އެޗް01އެން3 ދޫނި ރޯނގާ ފުރަތަމަ ފަހަރަށް އިންސާނަކަށް ޖެހިއްޖެ

ޗައިނާއިން ވަނީ އެޗް01އެން3 އިންސާނެއްގެ ހަށިގަނޑުން ފުރަތަމަ ފަހަރަށް ފެނިފައިވާ ކަމަށް ބުނެފަ -- ފޮޓޯ: އޭއެފްޕީ

ބެއިޖިން (ޖޫން 2): ދޫނީ ރޯނގާގެ މަދުން ނޫނީ ނުފެންނަ ބާވަތެއް ކަމަށްވާ އެޗް01އެން3 އިންސާނެއްގެ ހަށިގަނޑުން ފުރަތަމަ ފަހަރަށް ފެނިއްޖެ ކަމަށް ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަން (އެންއެޗްސީ)އިން ބުނެފި އެވެ.

އެންއެޗްސީއިން ބުނި ގޮތުގައި ޗައިނާގެ ޖަންގްސޫ ޕްރޮވިންސުގެ ޖެންޖިއަންގް ސިޓީން އޭޕްރިލް 28ގައި ހޮސްޕިޓަލުގައި އެޑްމިޓު ކުރި މީހަކަށް އެޗް01އެން3 ޖެހިފައިވާ ކަން އެނގުނީ މިދިޔަ ހުކުރު ދުވަހު އެވެ. ނަމަވެސް އޭނާއަށް ބަލި ޖެހުނު ގޮތުގެ ތަފްސީލެއް އެ ކޮމިޝަނުން ހާމަ ނުކުރެ އެވެ.

"އިންސާނަކަށް އެޗް01އެން3 ޖެހިފައިވާ ކަމުގެ ރިޕޯޓެއް ދުނިޔޭގެ އެއްވެސް ތަނަކުން އަދި ކޮށްފައި ނުވޭ. މިއީ ދޫނީގެ ޒަރިއްޔާއިން އިންސާނުންގެ ގަޔަށް ބައެއް ފަހަރު ބަލި އެރުމުގެ ކޭހެއް އަދި ބަލި ފުޅާ ދާއިރާއެއްގައި ފެތުރުމުގެ ނުރައްކާ ވަރަށް ކުޑަ،" އެންއެޗްސީން ބުނި ކަމަށް ޗައިނާގެ ގްލޯބަލް ޓައިމްސްއިން ރިޕޯޓު ކުރި އެވެ.

މީގެ އިތުރުން ބަލި ޖެހުނު މީހާގެ ހާލު ރަނގަޅުވެ، ހޮސްޕިޓަލުން ދޫކޮށްލަން ތައްޔާރުވެފައިވާ ކަމަށް އެންއެޗްސީން ބުންޏެވެ. އަދި އޭނާއާ ގާތް މީހުން ޓެސްޓު ކުރުމުން އެއްވެސް މީހެއްގެ ފަރާތުން ބަލި ފެނިފައި ނުވާކަންވެސް އެ ކޮމިޝަނުން ފާހަގަ ކުރި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނީ ޗައިނާގެ މީހާއަށް އެޗް01އެން3 ޖެހުނު ގޮތެއް އަދި ނޭނގޭ ކަމަށާއި އެ މީހާ ދިރިއުޅޭ ސަރަހައްދުން ބަލީގެ އިތުރު ކޭހެއް ފެނިފައި ނުވާ ކަމަށެވެ. އަދި އެ ބަލި ގައިން ގަޔަށް އަރާ ކަމުގެ އެއްވެސް ހެއްކެއްވެސް ނެތް ކަމަށެވެ.

ފަހުގެ ތާރީހެއްގައި ޗައިނާގައި ދޫނީ ރޯނގާ އެންމެ ބޮޑަށް ފެތުރުނީ 2016 އާއި 2017އިގަ އެވެ. އޭރު ފެތުރުނީ އެޗް7އެން9 ވައިރަސް ސްޓްރެއިން އެވެ. އަދި ބަލީގައި 300 ވަރަކަށް މީހުން މަރުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް