ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އައިއޭއެސް އިން މަސައްކަތް ކުރަނީ

މޯލްޑިވިއަންގެ ފްލައިޓެއް -- ސަން ފައިލް ފޮޓޯ

ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އައިލެންޑް އޭވިއޭޝަނުން މަސައްކަތް ފަށައިފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިއޭއެސް އިން ކުރި އިއުލާނެއްގައި ވަނީ ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގުމުގެ މާލީ ގާބިލުކަން ހުރި ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ޝައުގުވެރިކަން ފާލުކުރާ ފަރާތްތަކަކީ، މީގެ ކުރިން ފްލައިން ސްކޫލު ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ބަޔަކަށް ވާންެޖެހޭނެ ކަމަށާއި އެގޮތުން، ފްލައިން ސްކޫލު ހިންގުމަށް ކުރިމަތިލާ ކުންފުނީގެ އަމިއްލަ ގައުމުގެ އިތުރުން އިތުރު ދެ ގައުމުގައި ފްލައިން ސްކޫލު ހިންގުމުގެ މަސައްކަތް ކޮށްފައި އޮންނަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ރާއްޖޭގައި ފްލައިން ސްކޫލު ހިންގުމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް އިވެލުއޭޓު ކުރާނީ ސްކޫލު މެނޭޖު ކުރުމުގެ ގާބިލުކަން ހުރިވަރާއި މާލީ ގާބިލުކަމަށް ބަލައިގެން ކަމަށް އައިއޭއެސްގެ އިއުލާނުގައިވެ އެވެ.

އައިއޭއެސް އިން ބުނެފައި ވަނީ ފްލައިން ސްކޫލު ހިންގާނީ ރާއްޖޭގައި އޮޕަރޭޓު ކުރާ ކޮންމެވެސް އެއް އެއާޕޯޓެއްގައި ކަމަށާއި، ފްލައިން ސްކޫލުގެ ކަންތައް ކުރިއަށް ގެންދިޔުމަށް އެކަމަށް ހާއްސަ ސަބްސިޑަރީ ކުންފުންޏެއް އުފައްދާނެ ކަމަށެވެ.

ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އައިލެންޑް އޭވިއޭޝަނުން މަސައްކަތް ފަށާފައިވާ އިރު، މިހާރު ރާއްޖޭގައި ހިންގާ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ)ގެ މައްސަލަ ވަނީ ބޮއްސން ލައިފަ އެވެ. އޭއޭއޭ ގައި ކިޔަވާ ކުދިންގެ ކޯސް ނުނިމި ދިގުލައިގެންދާ މައްސަލަ ބޮޑުވެ ކުދިންނަށް ހައްލެއް ހޯދައިދިނުމަށް އިދާރާތަކުގައި އެދެމުންދާތާ އެތައް މަހެއް ވެއްޖެ އެވެ.

އޭއޭއޭގެ ޓްރެއިންގް ހެޑް ސުރަންޖަން ޑި ސިލްވާ އަށް ދޫކޮށްފައިވާ ހުއްދަ ސަރުކާރުން ބާތިލުކޮށްފައިވާއިރު ދަރިވަރުންގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ނަގާފައިވާ ދަރިވަރުންގެ ލޯނު މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް މިނިސްޓްރީ އޮފް ހަޔާ އެޑީއުކޭޝަން އިން ދޫކުރާ ލޯނުތަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

comment ކޮމެންޓް