އަނެއްކާވެސް ޓެރަރިޒަމް ގާނޫނު އިސްލާހު ކުރަނީ، މިފަހަރު ކޯޓު އަމުރާ ނުލައި 48 ގަޑިއިރު ބަންދުގައި ބެހެޓޭ ގޮތަށް

ފުލުހުންނާއި ސިފައިން މަގުމަތީގައި ހަރަކާތެރިވަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުން 48 ގަޑިއިރު ވަންދެން ކޯޓު އަމުރާ ނުލާ ބަންދުގައި ބެހެއްޓޭ ގޮތަށް ހެދުމަށް ޓެރަރިޒަމް ގާނޫނަށް އަނެއްކާވެސް އިސްލާހު ގެނައުމަށް، އެޓޭނީ ޖެނެރަލް އޮފީހުން ބިލެއް ފަރުމާކޮށް ރައީސް އޮފީހަށް ފޮނުވާފި އެވެ.

އެންމެ ފަހުން މަޖިލިސް ޗުއްޓީގައި ވަނިކޮށް، ދައުރުން ބޭރުން ޖަލްސާ ބާއްވައިގެން އެ ގާނޫނު އިސްލާހު ކުރީ 2019 ވަނަ އަހަރުގެ ފަހުކޮޅެވެ. އެފަހަރުން ފުލުހުނަށް ބޮޑެތި ބާރުތަކެއް ދިނުމަށް ގާނޫނަށް އިސްލާހު ގެނެސްފައިވެ އެވެ. އެގޮތުން 24 ގަޑިއިރު ވަންދެން ކޯޓު އަމުރަކާ ނުލާ ހައްޔަރު ކުރެވޭ ގޮތަށް ގާނުނަށް އެފަހަރު އިސްލާހު ގެނައެވެ. އަދި ބައެއް ހައްގުތައް ހަނިކޮށް، ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ޓެރަރިމްވެސް މާނަކޮށްފައިވެ އެވެ.

އޭޖީ އޮފީހުން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް އެ ގާނުނަށް އިސްލާހު ގެނައުމުގެ ބިލު މިއަދު ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މައިގަނޑު ބޮޑު ބަދަލަކީ، މިހާރު 24 ގަޑިއިރު ކޯޓު އަމުރާ ނުލާ ހައްޔަރު ކުރެވޭ ވަގުތު 48 ގަޑި އިރަށް ދިގު ދެންމުމާއެކެ، އެއާ ބެހޭ ބައެއް ކަންކަން އިތުރަށް ސާފުކޮށްދިނުން ކަމަށް އޭޖީ އޮފީހުން ބުންޏެވެ. އަދި އެމީހަކު ހުރި ތަނެއްވެސް ކޯޓު އަމުރަކާ ނުލާ ފާސް ކުރުމުގެ ބާރު ފުލުހުންނަށް ދިނުމަށް ބިލުގައި ހިމަނާފައިވާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

"ހައްޔަރުކުރެވޭ ފަރާތްތައް 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިދިނުމާއެކު، އެފަދަ ފަރާތްތައް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، އެފަރާތްތަކުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް،" ބިލުގައި ހިމަނާފައިވާނެ ކަމަށް ބަޔާނުގައިވެ އެވެ.

"[48 ގަޑިއިރު]ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ ފަރާތެއް އަމިއްލަ ތަނެއްގައިވާ ޙާލަތުގައި އެތަނަކަށް ވަދެ، އެތަން ބަލައި ފާސްކުރުމުގެ ބާރާއި އެކަން ކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުތައްވެސް [ބިލުގައި]،" ބަޔާންކޮށްފައިވާނެ ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.

ހަނގުރާމައަށް ދިޔުމަށްފަހު އަނބުރާ ރާއްޖެއަށް އަންނަ ފަރާތްތަކާމެދު އަމަލުކުރާ އިޖުރާއަތުތަކަށް ބަދަލު ގެނައުމަށްވެސް ބިލުގައި ހިމަނާފައިވާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އެގޮތުން، އެފަދަ މީހުންގެ ތެރެއިން ޓެރަރިޒަމްގެ އަމަލުތައް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ތަހްގީގު ވަގުތުން ވަގުތަށްވެސް ކުރިއަށްގެންދެވޭނެ ގޮތް ހަމަޖެއްސުމާއި، އެނޫން ފަރާތްތަކަކީ އެފަދަ އަމަލުތަކުގައި ސީދާ ބައިވެރިވި ފަރާތްތަކެއް ކަމަށް ނުވިނަމަވެސް، އެއީ، ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅުމުގެ ފުރުސަތު އޮތް ބައެއް ކަމުގައި ބަލައި، އެފަދަ އަމަލުތަކުން މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، އެފަދަ ފިޔަވަޅުތައް އެޅުމާއެކުގައިވެސް އެފަދަ ފަރާތްތަކަށް ދޭންޖެހޭ ރީހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް މަގުފަހިކުރެވޭނެ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ހިމަނާފައިވާނެ ކަމަށް ބަޔާނުގައިވެ އެވެ.

އެ ގާނޫނުގެ ދަށުން ރިހެބިލިޓޝަން ފަރުވާ ދެނީ، މޮނިޓާކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ތަންފީޒުކުރަމުންދާ ފަރާތްތަކަށާއި ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ތަހްގީގު މަރުހަލާގައި ބަންދުގައިވާ ފަރާތްތަކަށާއި، ޓެރަރިޒަމްގެ ކުށް ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކަށާއި އަނބުރާ އަންނަ ހަނގުރާމަވެރިންނާއި އެފަރާތްތަކުގެ އާއިލާގެ މެންބަރުންނަށެވެ.

ރީހެބިލިޓޭޝަން ފަރުވާ ދެވޭ މީހުންނަކީ، ގާނޫނީ ނިޒާމުގެ ކުރިމައްޗަށް އެމީހުން ހުށަހެޅޭ ހިނދުން ފެށިގެން، މުޖުތަމައުއަށް އަނބުރާ ރުޖޫއަވަންދެން މެދުކެނޑުމެއް ނެތި ދެވޭ ފަރުވާއެއް ކަމުގައި ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާނެ ކަމަށްވެސް އޭޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.

ގާނޫނު އަނެއްކާވެސް އިސްލާހު ކުރަނީ، ޓެރަރިޒަމްގެ ކުށްތައް ތަހްގީގުކުރުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ކަމަށް އޭޖީ އޮފީހުން ބުންޏެވެ. އަދި ރާއްޖެއިން ބޭރުގައި ޓެރަރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެފަދަ ހަނގުރާމަވެރި ސަރަޙައްދުތަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކުގެ މައްޗަށް ހިންގަންޖެހޭ އިޖުރާއަތުތައް ހިންގުމުގައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށާއި، ޓެރަރިޒަމްގެ ޢަމަލުތައް ކުރާ ނުވަތަ އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ފަރާތްތަކަށް ހިންގަންޖެހޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހަރުދަނާ ގޮތެއްގައި ހިންގުމަށް މަގުފަހިކޮށްދިނުމަށްޓަކައި ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ފާހަގަ ކުރި އެވެ.

ކޯޓު އަމުރަކާ ނުލާ 48 ގަޑިއިރު ބަންދުގައި ބެހެއްޓޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ބަންޑާނައިބު އޮފީހުން ބިލެއް މިއަދު މަޖިލިހަށް ފޮނުވި އިރު، 2019ވަނަ އަހަރުވެސް ބިލު މަޖިލީހަށް ފޮނުވި އިރު، ބިލުގައި އެ ބާރު ފުލުހުންނަށް ދިނުމަށް ހިމަނާފައިވެއެވެ. އޭރު އެކަމަށް ބައެއް އާންމުން ކަންބޮޑުވުންވެސް ފާޅުކުރި އެވެ. އެހެން ނަމަވެސް ކޮމިޓީ މަރުހަލާގައި ބިލު ދިރާސާކޮށް، ތަޅުމަށް ފޮނުވީ އެ ވަގުތު 24 ގަޑިއިރަށް ކުޑަ ކޮށްފައެވެ.
އޭރު އެގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ފެށީ، ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގައި މަރު ކޮމިޝަންގެ ތަހުގީގަށް ފާހަގަ ކުރެވުނު ކަންތައްތަކެއްގެ ސަބަބުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

މިފަހަރު އަނެއްކާވެސް އެ ގާނޫނަށް އިސްލާހު ހުށަހަޅާފައި މި ވަނީ، މި މަހު ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދީފައި ވަނިކޮށެވެ.

comment ކޮމެންޓް