އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާ ބާއްވައި، މުހިންމު ނިންމުންތަކެއް ނިންމައިފި

އެފްއޭއެމްގެ ރައީސްކަމަށް ދެވަނަ ދައުރަކަށް ހޮވުނު ބައްސާމް އަދީލް ޖަލީލް އަދި އެކްޒެކެޓިވް ކޮމިޓީއަށް ހޮވުނު މެމްބަރުން --- ފޮޓޯ/ އެފްއޭއެމް

ދިވެހި ފުޓުބޯޅައިގެ ކުރިއަށް އޮތް އަހަރަށް ރާވާފައި ހުރި ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައި، 2021 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވައިފި އެވެ.

އިއްޔެ ހަވީރު ޒޫމްގެ ޒަރިއްޔާއިން ބޭއްވި ޖަލްސާއިގައި ވަނީ އެފްއޭއެމުގެ މެމްބަރު 22 ކުލަބަކުން ބައިވެރިވެފަ އެވެ. ކޮވިޑްގެ ސަބަބުން އޮންލައިންކޮށް ޖަލްސާ ބޭއްވި ނަމަވެސް މި ޖަލްސާގައި މިއަހަރަށް ރޭވިފައި ހުރި މުހިއްމު ކަންތައްތަކަކަށް ވަނީ ނިންމުންތަކެއް ނިންމައިފަ އެވެ.

އެގޮތުން އެފްއޭއެމުން ވަނީ މި އަހަރަށް 98.2 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފަ އެވެ. އެއީ ކޮންގްރެސްގައި ބައިވެރިވި 22 ކްލަބްގެ ތެރެއިން 21 ކްލަބްގެ ތާއީދާ އެކު އެވެ. ބަޖެޓުގައިވާ ގޮތުން އެންމެ ބޮޑު ހޭދައެއް ކުރާނީ ޑިވެލޮޕްމަންޓާއި އެޑިއުކޭޝަނަށެވެ. އެ ދާއިރާ އަށް 45.5 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ނިންމައިފަ އެވެ. ދެން އެންމެ ބޮޑު ހަރަދެއް ކުރާނީ 29.8 މިލިއަން ރުފިޔާ ހޭދަވާ ކޮމްޕެޓިޝަންއާއި އިވެންޓްސް އަށެވެ. އެޑްމިނިސްޓްރޭޝަނަށް 21.4 މިލިއަން ރުފިޔާ ހަރަދުކުރާއިރު، ދަރަނިތައް އަދާކުރަން 1.5 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ނިންމައިފަ އެވެ.

އަދި ލީގުގެ ތިންވަނަ ބުރު ކުޅޭ ގޮތަށް ގަވާއިދުގައި ކަނޑައަޅާފައި އޮތް ނަމަވެސް، ކޮވިޑްގެ ހާއްސަ ހާލަތާ ގުޅިގެން ލީގުގެ ތިން ވަނަ ބުރު ކުރިއަށް ނުގެންދަން އެފްއޭއެމުން ނިިންމުމާ އެކު، ތާވަލްގެ އެއްވަނައިގައި އޮތް މާޒިޔާ އަށް ވަނީ ލީގުގެ ޗެމްޕިއަންކަން ލިބިފަ އެވެ.

އެފްއޭއެމްގެ ކޮންގްރެސްގައި ވާހަކަ ދައްކަމުން ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ލީގު ނިންމާލަން ނިންމީ ކްލަބުތަކާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު އެފްއޭއެމްގެ އެކްސްކޯއިން އެގޮތަށް ފާސް ކުރުމުން ކަމަށެވެ.

މީގެ އިތުރުން ކުޅުންތެރިންގެ މުސާރައިގެ މައްސަލައިގަައި ދިވެހި ފުޓްބޯޅައިގެ މަޝްހޫރު ދެ ކުލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓަރީ ސްޕޯޓްސް ކުލަބަށް ދީފައިވާ ސަސްޕެންޝަން އަނެއްކާވެސް ވަނީ ދަމަހައްޓައިފަ އެވެ. އަދި ޖަލްސާގައި ވަނީ ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އަށް ފުރިހަމަ މެމްބާޝިޕް ދޭން ކްލަބްތަކުގެ ވޯޓަކަށް އަހައިފަ އެވެ. ޑީއެސްސީ އަށް އެފްއޭއެމްގެ މެމްބަރުކަން ދޭން ތާއީދުކުރީ 19 ކްލަބަކުންނެވެ. އެކަމާ ދެކޮޅަށް ދެ ކްލަބަކުން ވޯޓު ދިނެވެ.

އަދި އެހެންމެ އެފްއޭއެމުން ވަނީ މި އަހަރު އޮންނަ އެއްވެސް އުމުރުފުރާ މުބާރާތެއްގައި ޖޫނިއާ ގައުމީ ޓީމުތައް ބައިވެރި ނުކުރަން ނިންމައިފަ އެވެ. އެއީ އެންމެ ރަނގަޅަށް ޕްރެކްޓިސް ކުރެވޭނެ މާހައުލެއް ނެތި ހަމައެކަނި ޝަރަފަކަށް ގައުމީ ޓީމު މުބާރާތްތަކުގައި ބައިވެރިވެލުމުގެ ވިސްނުމެއް މިހާރު އެފްއޭއެމްގެ މެނޭޖްމަންޓުން ނުގެންގުޅޭ ކަމަށް ބައްސާމް ވިދާޅުވި އެވެ.

comment ކޮމެންޓް