ޕްލާސްޓިކު ތަކެތި އެތެރެކުރުން މަނާކުރާ ސުންގަޑިއަށް ބަދަލެއް

މަގުމައްޗަށް ސުޕާރި ޕެކެޓު އަޅާފައި -- ސަން ފައިލް ފޮޓޯ

ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން މާދަމާ އިން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ތަކެތި އެތެރެކުރުމުގެ ސުންގަޑި އަށް އަމަލު ކުރާނެ ގޮތަށް ބަދަލު ގެނެސްފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ ޖޫން އެކެއްގެ ފަހުން ރާއްޖެއަށް ގެންނަ ޝިޕްމަންޓެއްނަމަ، އެ މުދަލެއްގެ ބިލް އޮފް ލެޑިން ނުވަތަ އެއާވޭ ބިލް، ޖޫން އެކެއްގެެ ގެ ކުރިން ދޫކޮށްފައިވާނަމަ، މުދާ އެތެރެކުރުމަށް ކަސްޓަމްސް އިން ފުރުސަތު ދޭނެ ކަމަށެވެ.

އެގޮތަށް ނިންމީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އެއް ގައުމުން އަނެއް ގައުމަށް މުދާ އުފުލުމުގައި ގިނަގުނަ ދަތިތަކެއް ހުރުމާއެކު، ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.

ޖޫން އިން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ތަކެތި:

  • ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި
  • ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާ ތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
  • ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް (ފުޅިމަދު) ފޮށި
  • ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
  • ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓުކުރާ ސުޕާރީ
  • 250 މިލިލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ކޮފީ ތަށި
  • ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
  • 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނި ފުޅި
  • 500 މިލިލީޓަރަށް ވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ހުރިހާ ދިޔާ ތަކެތި (ފެނާއި ލުއިބުއިން ހިމެނޭ ގޮތަށް)

މީގެއިތުރުން 2022 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯން އަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު އަދި 50 މިލިލީޓަރާއި 200 މިލިލީޓަރާ ދެމެދުގެ ޝޭމްޕޫ އަދި ސައިބޯނި ފުޅި ރާއްޖެ އެތެރެކުރުން މަނާވާނެއެވެ.

ޑިސެމްބަރު 2023 އިން ފެށިގެން އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި ޕެޓް ފުޅީފައި ބަންދުކޮށްފައި ހުންނަ ފެން ވެސް ރާއްޖެ އެތެެކުރުން މަނާވާނެއެވެ.

comment ކޮމެންޓް