ނަފުރަތުގެ އަމަލު ބަޔާންކުރާ ބިލުގެ ސަބަބުން މުޖުތަމައުގެ ހަމަޖެހުމަށް ހުރަސް އެޅިދާނެ: އަދާލަތު 

ފެބްރުއަރީ 14، 2020: އަދާލަތު ޕާޓީގެ ފަރާތުން ބޭއްވި ދަރުހެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި އާންމުތަކެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު އަދާލަތު ޕާޓީ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ބިލާ ގުޅިގެން ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ. އެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް ގިނަ ދީނީ އިލްމުވެރިން އަންނަނީ ވާހަކަދައްކަމުންނެވެ.

އަދާލާތު ޕާޓީން ނެރުނު ގަރާރުގައި ބުނެފައި ވަނީ، ދިވެހީންނަކީ ޒަމާނުއްސުރެ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި ސުލްހަވެރިކަމާއި އަމާންކަމާއި އެއްބައިވަންތަކަމާއެކު ސާދާ ދިރިއުޅުމެއް އުޅެމުން އައި ބައެއް ނަމަވެސް، ދުނިޔެއަށް އައިސްފައިވާ ބަދަލުތަކާއެކު ދިވެހީންގެ އެއްބައިވަންތަކަމަށް ނުރަނގަޅު އަސަރުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އިސްލާމްދީން ނިކަމެތިކޮށް ކުޑައިމީސްކުރުމަށްޓަކައި އިސްލާމް ދީނާ ދެކޮޅަށް ހިންގާ ހަރަކާތްތަކާއި، އިސްލާމް ދީނުގެ ނަމުގައި ހަރުކަށިކަން އިސްކޮށް އިސްލާމް ދީނުގެ ސައްހަ އުނގަންނައިދިނުންތަކާ ހިލާފަށް ދީނުގެ ނަމުގައި ހިންގާ ހަރަކާތްތައްވެސް ހިމެނޭކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ.

އަދާލަތު ޕާޓީން ބުނީ ނަފްރަތުގެ އަމަލު ހުއްޓުވަން ޖެހެނީ އޭގެ ސަބަބުން މުޖުތަމައުގައި ފިތުނަފަސާދަ އާއި ބައިބައިވުން އުފެދި އިޖުތިމާއީ ހަމަތައް ގެއްލިގެން ދާތީ، މުޖުތަމައުގެ ވިލުންވެރިކަމާއި މަސަލަސްކަން އިތުރުކޮށް އިސްލާމީ މުޖުތަމައުތަކުގައި ހިފަހައްޓަން ޖެހޭ ރިވެތި އަހުލާގީ ހަމަތައް ހިފަހައްޓަން ކަމަށެވެ.

އެހެން ނަމަވެސް، ގާނޫނުލްއުގޫބާތަށް މިހާރު ހުށަހަޅާފައިވާ އިސްލާހުން، އެ މަގުސަދު ހާސިލްކޮށް މުޖުތަމައުގައި ހަމަޖެހުން ގާއިމުކުރަން ހުރަސް އެޅިދާނެ ކަމަށް ފެންނަ ކަމަށް އެ ޕާޓީ އިން ބުންޏެވެ.

ހަމައެއާއެކު، ނަފްރަތުގެ އަމަލު ހިންގުންފަދަ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމުގައި އަދުލުގެ ނިޒާމުގެ ތެރެއިން ޖިނާއީ ފިޔަވަޅު އެޅުމަށް އިސްކަން ދިނުމުގެ ބަދަލުގައި، ކަނޑައަޅާ ތަންފީޒުކުރެވޭ އިޖުތިމާއީ ސިޔާސަތުތަކެއްގެ ތެރެއިން ނަތީޖާ ނެރުމަށް އަމާޒުހިފަންޖެހޭ ކަމަށް ބައިނަލްއަގުވާމީ ޖަމާއަތްތަކުންނާއި، އިޖުތިމާއީ އިލްމުވެރިންނާއި، ފަންނީ މާހިރުން ފާހަގަކުރާ ކަމަށް ވެސް ގަރާރުގައިވެ އެވެ.

"ވަކިން ހާއްސަކޮށް މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގެ 19 އަދި 20 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ ބަސްމަގާއި އެއާ ގުޅިފައިވާ އެފަދަ ކުށްތައް ހުއްޓުވުމަށް އެ މުއާހަދާގައި ބައިވެރިއިވާ ގައުމުތަކުން އަމަލުކުރުމަށް ކަނޑައަޅާފައިވާ ރަބާޠު ޕްލޭން އޮފް އެކްޝަން 2012 ގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގައިވެސް މަސައްކަތްތަކެއް ކުރަމުންދާ ވަގުތެއްގައި، މި ފާހަގަކުރެވުނު އދ ގެ އެކްޝަން ޕްލޭނާއި ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ފުށުއަރާ ގޮތަށް އެޅޭ ކޮންމެ ފިޔަވަޅަކީ ގައުމުގެ އިޖުތިމާއީ ހާލަތު އިތުރަށް ގޯސްވެ ސުލްހަމަސަލަސްކަން ގެއްލިދާނެ ކަމެއްކަމަކަށް،" ވެސް އަދާލަތުން ބުންޏެވެ.

ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ދިވެހިދައުލަތުގެ ދީނަކީ އިސްލާމްދީން ކަމާއި ދިވެހިރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރަކީ އިސްލާމްދީންކަމާއި އަދި އިސްލާމްދީނުގެ އަސްލަކާއި ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެކަމަށް ބަޔާންކުރާތީ އާއި، ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހިޔާލުފާލުކުރުމުގެ މިނިވަންކަމުގެ ހައްގު ދިފާއުކޮށް ދަމަހައްޓަންޖެހޭ އެންމެ މުހިންމު ސަބަބަކީ، މުޖުތަމައުގެ ކަންކަމާމެދު ބަހުސްކޮށް ބަސްބުނެ ލަފަޔާއި އިރުޝާދު ދިނުމަކީ މުޖުތަމައުގެ ބަދަހިކަމާއި ގައުމުގެ ކުރިއެރުމާއި ތަރައްގީ އަށް ކޮންމެހެން ލާޒިމުކަމެއް ކަމަށް ވެސް އެ ޕާޓީން ފާހަގަކުރި އެވެ.

އަދާލަތުން ބުނީ މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ނަތީޖާއެއްގެ ގޮތުން، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް އުނިކަން ލިބޭ ކަމަށެވެ. އަދި މި އިސްލާހުގެ ސަބަބުން ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ދީނީ މުއައްސަސާތަކާއި، ދީނީ ޖަމިއްޔާ ޖަމާއަތްތަކަށް ދީނާ ގުުޅުންހުރި ކަންކަމުގައި ބަސްބުނެ ހެޔޮކަންކަމަށް ގޮވާލުމާއި މުންކަރާތްތައް ނަހީކުރުމަށް ހުރަސްއެޅިދާނެ ކަމަށާއި، އެއީ ދިވެހިރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ.

އަދާލަތު ޕާޓީ އުފެއްދުމުގެ އެންމެ އަސާސީ އެއް މަގުސަދަކީ ހެޔޮކަންކަމަށް ގޮވާލުމާއި މުންކަރާތްތައް ނަހީކޮށް ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ހަރުދަނާކޮށް ހިފެހެއްޓުން ކަމަށާއި، އަދާލަތު ޕާޓީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ފާހިޝް އަމަލުތަކާއި މުންކަރާތްތަކަށް އިންކާރުކުރުމާއެކު، އެފަދަކަންތައްތައް ހުއްޓުވަން މަސައްކަތް ކުރުމުގެ އިތުރުން، ރާއްޖޭގައި އެފަދަ ކަންކަން އަށަގަތަ ނުދިނުމާއި، ދިވެހި މުޖުތަމައަކީ އެންމެހައި ބާތިލު އަގީދާތަކާއި، ލާދީނީ އޮއިވަރުތަކުން ރައްކާތެރިކުރެވިފައިވާ، އަމަންއަމާންކަމާއި، ސުލްހަމަސަލަސްކަން ގާއިމުކުރެވިފައިވާ މުޖުތަމައަކަށް ހެދުން ކަމަށް އެ ޕާޓީން ފާހަގަ ކޮށްފައިވެ އެވެ.

އެހެންކަމުން އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ވަނީ ތިން ކަމަކަށް އިގުރާރުވެފަ އެވެ. އެއީ:

  • އެ ގާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) އަދި (ii) އާމެދު އަދާލަތު ޕާޓީގެ ކަންބޮޑުވުންތަކަށް ސަރުކާރާއި ކަމާ ގުޅުންހުރި އެހެން ފަރާތްތަކާއެކު މަޝްވަރާކޮށް ހައްލުހޯދުމަށް

  • "ނަފްރަތުގެ އަމަލު" ގާނޫނުލްއުގޫބާތުގައި ނުވަތަ އެހެން ގާނޫނެއްގައިވެސް ބަޔާންކުރާނަމަ، މާތްވެގެންވާ އިސްލާމް ދީނުގެ އެންމެ މަތީ މަސްލަހަތަށް ރިއާޔަތްކުރުމަށާއި އަދި އެކަމަށްޓަކައި އދ ފަދަ ބައިނަލްއަގުވާމީ ޖަމާއަތްތަކުން ބަލައިގެންފައިވާ ހަމަތަކާއި، ކަމާގުޅޭ އިލްމީ ދިރާސާތަކުގެ މައްޗަށް ރިއާޔަތްކޮށް ޑިމޮކްރެތިކް މުޖުތަމައުތަކުގައި ގެންގުޅޭ ހަމަތަކަށް ފެތޭ ގޮތަށް އެކަން ކުރުމަށް ގޮވާލުން

  • ނަފްރަތުގެ އަމަލުތަކާއި ބިލު އިތުރަށް ދިރާސާ ކޮށް އަދާލަތު ޕާޓީގެ މެންބަރުންނާއި ދިވެހި ރައްޔިތުން ހޭލުންތެރި ކުރުވުން

އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ. ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާގެ މާއްދާއެއް އިތުރު ކުރުމަށް އެ ބިލުގައި ހުށަހަޅާފައި ވާއިރު އެއީ ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދަން އިތުރުކުރާ މާއްދާއެއް ކަމަށް ބުނެފައިވެ އެވެ. ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނާފަ އެވެ.

އެގޮތުން އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަން ވަނީ ހިމަނާފަ އެވެ. ބިލުގައި ބުނެފައިވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.

comment ކޮމެންޓް