މެއި މަހު އައި ފަތުރުވެރިންގެ އަދަދު ބޮޑުތަނުން މަދު

މާޗް 29، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުސްވި މެއި މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، ކުރީ ހަތަރު މަހާ އަޅާބަލާއިރު ބޮޑުތަނުން މަދުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކުރި މައުލޫމާތަށް ބަލާއިރު މެއިި މަހު ރާއްޖެ އައިސްފައިވަނީ 64،616 ފަތުރުވެރިންނެވެ. ދުވާލެއްގެ މައްޗަށް އެއްވެޖުކޮށް 2،086 ފަތުރުވެރިން މެއި މަހު ރާއްޖެ އައިސްފައިވެއެވެ.

މި އަހަރުގެ ޖެނުއަރީ މަހު އައި ފަތުރުވެރިންގެ ޖުމްލަ އަކީ 92،103 އެވެ. ފެބްރުއަރީ މަހު 96،882 ފަތުރުވެރިން އައި އިރު މާޗު މަހު 109،585 ފަތުރުވެރިން އަދި އޭޕްރީލް މަހު 91،200 ފަތުރުވެރިން އައިސްފައި ވެއެވެ.

މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 454،383 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ހިސާބުތައް ދައްކަ އެވެ.

އަހަރުގެ ފުރަތަމަ ހަތަރު މަހު އެވްރެޖުކޮށް ދުވާލަކު 3،500 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު ޑެއިލީ އެރައިވަލްސް ވެސް އުޅުނީ 3،000 އިން މަތީގަ އެވެ. ނަމަވެސް މެއި މަހުގެ ވައެއް ދުވަސްދުވަހު 1،200 ފަތުރުވެރިން އައި ކަމަށްވެސް ރެކޯޑުތައް ދައްކަ އެވެ.

މެއި މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މަދުވެފައިވަނީ ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަމުންދިޔަ އިންޑިއާގެ ފަތުރުވެރިންނަށް ވިސާ ދިނުން ވަގުތީގޮތުން ހުއްޓާލުމާ އެކު އެވެ. އިންޑިއާގައި ކޮވިޑު ފެތުރޭ މިންވަރު އިތުރުވުމުން އެ ގައުމުގެ ޓޫރިސްޓުން އައުން އޮތީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ.

މީގެ އިތުރުން މި ދުވަސްވަރަކީ އޮފް ސީޒަނަށް ވުމަކީވެސް ޓޫރިސްޓުންގެ އަދަދު ދަށްވި އަނެއް ސަބަބެވެ. ރާއްޖޭގެ ކޮވިޑު ނަންބަރުތައް އިތުރުވެފައިވާއިރު ޔޫކޭ، އެމެރިކާ ފަދަ ގައުމުތަކުން ރާއްޖެ އަށް ޓްރެވަލް އެޑްވައިޒަރީ ނެރެފައިވުމާއި ބައެއް ގައުމުތަކުގެ ބޯޑަރު ބަންދުކުރުމާ ދަތުރުފަތުރަށް ހުރި ގޮންޖެހުންތަކަކީވެސް ޓޫރިސްޓުންގެ އަދަދު މަދުވި ސަބަބެކެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިއާ އިންނެވެ. ދެވަނާގައި އިންޑިއާ އޮތް އިރު ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޖަރުމަނުންނެވެ. ޔޫކްރެއިން އާއި ކަޒަކިސްތާނު މާކެޓުވެސް އެންމެ ގިނަ ޓޫރިސްޓުން އަންނަ ފަހެއްގައި ހިމެނެ އެވެ.

ސަރުކާރުން އަމާޒު ހިފާފައި އޮތީ މި އަހަރު އެއް މިލިއަން ޓޫރިސްޓުން ގެނައުމަށެވެ. ނަމަވެސް ކޮވިޑަށް ވެކްސިން ދޭން ފެށުމާއެކު އެ އަދަދު 1.5 އަށް އިތުރުވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް