ސިންގަޕޫރުގެ ބޮޑުވަޒީރު ނޫސްވެރިއަކާ ދެކޮޅަށް ކޯޓުގައި

ސިންގަޕޫރުގެ ބޮޑުވަޒީރު

ސިންގަޕޫރު (ޖޫން 2): ސިންގަޕޫރުގެ ތަރައްގީގެ ބާނީ އަދި އެގައުމުގައި ދިގުމުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި މަޝްހޫރު ޒައީމް ލީ ކުއާން ޔޫގެ ގެކޮޅާ ގުޅޭގޮތުން ނޫސްވެރިއަކު ލިޔުނު ލިޔުމަކާ ގުޅިގެން އޭނާގެ ދަރިކަލުން އަދި ސިންގަޕޫރުގެ މިހާރުގެ ބޮޑުވަޒީރު ލީ ޝެއިން ލޮންގް އަބުރުގެ ދައުވާ ކުރައްވައިފިއެވެ. އެ ދައުވާގެ ފުރަތަމަ އަޑުއެހުން އޮތީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ދައުވާގެ އަޑުއެހުމަށް ހާޒިރުވެވަޑައިގަން ޖަވާބުދާރީވެވަޑައިގަންނަވަމުން ބޮޑުވަޒީރު ލީ ޝެއިން ލޮންގް ވިދާޅުވީ އޭނާ އަބުރުގެ ދައުވާ ހުށަހެޅީ މެލޭޝިއާއަށް ނިސބަތްވާ ނޫސްވެރިޔާ ރުބާޝިނީ ޝަންމުގަނާތަން އޭނާގެ ބައްޕަ ލީ ކުއަން ޔޫއާ ބެހޭގޮތުން ޝާއިއުކުރި ދޮގުވާހަކަތަކުގް ސަބަބުން މައުނަވީގޮތުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

ރުބާޝިނީ ޝާއިއުކޮށްފައިވާ ލިޔުމަކީ އާސާސެއް ނެތް ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ލިޔުމަކަށް ވުމުގެ އިތުރުން އެލިޔުން ޝާއިއުކޮށްފައިވަނީ ސޮޝަލް މީޑިއާގައި މީހުންގެ ސަމާލުކަން އަންނަ ގޮތަކަށް ކަމުން އެކަމުގެ ސަބަބުން މައުނަވީގޮތުން ބޮޑެތި ގެއްލުންތަކެއް އޭނާއަށާއި އާއިލާއަށް ލިބިފައިވާ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ލީ ގެ ބައްޕާފުޅު ލީ ކުއާން ޔޫ އަކީ 1959 ން އަހަރުން 1990 ށް ސިންގަޕޫރުގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ޒަމާނީ ސިންގަޕޫރު ބިނާކުރެއްވުމުގެ އިތުރުން ދުނިޔޭގައި ތަރައްގީވެފައިވާ އެންމެ މުއްސަނދި ގައުމުތަކުގެ ލިސްޓަށް އެގައުމު އެރުވުމުގެ ބާނީއަކީ ލީ ކުއާން ޔޫ އެވެ.

މެލޭޝިއާގެ ނޫސްވެރިޔާ ރުބާޝިނީ ޝަންމުގަނާތަން ނޫހުގައި ޝާއިއުކުރި ލިޔުން ބިނާކޮށްފައިވަނީ ލީ ކުއާން ޔޫ އަވަހާރަވުމުން އޭނާގެ ގެކޮޅާ އަދި މުދަލާމެދު އަމަލުކުރާނެ ގޮތަކާ ބެހޭގޮތުން ލީގެ އާއިލާގެ މެންބަރުންގެ މެދުގައި ބޮޑެތި އަރާރުންތަކެއ އުފެދިފައިވާކަމަށް ބުނެ އާއިލާގެ މަސްލަހަތުހުރި ކަންތައްތަކެއްގެ މައްޗަށެވެ. މިލިޔުން ސިންގަޕޫރުގެ ނޫހެއްގައިވެސް ވަނީ ޝާޢިއު ކޮށްފައެވެ. މިމައްސަލާގައި އެއާއިލާގެ އެހެން މެންބަރުންވެސް ތިބީ ހިތްހަމަނުޖެހިފައެވެ.

2019 ވަނަ އަހަރުގެ ކުރީކޮޅު ޝާއިއުކުރި މިލިޔުމާބެހޭ ގޮތުން ލީ އަބުރުގެ ދައުވާ ކުރައްވާފައިވަނީ އެއަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. ކޯޓުން އަޑުއެހެންތައް ބާއްވަންފެށީ މިހާރުއެވެ.

ސިންގަޮޕޫރަކީ ނޫސްވެރިކަމުގެ މިނިވަންކަން ހައްދެއް ނެތް މިންވަރަށް ދޫކޮށްލާފައި ނުވާ، އަދި ނޫސްވެރިންނާއި އެހެނިހެން މީހުންނާ ދެކޮޅަށްވެސް އަބުރުގެ ދައުވާ އުފުލުން އާންމު ގައުމެކެވެ.

ސިންގަޕޫރުގައި ވެރިކަންކުރާ "ޕީޕަލްސް އެކްޝަން ޕާޓީ" ގައި ހިމެނޭ ލީ ނޫން އެހެން ވެރިންވެސް ބޭރުގެ ނޫސްތަކާ އަދި ސިންގަޕޫރުގެ އިދިކޮޅު ސީޔާސީ ފަރާތްތަކާ ދެކޮޅަށްވެސް ވަރަށް ގިނައިން އަބުރުގެ ދައުވާތައްކޮށް އެދައުވާތައް ކާމިޔާބު ކުރައްވައި ބަދަލުތައް ހޯއްދަވާފައިވެއެވެ. ސިންގަޕޫރުގެ ހައިކޯޓުން ދާދިފަހުންވެސްވަނީ ލީ ހުށަހެޅުއްވި އަބުރުގެ ދައުވާއެއް އޭނާގެ ކޮޅަށް ނިންމައި އެއްލައްކަ އެމެރިކާ ޑޮލަރުގެ ބަދަލެއް ލީ އަށް ދިނުމަށް ހުކުމް ކޮށްފައެވެ.

ސިންގަޕޫރުގެ ވެރިން ވިދާޅުވާގޮތުގައި ހިތަށް އެރިހައި އެއްޗެއް ސާބިތު ނުހިފޭގޮތަށް ލިޔެ ޝާއިއު ކުރުމަކީ ނޫސްވެރިންނެއް ކަމަކު އޮންނަންޖެހޭނެ ހައްގެއް ނޫނެވެ. ނޫސްވެރިންނަށް މިނިވަންކަން އޮންނަ ފަދައިން ރައްޔިތުންނަށްވެސް އެމީހުންގެ އަބުރު ރައްކާތެރި ކުރުމުގެ ހައްގު އޮންނަންޖެހޭނެއެވެ.

އެހެން ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނަނީ ނޫސްވެރިން ކޮންމެ އެއްޗެއް ލިޔުނު ނަމަވެސް އެމީހުންނާ ދެކޮޅަށް ދައުވާކުރުމަކީ ޚިޔާލުފައުޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ ކަމެއްކަމުގައެވެ. ލީ ހުށަހެޅުއްވި މިމައްސަލާގައިވެސް "ހިޔުމަން ރައިޓްސް ވޮޗް" އިންވަނީ ނުރުހުން ފާޅުކޮށްފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް