ލަންކާ ކައިރީގައި އަނދަމުން ދިޔަ ބޯޓު އަޑިއަށް ދަނީ

އެކްސް-ޕްރެސް ޕާލް އަޑިއަށް ދާން ފަށާފައިވާ ކަމަށް ލަންކާގެ އޮފިޝަލުން ބުނޭ -- ފޮޓޯ: ލަންކާ ޑެއިލީ މިރާ

ކޮލަމްބޯ (ޖޫން 2): ސްރީލަންކާ ކައިރީގައި އަނދަމުން ދިޔަ ކޮންޓެއިނަރު ބޯޓު އަޑިއަށް ދާން ފަށާފައިވާ ކަމަށް އެގައުމުގެ ކަނޑުގެ ސިފައިންނާއި ސަރުކާރުން ބުނެފި އެވެ.

ލަންކާގެ ޑެއިލީ މިރާއިން ރިޕޯޓު ކުރި ގޮތުގައި މިދިޔަ މަހުގެ 20ގައި ރޯވި އެމްވީ އެކްސް-ޕްރެސް ޕާލްގެ އަލިފާންގަނޑު އިއްޔެ ވަނީ ނިއްވާލާފަ އެވެ. ނަމަވެސް ބޯޓަށް ލިބުނު ގެއްލުމުގެ ސަބަބުން އޭގެ ތެރެއަށް ފެން ވަދެ، މިހާރު ވަނީ އަޑިއަށް ދާން ފަށާފަ އެވެ.

އޭގެ ފަހުން އެކްސް-ޕްރެސް ޕާލް ކަނޑުގެ ފުން ސަރަހައްދަކަށް ގެންދަން މަސައްކަތް ކުރި ނަމަވެސް ބޯޓުގެ ކޮޅުފަސްކޮޅުން ބަޔެއް އެއްކޮށް އަޑިއަށް ގޮސްފައިވާ ކަމަށް ލަންކާ ނޭވީގެ ތަރުޖަމާނު ކެޕްޓަން އިންޑިކާ ޑި ސިލްވާ ވިދާޅުވި އެވެ. އަދި އެ ބޯޓު ޓޯ ކުރުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށާއި މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯޓުން ކަނޑަށް ތެޔޮ ލީކުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ ކަނޑަށް ތެޔޮ ލީކުވުން. އަޅުގަނޑުމެން ދަނީ އެކަމަށް ވަރަށް ގާތުން ބަލަމުން އަދި މިހާތަނަށް އެއްވެސް ވަރަކަށް ތެޔޮ އެޅުނު ކަމަށް ފާހަގަ ކުރެވިފައި ނުވޭ. ތެޔޮ ލީކުވެއްޖެ ނަމަ އެއީ ވަރަށް ގެއްލުން ބޮޑު ކަމަކަށް ވާނެ، ނަމަވެސް އަޅުގަނޑުމެން މިދަނީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅަމުން،" ސިލްވާ ވިދާޅުވި އެވެ.

އެކްސް-ޕްރެސް ޕާލްގައި ކުނިބުނިން ލަންކާގެ ގޮނޑުދޮށްތައް ދަނީ ތަޣައްޔަރުވަމުން -- ފޮޓޯ: ރޮއިޓާސް

ސިންގަޕޫރުގައި ރެޖިސްޓާ ކޮށްފައިވާ އެކްސް-ޕްރެސް ޕާލްގައި ރޯވީ ކޮލަމްބޯއާ 9.5 ނޯޓިކަލް މޭލު ދުރުގައި އޮއްވަ އެވެ. އޭރު ބޯޓު ދަތުރު ކުރަމުން ދިޔައީ އިންޑިއާއިން ކެމިކަލާއި ކޮސްމެޓިކްސްގެ ބާވަތްތައް އަރުވައިގެންނެވެ. އަދި ކަނޑުގެ ސިފައިން ލަފާ ކުރާ ގޮތުގައި އަލިފާން ރޯވީ އެ ކެމިކަލްތަކުގެ ސަބަބުންނެވެ.

އެ ހާދިސާ ހިނގި އިރު ބޯޓުގައި ތިބި 25 ކުރޫ މެމްބަރުން ވަނީ ސަލާމަތްކޮށްފަ އެވެ. އޭގެ ތެރޭގައި ފިލިޕީންސް، ޗައިނާ، އިންޑިއާ އަދި ރަޝިއާއަށް ނިސްބަތްވާ މީހުން ހިމެނެ އެވެ. އަދި ލަންކާއިން ހާދިސާ ތަހުގީގު ކުރަމުންދާ އިރު ބޯޓުގެ ކެޕްޓަނާއި އިންޖިނިއަރާއި އެސިސްޓެންޓު އިންޖިނިއަރު އެގައުމުން ފުރައިގެން ދިޔުން ކޯޓުން ވަނީ މަނާކޮށްފަ އެވެ.

އެކްސް-ޕްރެސް ޕާލްގައި ރޯވި އަލިފާންގަނޑުގެ ސަބަބުން ބޯޓުގައި ހުރި ގިނަ ކާގޯ ވަނީ އަނދާފަ އެވެ. އަދި އޭގެ ކުނިބުނި ލަންކާގެ ގޮނޑުދޮށްތަކަށް ލައްގަމުން ދިޔުމުގެ ސަބަބުން ގޮނޑުދޮށްތައް ސާފު ކުރުމަށް ގިނަ އަދަދެއްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

މީގެ އިތުރުން ބޯޓުން ބޭރުވާ ކުނީގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ލިބޭނެ ގެއްލުން ދިރާސާ ކުރުމަށް ސާމްޕަލްތައް ނަގާފައިވާ ކަމަށާއި ވައި ތަޣައްޔަރުވާ މިންވަރުވެސް ބަލަމުންދާ ކަމަށް ލަންކާ މެރިން ޕްރޮޓެކްޝަން އޮތޯރިޓީން ބުންޏެވެ.

އެ ބޯޓުގައި ރޯވުމުގެ ސަބަބުން، ޕަނަޑުރާ އާއި ނެގަމްބޯއާ ދޭތެރޭ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރުން ވަނީ މަނާކޮށްފަ އެވެ. އަދި އޭގެ ސަބަބުން ގެއްލުން ލިބޭ މަސްވެރިންނަށް އެހީ ފޯރުކޮށްދޭނެ ކަމަށް ސަރުކާރުން ބުންޏެވެ.

comment ކޮމެންޓް