ފުޑްކޯޓު ހަދަން ދިޔަ ހަރަދު ކަވަރުވާން 7-6 އަހަރު ނަގާނެ

ފުޑްކޯޓު --- ސަން ފޮޓޯ: ފަޔާޒު މޫސާ

މާލޭ ހުޅަނގު ދެކުނުގައި ތަރައްގީކޮށްފައިވާ ފުޑްކޯޓުތައް ތަރައްގީ ކުރުމަށް ހޭދަވި ހަރަދު ކަވަރުވާން އިތުރު ހަޔެއް ނޫނީ ހަތް އަހަރު ނަގާނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯ އިން މިއަދު ކުރިއަށްގެންދިޔަ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އާންމު ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު ނިޒާމް ވިދާޅުވީ އެންމެ ފުރަތަމަ ލަފާކޮށްފައި އޮތީ އަށް އަހަރު ތެރޭ ފުޑް ކޯޓު ތަރައްގީ ކުރުމަށް ހޭދަވި ހަރަދު ލިބޭނެ ކަމަށް ކަމަށެވެ.

ނަމަވެސް ކޮވިޑް19 އާއި ގުޅިގެން މިދިޔަ އަހަރުގެ ބައެއްގައި ފުޑް ކޯޓުތަކުން ކުލި ނުނަގައި ދިޔަ ކަމަށާއި، އޭގެ ފަހުންވެސް ކުލި ކުޑަކޮށްފައިވާނެ ކަމަށް ނިޒާމް ވިދާޅުވި އެވެ.

ފުޑްކޯޓުގެެ ގޮޅިތައް އެސްޓީއޯ އިން ފުރަތަމަ ކުއްޔަށް ދިނީ ބޭސް ރޭޓް، އަކަފޫޓެއް 53 ރުފިޔާގެ މަގުންނެވެ.

"އެހެންކަމުން މިހާރު ލަފާކުރެވެނީ ހަތެއް ނޫނީ ހަ އަހަރު ތެރޭ މިހާރު ކޮސްޓު ކަވަރު ވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ނިޒާމް ވިދާޅުވީ މިހާރުވެސް ފުޑްކޯޓުގެ ބައެއް ގޮޅިތައް ހުސްކޮށް އެބަހުރި ކަމަށެވެ.

މިދިޔަ އަހަރު ކޮވިޑް19 އާއި ގުޅިގެން ކެފޭ ރެސްޓޯރެންޓުތައް ބަންދުކޮށްފައި އޮތް މުއްދަތުގައި ފުޑް ކޯޓުގެ ގޮޅިތަކުން ކުލި ނަގައިފަ އެއް ނުވެ އެވެ.

26 ހާބަރު ސަރަހައްދުގައި އެސްޓީއޯ އިން ވަނީ 26 ފުޑް ކޯޓު ތަރައްގީ ކޮށްފައެވެ. އެ މަޝްރޫއަށް އެ ކުންފުނިން 32 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ. އެ ފުޑް ކޯޓުތައް ހުޅުވާފައިވަނީ 2018 ވަނަ އަހަރު އެވެ.

comment ކޮމެންޓް