އައްޑޫ އޮޕަރޭޝަން: ފަސް މީހުން ދޫކޮށްލި އަމުރު އިސްތިއުނާފުކޮށްފި

--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން އައްޑޫ ސީޓީން މިމަހު ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި ފަސް މީހަކު ދޫކޮށްލަން ނިންމި ނިންމުން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން މިއަދު އިސްތިއުނާފު ކޮށްފި އެވެ.

ފުލުހުން އޮޕަރޭޝަންގައި މިދިޔަ މަހު 15 ވަނަ ދުވަހު އަށް މީހަކު އައްޑޫ ސީޓީން ހައްޔަރު ކުރި އެވެ. މީގެ ކުރިން 15 ދުވަސް އެމީހުންގެ ބައްދަށް ޖަހާފައިވެ އެވެ.

ނަމަވެސް މެއި 30 ވަނަ ދުވަހު އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަަށް މިއަދު ކޯޓަށް ގެންދިޔުމުން އެމީހުންގެ ތެރެއިން ފަސް މީހަކު ވަނީ ދޫކޮށްލައިފަ އެވެ.

ފުލުހުން ބުނީ އެ މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްދން ފުލުހުން ޕީޖީ އޮފީހުގައި އެދިފައިވާނެ ކަމަށެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު މިއަދު "ސަން" އަށް ވިދާޅުވީ މިހާރު އެ ނިންމުން އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.

މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން، މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ސިފައިން ފުލުހުން ހަތިޔާރާއެކު އޮޕަރޭޝަންތަކެއް ހިންގި އެވެ.

އެފަދަ އޮޕަރޭޝަންތަކުގައި މާލޭ ސަރަހައްދުން ވެސް ފަސް މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ނަޝީދު ދިރިއުޅުއްވާ ގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލާ ދިން ހަމަލާއިން އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވީ ހަމަ ކިރިޔާކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އެ ހަމަލާއާ ގުޅިގެން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް