ޗައިނާއަށް އެތެރެވާން ހުއްދަ ނުލިބި ގައުމީ ޓީމު ވާނުވާގައި

ގައުމީ ޓީމުން ދުބާއީގައި ކުރިއަށް ގެންދާ ފަރިތަކުރުންތަކުގެ ތެރެއިން --- ފޮޓޯ//އެފްއޭއެމް

ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ މެޗުތައް ކުޅުމަށް ޗައިނާއަށް އެތެރެވާން ހުއްދަ ނުލިބުމާ އެކު އެ މެޗުތައް ފަސްކުރަން ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކުގެ ސަބަބުން ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ނުގެންދެވި ދުބާއީއަށް 25 ކުޅުންތެރިންގެ ސްކޮޑަކާ އެކު ފުރީ މި މަހުގެ 22 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް ދުބާއީގެ ތަމްރީންތަކަށްފަހު ގައުމީ ޓީމު އެނބުރި ޗައިނާއަށް ދިއުމުގެ ކުރިން ފައިނަލް ޓެސްޓްތަކެއް ހެދި އިރު، އަލީ އަޝްފާގު (ދަަގަނޑޭ) އާއި އަލީ ޝާމިސް (ތޮއްޕޭ) ޕޮޒިޓިވްވެފައިވާތީ ޓީމު ވަނީ ދުބާއީގައި މަޑުކޮށްފަ އެވެ.

އަދި އެހެންމެ ރާއްޖެއާއި އެއް ގުރޫޕެއްގައި ދެން އޮތް ސީރިއާ ޓީމުގައި ވެސް ކޮންމެ ވެސް ވަރަކަށް ޕޮޒިޓިވް ކޭސްތަކެއް އުޅޭއިރު، މި ވަގުތު ގަތަރުގައި ތިބި ފިލިޕީންސް ޓީމުގެ ވެސް ގިނަ ކުޅުންތެރިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެެވެ. ރާއްޖެއާ އެކު ސީރިއާ ޓީމު ވެސް މިއަދު އޮތީ ފުރާގޮތަށެވެ. އެކަމަކު އެ ޓީމު ވެސް ދުބާއީގައި މަޑުކުރީ އެވެ.

އެފްއޭއެމުން އިއްޔެ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އެކަމާ ބެހޭ ގޮތުން ނޫސްވެރިންނާ މައުލޫމާތު ހިއްސާ ކޮށްފަ އެވެ. ބައްސާމް ވިދާޅުވިގޮތުގައި މިހާރު ހާލަތު އޮތް ގޮތުން އެންމެ ކައިރީ ކޮލިފައިންގެ މެޗުތައް ފަސް ކުރުމެވެ. މެޗުތައް އަރަބް އެމިރޭޓްސްގައި ކުޅުމުގެ ވިސްނުމެއް ވެސް އޭއެފްސީން ގެންގުޅެފާނެ ކަމަށް އޭނާ ލަފާ ކުރައްވަ އެވެ.

"މި ޓީމުތަކަށް ޗައިނާ އަށް ނޭރެވޭ ގޮތަށް ޗައިނާ ސަރުކާރުން އޮތީ މި ވަގުތު ކަނޑައަޅާފައި. ޗައިނާ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ ޗައިނާ ސަރުކާރާ މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރަމުން. އޭއެފްސީން ވަރަށް އަވަހަށް އެންމެ ލަސްވެގެން މާދަމާ ގޮތެއް ނިންމާނެ ކަމަށް ބެލެވޭ،" ބައްސާމް ވިދާޅުވި އެވެ.

މީގެ އިތުރުން ގައުމީ ޓީމުގެ ކޯޗު މާޓީން ކޫޕްމަން އިއްޔެ ސޯޝަލް މީޑިއާގައި ބުނެފައިވަނީ ޓީމު ތައްޔާރުވާން ޖެހުނީ އާދަޔާ ހިލާފަށް އުނދަގޫ ހާލަތެއްގެ ތެރެއިން ކަމަށާއި، މިއީ މިކަން ވާން ޖެހޭނެ ގޮތެއް ނޫން ކަމަށެވެ. އަދި ނުރައްކާ އަދި އުނދަގޫ ދަތިވަގުތެއްގައި ކުރު މުއްދަތުގެ ޓްރޭނިން ޕްރޮގްރާމްގެ އެންމެ ފަހު ދުވަހު އަލީ އަޝްފާގް ކޮވިޑަށް ޕޮޒިޓިވް ވުމުން އޭނާގެ ކަންބޮޑުވުން ވަނީ ހާމަކޮށްފަ އެވެ.

މި ވަގުތު ޝެޑިއުލް ކޮށްފައި އޮތީ އަންނަ މަހު ކޮލިފައިންގައި ރާއްޖޭގެ ބާކީ ތިން މެޗު ކުޅޭށެވެ. އެ ގޮތުން އަންނަ މަހު ތިން ވަނަ ދުވަހު ރާއްޖެ ކުޅެނީ ޗައިނާއާ އެވެ. އޭގެ ފަހުން ހަތް ވަނަ ދުވަހު ސީރިއާއާ ބައްދަލުކުރުމަށް ފަހު އަންނަ މަހުގެ 15 ގައި ރާއްޖެ ކުޅޭނީ ފިލިޕީންސާ ދެކޮޅަށެވެ.

comment ކޮމެންޓް