މަޖިލިސް ގޮއްވާލަންވީ ކަމަށް ބުނެ ކޮމެންޓު ކުރި މީހާ ހައްޔަރުކޮށްްފި

ރައްޔިތުން މަޖިލިސް ކުރާ ގޭ ކައިރިން ފުލުހުންތަކެއް ހިނގާފައި ދަނީ -- ސަން ފޮޓޯ

ރައްޔިތުންގެ މަޖިލީހަކީ ގޮއްވާލަންޖެހޭ ތަނެއް ކަމަށް ބުނެ، ކޮމެންޓު ކުރި މީހާ ހައްޔަރުކޮށްފި އެވެ.

މިމަހުގެ ހަ ވަނަ ދުވަހު މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިދިޔަ މަހުގެ 17 ވަމަ ދުވަހު ރިޔާސަތުން ހުށަހެޅި މައްސަލައިގެ ބަހުސް ކުރިއަށް ދަނިކޮށް ފޭސްބުކް ސްޓްރީމަކަށް ކޮމެންޓު ކުރި މީހަކު ވަނީ، މަޖިލީހަކީ ގޮއްވާލަން ޖެހެ ތަނެއް ކަމަށް ބުނެފަ އެވެ.

މަޖިލިސް މެމްބަރުންނަކީ ރައްޔިތުންގެ ހަރާން ލާރި ކާ ބައެއް ކަމަށާއި، އެފަދަ ބަޔަކު ތިބޭ ތަނެއް "ބަހައްޓާނެ ކަމެއް" ނެތް ކަމަށް ވެސް އެމީހާ ބުނެފައިވެ އެވެ.

އެ ކޮމެންޓު ކުރުމާ އެކު، ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ވަނީ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ފުލުހުން މިއަދު ބުނީ، އެ މައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގަށް ފަހު، ކޮމެންޓު ކުރި މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ލިބޭގޮތަށް ދައްކާ ވާހަކައާއި، އެފަދަ އިންޒާރުތައް ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

މަޖިލީހަކީ ގޮއްވާލަންޖެހޭ ތަނެއް ކަމަށް ބުނެ، ކުރި ކޮމެންޓަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ އިދާރާއި ވަށައިގެންވާ ސަރަހައްދުތަކުގެ ސެކިއުރިޓީ ވެސް ވަނީ މަތިކޮށްފަ އެވެ.

ޓެރަރިޒަމަށް ތާއީދުކޮށް، ނުވަތަ އެފަދަ ކަންކަމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ކޮމެންޓުކޮށް ވާހަކަދެއްކުމަކީ ޖިނާއީ ކުށެކެވެ. އަދި އެފަދަ ފަރާތްތައް ހޯދާ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ މިފަހުން ދީފަ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ކުށެއް ކަމަށެވެ.

"ހިތްވަރު ދިނުން" ކަމަށް ގާނޫނުގައި ބުނެފައި ވަނީ، މީހަކު ބުނާ ބުނުމަކުން ނުވަތަ ދޭ ބަޔާނަކުން، އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް ނުވަތަ މަގުފަހިކުރުމަށް ހިތްވަރުދޭ ކަމެއްކަމަށް އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ފެންނަ ފެނުން ކަމަށެވެ.

އެގޮތުން ޓީވީ، ރޭޑިއޯ ނުވަތަ އިންޓަނެޓް މެދުވެރިކޮށް ވެސް ޓެރަރިޒަމަށް ހިތްވަރު ދިނުމަކީ ކުށެކެވެ. ޓެރަރިޒަމަށް ހިތްވަރުދިނުމުގެ އަމަލެއް ކޮށްފި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

comment ކޮމެންޓް