ޒަމާނުއްސުރެ ކުރަމުން ގެންދިޔަ މީޑިއާގެ ހަނގުރާމަ މުސްލިމް ޒުވާނުންގެ ސަބަބުން އިސްރާއީލަށް ގެއްލެނީ

އިސްރާއީީލުން ފާއިތުވި 80 ވަރަކަށް އަހަރު ތެރޭގައި ފަލަސްތީނުގެ ބިމަށް ވެރިވެގެންފައިވާ ގޮތް ހަމަކޮށްދޭ ޗާޓެއް

އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައި އިސްތިއުމާރުކޮށްގެން އުޅޭ އުޅުން ކުށްވެރި ކުރުމާބެހޭގޮތުން ރިޕަބްލިކް އޮފް އަޔަލޭންޑް ގެ ޕާލަމެންޓަށް މިހާރު ހުށަހަޅާފައިވާ ގަރާރު ފާސްވެއްޖެނަމަ އަޔަލޭންޑްގައި ހުންނަވާ އިސްރާއީލުގެ ސަފީރު އެ ގައުމުން ބޭރުކޮށް އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން އަޔަލޭންޑްގެ ސަރުކާރަށް މަޖްބޫރުވާނެއެވެ.

އަޔަލޭންޑުން އިސްރާއީލުގެ ސަފީރު ބޭރުކޮށް އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުން ގާތް

އަޔަލޭންޑްގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ "ޝިންފޭން" ގެ ފަރާތުން އަޔަލޭންޑް ގެ ޕާލަމެންޓަށް ހުށަހަޅާފައިވާ ގަރާރު ބުނަނީ ފަލަސްތީނުގެ ބިމަކީ އިސްރާއީލުން ބާރުގެ ބޭނުންކޮށްގެން އިސްތިއުމާރީ އޫސޫލުން ވެރިވެގަނެގެން އުޅޭ ބިމެއްކަމާއި އިސްރާއީލަކީ އިސްތިއުމާރީ ބާރުތައް ލާއިންސާނީ ގޮތެއްގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ރަސްމީ ސިފައެއްގައި ބޭނުންކުރަމުން ގެންދާ އަނިޔާވެރި ދައުލަތެއް ކަމުގައެވެ.

އަޔަލޭންޑްގެ ޚާރިޖީ ވަޒީރު ސިމޯން ކޮވެނީ

މި ގަރާރަށް އަޔަލޭންޑްގެ ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެންބަރުންވެސްވަނީ ތާއީދު ކުރައްވާފައެވެ. މިއާއެކު މި ގަރާރު ފާސްވާނެކަމުގެ ބޮޑު ޔަގީންކަމެއް މިހާރުވަނީ ލިބިފައެވެ. މިދެންނެވި ގަރާރު ފާސްވެއްޖެނަމަ އިސްރާއީލުގެ ސަފީރު ބޭރުކޮށްލުމުގެ އިތުރުން އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ވެސް އަޔަލޭންޑްގެ ސަރުކާރަށް މަޖްބޫރުވާނެއެވެ.

އަޔަލޭންޑުންވަނީ ފަލަސްތީނުގެ ދައުލަތްވެސް ގަބޫލުކޮށްފައި

އަޔަލޭންޑްގެ ސަރުކާރަކީ ފަލަސްތީނުން އިއުލާންކޮށްފައިވާ މިނިވަން ދައުލަތަށް ގަބޫލުކޮށް އެދައުލަތަށް އިއުތިރާފްވެސް ވެފައިވާ ގައުމެކެވެ. މިއާއެކު އަޔަލޭންޑްގެ ވެރިރަށް ޑަބްލިންގައި ހުންނަވާ ފަލަސްތީނުގެ ސަފީރަކީ މިނިވަން ދައުލަތެއްގެ ސަފީރަށް ލިބިފައިވާ ހުރިހާ ޑިޕްލޮމެޓިކް ބާރުތަކައި އިޚްތިޔާރުތަކެއް ދީފައިވާ ބޭފުޅެކެވެ.

އަޔަލޭންޑްގެ ޚާރިޖީވަޒީރު ވަނީ އިސްރާއީލަކީ އިސްތިއުމާރީ ބާރެއްކަމަށް ސިފަކުރައްވާފައި

އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް އިސްތިއުމާރީ އުސޫލުން ގަދަބާރުން ވެރިވެގަނެގެންއުޅޭ އުޅުމާއި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ކުށްވެރިކުރުމަށް ގޮވާލައި އަޔަލޭންޑުގެ ޕާލަމެންޓަށް ހުށަހަޅާފައިވާ ގަރާރަށް ތާއީދުކުރައްވަމުން އަޔަލޭންޑްގެ ޚާރިޖީ ވަޒީރު ސިމޯން ކޮވެނީ ވިދާޅުވީ ފަލަސްތީނުގެ ބިމަކީ އިސްރާއީލުން ހަތިޔާރުގެ ބޭނުންކޮށްގެން އިސްރާއީލުގެ ބާރުގެ ދަށަށް ގެނަސްވެރިވެގަނެގެންއުޅޭ ބިމެއް ކަމަށާ އެކަމަށް އިންކާރު ކުރެވެން ނެތްކަމުގައެވެ.

ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅޭ އިސްރާއީލުގެ ސިފައިންގެ ބަޔަކު ފަލަސްތީނުގެ ޒުވާން އަންހެކަނު ހައްޔަރު ކުރަނީ

މިއީ، ހަގީގަތް ނަމަވެސް ޔޫރަޕްގެ ގައުމުތަކުން ގެންދަނީ ފަލަސްތީނުގެ ބިމުގެ ހާލަތު ބަޔާންކޮށްދިނުމަށް މިއިބާރާތް ބޭނުންކުރުމަށް މިހާތަނަށް ދެކޮޅު ހަދަމުންނެވެ. ނަމަވެސް އަޔަލޭންޑްގެ ޚާރިޖީ ވަޒީރާއި އެގައުމުގެ ޕާލަމެންޓްގެ ގިނަ މެންބަރުންތަކެއް މިހަގީގަތް ފާޅުކަންބޮޑު ގޮތެއްގައި ގަބޫލުކުރައްވައި އެކަން ރަސްމީ ސިފައެއްގައި ހާމަކުރެއްވުމުން ޔޫރަޕްގެ އެހެންގައުމުތަކަށް ވަނީ އިސްރާއީލުގެ އިސްތިއުމާރީ ހަގީގަތް އޮޅުވާލުމަށް މިހާތަނަށް ކުޅެމުންގެންދިޔަ ކުޅިގަނޑު ކުޅެން ދަތިވާގޮތްވެ ލަދުގެންފައެވެ. އިންސާނީ ހައްގުތަކާއި މިނިވަންކަމުގެ ނަމުގައި ޔޫރަޕުން ފަތުރާ ޕްރޮޕަގެންޑާތައް އިސްރާއީލުގެ ޖަރީމާތައް ކުށްވެރިނުކޮށް އެކަމާ އަޅާނުލައި ދިފާއުކުރާނީ ކިހިނެތްތޯ އުފެދޭ ސުވާލުތަކާ ކުރިމަތިލާން ޖެހިފައެވެ.

ޔޫރަޕާއި އެމެރިކާގެންދަނީ ގަސްދުގައި އިސްރާއީލުގެ ލާއިންސާނީ ހަގީގަތް ފޮރުވަމުން

އަޔަލޭންޑުން މިހާ ފާޅުކަންބޮޑު ގޮތެއްގައި އިސްރާއީލުގެ އިސްތިއުމާރީ ހަގީގަތް ހާމަކުރިއިރު މިއީ ޔޫރަޕްގެ އެހެންގައުމުތަކަށާ އަދި އެމެރިކާގެ ސިޔާސީ ވެރިންނަށާ އަދި ސަރުކާރުތަކަށްވެސް ނޭންގޭ ހަގީގަތެއް ނޫނެވެ. އިސްރާއީލު ކުށްވެރި ކުރަންޖެހޭ ކަމަކަށްވާތީ ގަސްދުގައި އޮޅުވާލައި ހަގީގަތް ހާމަކުރަން ބޭނުންނުވަނީއެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް އެންމެ ފަހުން ހިންގި އުދުވާނާ ގުޅިގެންނާއި ގުދްސުގައިވާ ފަލަސްތީނުގެ ބައެއް އަވަށްތަކުން ފަލަސްތީނު ރައްޔިތުން ބޭރުކޮށްލުމަށް އިސްރާއީލުން ހިންގާ ނަސްލު ސާފުކުރުމުގެ ޖަރީމާތަކުގެ އިތުރުން މާތްވެގެންވާ މަސްޖިދުލްއަގްސާ އަށް އަޅުކަންކުރުމަށްދާ ފަލަސްތީނު މީހުންނަށް ހުރަސްއަޅައި ޖެއްސުންކުރުމަށް އެ މުގައްދަސް ބިނާގެ ހަރަމްފުޅުގެ ތެރޭގައި އިސްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ އިސްތިއުމާރީ ހަރަކާތްތައް ހުޅަނގުގެ މެއިންސްޓްރީމް މީޑިއާ ކަމަށްވާ ސީއެންއެން އާއި ބީބީސީ ފަދަ ވަސީލަތްތަކުން މާބޮޑަށް ކަވަރު ނުކުރިނަމަވެސް ޚާއްސަކޮށް އަލްޖަޒީރާއިން އަދި އާންމުކޮށް އިސްލާމީ ބައެއް ޗެނެލްތަކުންވަނީ އެޖަރީމާތަކުގެ ކަވަރެޖް ވަރަށް ރަނގަނޅަށް ގެނަސްދީފައެވެ.

މުސްލިމް ޒުވާނުން ސޯޝަލް މީޑިއާގައި ވަނީ އިސްރާއީލު ބޭޒާރުކޮށްލުމުގައި ކާމިޔާބު ހޯދާފައި

މީގެއިތުރުން އަރަބި ގައުމުތަކާއި އިސްލާމީ ގައުމުތަކުގެ ޒުވާނުން ސޯޝަލް މީޑިއާގައި އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތަކުގެ ފޮޓޯއާއި ވީޑިޔޯ ހިމެނޭގޮތަށް ކަވަރެޖްވަނީ އިސްރާއީލާއި އިސްރާއީލުގެ ޒަޔަނިސްޓް ބައިވެރިން ސިއްސައިގެންދާހަ މޮޅަށް ގެނަސްދީ އިސްރާއީލު ފޮރުވައިގެން އުޅޭ ހަގީގަތް ދުނިޔޭގެ އާންމުންނަށް ހަމާކޮށްދީފައެވެ.

ފަލަސްތީނަށް ތާއީދުކޮށް އަޔަލޭންޑްގެ ޑަބްލިންގައި މުޒާހަރާ ކުރަނީ

މުސްލިމް ޒުވާނުންގެ މި ކާމިޔާބު މަސައްކަތްތަކާ ދެކޮޅަށް ސޯޝަލް މީޑިއާގައި އިސްރާއީލުގެ ޖަރީމާތަކާއި އިސްތިއުމާރު ދިފާއުކުރުމުގައި އިސްރާއީލުގެ ޖާސޫސީ އިދާރާއާއި އިސްރާއީލަށް ތާއީދުކުރާ ހުޅަނގުގެ ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތައް މިފަހަރުމިވަނީ ވަރަށް ބޮޑަށް ނާކާމިޔާބު ވެފައެވެ. ނަތީޖާއަކީ އިސްރާއީލަށް އެގައުމުގެ ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް މީޑިއާ ހަނގުރާމައިގާ ނާކާމިޔާބުވެ މުސްލިމް ޒުވާނުންގެ ކުރިމަތީގައި ފަހަތަށް ޖެހި ހަގީގަތާ ކުރިމަތިލާން ޖެހިފައެވެ.

އެމެރިކާގައި އިސްރާއީލާ ދެކޮޅަށް އެއްމިލިޔަން މީހުންގެ މުޒާހަރާއެއް

އެމެރިކާގައި މިހާރުވެސް ގެންދަނީ އިސްރާއީލާ ދެކޮޅަށް އެއްމިލިޔަން މީހުންގެ މުޒާހަރާއެއް ބޭއްވުމަށް އެމެރިކާގެ އިސްލާމީ ޖަމްއިއްޔާތަކުންނާއި އެމެރިކާގައި އިސްރާއީލުގެ އަނިޔާވެރި އިސްތިއުމާރީ ހަގީގަތް އެނގޭ ދޮންމީހުންނާއި ކަޅު ނަސްލުގެ މީހުން ހިމެނޭ ޖަމާއަތްތަކުން ތައްޔާރުވަމުންނެވެ.

އިސްރާއީލުގެ ހަގީގަތް ހާމަކުރާ މީހުންގެ އަނގަ ބަންދުކުރަން ބޭނުންކުރަނީ "އެންޓި ސެމެޓިކް" އައިޑިއޮލޮޖީ

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަށް ކުށްވެރިކޮށް އެކަމުގެ ހަގީގަތް ހަމަކުރާ ފަރާތްތަކުގެ އަޑު ކަނޑުވާލައި ބްލެކްމެއިން ކުރުމަށްޓަކައި އިސްރާއީލާ އަދި ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުން ބޭނުން ކުރަމުން ގެންދަނީ އެފަދަ ފަރާތަކީ "އެންޓި ސެމެޓިކް" (ޔަހޫދީންނާ ޖައްސާލައި އެމީހުން ނިކަމެތިކޮށް އެމީހުންނާ ހަސަދަވެރިވެ އުޅޭ) ފަރާތެއް ކަމުގެ ތުހުމަތެވެ. ނަމަވެސް އިސްރާއީލުގެ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ތެދުވުމަކީ ޔަހޫދީ ދަރިކޮޅާ ނުވަތަ ޔަހޫދީންގެ ދީނާ ދެކޮޅަށް ތެދުވުމެއް ނޫނެވެ. ޔަހޫދީންގެ ތެރޭގައިވެސް އިސްރާއީލާ އިދިކޮޅު އެތަށް ބަޔަކު އުޅެއެވެ. "އެންޓި ސެމިޓިކް" ގެ ނަމުގައި އިސްރާއީލު ޒަމާނުއްސުރެ ގެންގުޅޭ އިސްތިއުމާރީ އައިޑިއޮލޮޖީގެ ހަގީގަތްވެސް މިހާރު ދަނީ ހުޅަނގުގެ އާންމުންނަށްވެސް ބޭޒާރުވަމުންނެވެ.

އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ދެކޮޅަށް މިނިވަން ކަމަށް މަސައްކަތް ކުރުމުގެ ހައްގު ފަލަސްތީނަކަށް ނޯވޭ

އިސްރާއީލާއި ޒަޔަނިސްޓް ޖަމާއަތްތަކުން ހުޅަނގުގައި ފަތުރާފައިވާ ޕްރޮޕަގެންޑާއަކީ އިސްރާއީލަކީ އިސްރާއީލުގެ ވަށައިގެންތިބި އަވަށްޓެރިން ކަމަށްވާ ފަލަސްތީނު މީހުންނާއި އަރަބި ގައުމުތަކުގެ ފަރާތުން އަނިޔާ ލިބެމުންދާ ނިކަމެތި ގައުމެއް ކަމާއި އިސްރާއީލުން ފަލަސްތީނަށް ދޭ ޙަމަލާތަކަކީ އަމިއްލަ ނަފްސުގެ ދިފާއުގައި ދޭ ހަމަލާތަކެއް ކަމުގައެވެ. އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައި އިސްތިއުމާރު ކޮށްގެން އުޅޭ މައްސަލަ އިސްރާއީލު އުޅެނީ ފޮރުވައިގެންނެވެ. ނުވަތަ އެއީ މާބޮޑު ކަމެއްނޫން ކަމަކަށް ހަދައިގެންނެވެ. އިސްރާއީލުގެ އަނިޔާވެރިކަމާއިއިސްތިއުމާރާ ދެކޮޅަށް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގު ފަލަސްތީނު މީހުންނަށް ނޯންނާނެކަން ހުޅަނގަށް ދައްކައިގެންނެވެ.

އެމެރިކާގައި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ 500 މެންބަރަކު ވަނީ އިސްރާއީލުގެ ހަރުކަށި އަމަލުތައް ހިސާބު ކުރުމަށް ގޮވާލާފައި

އިސްރާއީލަށް މީޑިއާ ހަނގުރާމަ ގެއްލެމުންދާއިރު އެމެރިކާގައި ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ 500 މެންބަރަކު ވަނީ އިސްރާއީލުގެ ހަރުކަށި އަމަލުތައް ހިސާބު ކުރުމަށް ގޮވާލައި އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށް ސިޓީއެއް މިދިޔަ ހަފްތާގައި ފޮނުވާފައެވެ. މީގެތެރޭގައި ކޮންގްރެސްގެ 25 މެންބަރަކުވެސް ހިމެނެއެވެ. މިއީ އެމެރިކާގެ ތާރީޚުގައި ދުވަހަކުވެސް ހިނގާފައިވާ ކަމެއްނޫނެވެ. މިކަންކަމާއެކު އެމެރިކާގެ އާންމުންގެ ވިސްނުން އިސްރާއީލާ ދެކޮޅަށް ބަދަލުވެ އިސްރާއީލުގެ ހަގީގަތް އެމެރިކާގެ އާންމުންނަށް އެނގުމަކީ އިސްރާއީލު ގެ ހިމާޔަތުގައި އެމެރިކާ ޒަމާނުއްސުރެ ގެންގުޅޭ ލާއިންސާނީ ސިޔާސަތު މުސްތަގްބަލްގައި ބަދަލުކުރަން ޖެހިދާނެ ކަމެކެވެ. މިއާއެކު ކުރިން ކުރިމަތިނުވާ އެތަށް މައްސަލައެއް ހުރިހާ ގޮތަކުންވެސް "ބާރުގަދަ" އިސްރާއީލަށް ޣައްޒާގެ އުދުވާނަށްފަހު ހުޅަނގުގެ ގައުމުތަކުގައި ވަނީ ކުރިމަތިލާން ޖެހިފައެވެ.

comment ކޮމެންޓް