޭނާގެ ބާރާއި ނުފޫޒު ކުޑަވެގެންދާނެތީ އެވެ.

މިހާތަނަށް ނަތަންޔާހޫ 4 ދައުރެއްގައި ބޮޑުވަޒީރުކަން ކުރައްވާފައިވާއިރު ޖެހިޖެހިގެން 3 ދައުރު ބޮޑުވަޒީރުކަން ކުރައްވާފައިވެއެވެ. އަދި ވަގުތީ ބޮޑުވަޒީރު ކަމުގައިވެސް 3 އަަހަރު ހޭދަ ކުރައްވާފައިވެއެވެ. މިއާއެކު އިސްރާއީލުގެ ބޮޑުވަޒީރުކަމުގައި މެދުކެނޑިގެންނާ އަދި މެދުނުކެނޑި 23 ވަރަކަށް އަހަރު އޭނާ ވަނީ ހޭދަކުރައްވާފަ އެވެ.

ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގައި ވަނީ ހަތަރު ފަހަރަށް އާންމު އިންތިހާބު (ޕާލަމެންޓްރީ އިންތިޚާބު) ބާއްވާފަ އެވެ. މިހާގިނަފަހަރު އިންތިހާބު ބާއްވަންޖެހުނީ މިދެއަހަރު ތެރޭގައި ބޭއްވި އެއްވެސް އިންތިހާބެއްގައި ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށްވެސް އަދި އޭނާއާ ވާދަވެރި އިދިކޮޅު ޕާޓީތަކަށްވެސް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ މިންވަރަށް އިސްރާއީލުގެ ޕާލަމެންޓުން ގޮނޑިތައް ކާމިޔާބު ނުކުރެވުމުންނެވެ.

އެންމެފަހުން މިދިޔަ މާޗް މަހު ބޭއްވި އިންތިހާބުގައިވެސް ނަތަންޔާހޫގެ ލިކޫޑް ޕާޓީ އަށްވެސް އަދި އިދިކޮޅު ޕާޓީތަކަށްވެސް ސަރުކާރެއް އެކުލަވާލެވޭ ވަރާ ގާތަށްވެސް ޕާލިމެންޓުގެ ގޮނޑިތައް ކާމިޔާބެއް ނުކުރެވުނެވެ. ނަމަވެސް ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ރައީސް ރިވުލިން ފުރަތަމަ ދެއްވީ ނަތަންޔާހޫ އަށެވެ. އަދި އެކަމަށް 28 ދުވަހުގެ މުއްދަތެއް ދެއްވި އެވެ.

ނަމަވެސް އެ މުއްދަތުގައި ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގައި ނަތަންޔާހޫ ނާކާމިޔާބު ވުމުން ސަރުކާރުގެ އެކުލަވާލުމުގެ ޒިންމާ ލަޕިދު އާ ހަވާލު ކުރީ އެވެ.

comment ކޮމެންޓް