މާލޭގެ 37 މިސްކިތުގައި އަދިވެސް ވަކިން ނަމާދު ކުރެވޭނެ: އިސްލާމިކް މިނިސްޓްރީ

ޖޫން 15، 2020: ރައްކާތެރިކަމުގެ ފިިޔަވަޅުތައް އަޅައި، ޖަމާއަތް ނުހަދާގޮތަށް މިސްކިތް ހުޅުވާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ މިސްކިތްތަކުގެ ތެރެއިން 37 މިސްކިތުގައި މިހާރުވެސް ވަކިން ނަމާދުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ ކޮވިޑް ހާލަތަށް ހުރިގޮތުން، ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފަޔާއެކު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑައިލީ ހުސްވި މެއި މަހުގެ 19 ވަނަ ދުވަހުގަ އެވެ.

މިނިސްޓްރީން ބުނީ އޭގެ ފަހުންވެސް ގައިދުރުކަމެއް ނެތި މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރާތީ، އާންމު މަސްލަހަތަށް ރިއާޔަތްކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތައް ބަންދުކުރަން ނިންމި ކަމަށެވެ.

އެހެން ނަމަވެސް ބައެއް އާންމު ފަރާތްތަކުން ހާއްސަ ހާލަތްތަކުގައި މިސްކިތްތައް ބޭނުންކުރަމުންދާތީ މާލެ ސަރަހައްދުގައި ހިމެނޭ 40 މިސްކިތުގެ ތެރެއިން 37 މިސްކިތުގައި ނަމާދު ކުރުމާއި ފާހާނާ ކުރުމާއި ވުޟޫ ކުރެވޭނެ އިންތިޒާ މިހާރުވެސް ހަމަޖައްސައިދީފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ހާލަތުގައިވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ގުރުއާން ކިޔެވުމަށާއި އިސްތިއުފާރު ކުރުމަށާއި ބަލިމަޑުކަމުން ސަލާމަތް ކޮށްދިނުން އެދި ގިނައިން ދުއާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފަ އެވެ.

ހަމައެއާއެކު ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް