ދުންފަތަށް ފައިސާ އިސްރާފުކުރުން ހުއްޓާލަން ރައީސްގެ އިލްތިމާސެއް

ރައީސް ސޯލިހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް

ދުންފަތުގެ އިސްތިއުމާލު ކުރުމަށް ފައިސާ އިސްރާފުކުރުން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފި އެވެ.

މިއަދު ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ފޮނުއްވި ހިތޯބުގައި ރައީސް ވިދާޅުވީ ކޮވިޑް19ގެ ބަލިމަޑުކަމުން އިގްތިސޯދަށް ލިބިފައިވާ ގެއްލުން ފޫބެއްދުމަށްވެސް ދުންފަތުގެ އިސްތިއުމާކު ކުރުންފަދަ ކަންކަމަށް ކުރާ އިސްރާފުތައް ހުއްޓާލުން މުހިއްމު ކަމަށެވެ.

"އަދި މި ދުވަސްވަރަކީ، އަޅުގަނޑުމެންގެ އިސްރާފުތައް މުޅިން ހުއްޓާލައި، ވީ އެންމެ މަތީ މިންވަރެއްގައި އިގްތިސޯދު ކުރަންޖެހޭ ދުވަސްވަރަކަށް ވާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުމަށްޓަކައި އިސްރާފުކުރެވޭ ފައިސާތައް، އާއިލާގެ ދުޅަހެޔޮކަމަށް ބޭނުންކުރުމަށްޓަކައި ފަހަށް ރައްކާކުރެވޭނީ ވެސް، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމުގެ ހިތްވަރާއި އަޒުމް ހުރެގެން،" ރައީސް ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ދުނިޔެއިން އަހަރަކު އަށް މިލިއަން މީހުން މަރުވާ ކަމަށާއި ކޮވިޑް 19އާ ގުޅޭ ގޮތުން މިހާތަނަށް ހަދާފައިވާ ސައިންޓިފިކް ދިރާސާތަކުން ދައްކާގޮތުން ބަލީގައި ބޮޑުވަރުވެ، އފުރާނަ ގެއްލުމުގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީވެސް، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ، 62 އިންސައްތައަށް ގިނަ މީހުންނަކީ، އުމުރުން 15 އަހަރާއި 45 އަހަރާ ދެމެދުގެ މީހުން ކަމަށާއި ރާއްޖޭގެ އާބާދީގެ 40 އިންސައްތައަށް ވުރެ ބޮޑު ނިސްބަތެއްގެ މީހުން ދުންފަތުގެ އިސްތިއުމާލު ކުރާއިރު، އޭގެ ތެރެއިންވެސް ވަރަށް ބޮޑު އިންސައްތައެއް ފެތެނީ މި އުމުފުރާ އަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮވިޑަކީ، ފުއްޕާމެޔާއި ނޭވާލާ ނިޒާމުގެ ތެރޭގައި އަށަގަންނަ ބައްޔަކަށް ވާއިރު، ދުންފަތުގެ އިސްތިއުމާލުކުރުމަކީ، ފުއްޕާމެޔާއި ނޭވާލާ ނިޒާމު ވަރަށް ބޮޑަށް ބަލިކަށިކޮށްލާ ކަމެއްކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެ ނުބައި އާދައިގެ މަތީގައި ދެމިހުރުމަކީ، ކޮވިޑުގައި ހާލު ބޮޑުވެ ފުރާނައާ ހަނގުރާމަ ކުރަންޖެހިދާނެ ފަދަ ނުރައްކާތެރި ކަމެއް ކަމަށެވެ.

"ކޮވިޑް ބަލިން ރައްކާތެރިވުމަށްޓަކައި އަނގަޔާއި ނޭފަތް ނިވާކޮށްގެން އުޅުމަށް ޑޮކްޓަރުން އިރުޝާދު ދެއްވަނީ، ބަލި ޖެހިފައި ތިބޭ މީހުން ކެއްސައި ކިނބިހި އެޅުމުން، އަދި ބޭރަށް ދޫކޮށްލާ ނޭވާގެ ޒަރިއްޔާއިން ވެސް، ކައިރީގައި ތިބޭ އެހެން މީހުންނަށް ކޮވިޑް ބަލި ޖެހުމުގެ ފުރުސަތު އޮންނާތީ. ވީއިރު، ކޮވިޑް ޖެހިފައި ހުރި މީހަކު، ދުންފަތުގެ އިސްތިއުމާކުރަމުން އެ ދޫކޮށްލާ ދުންގަނޑުގެ ޒަރިއްޔާ އިން، ކައިރީގައި ތިބޭ އެހެން މީހުންނަށް ކޮވިޑް ބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުވާނެކަން ޔަގީން. މިފަދަ ކިތަންމެ ސަބަބުތަކަކާ ހުރެ، އަޅުގަނޑު ދެކޭ ގޮތުގައި، މިއީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނުބައި އާދަޔަށް ނޫނެކޭ ބުނަން އެންމެ މުނާސަބު ވަގުތު،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަކީ، އެކަން ކުރާ މީހުންނާއި އެކަން ނުކުރާ މީހުންގެ ވެސް، ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށްދޭނެ ކަމެއް ކަމަށެވެ.

comment ކޮމެންޓް