"މިހާރު"ގެ ރިޕޯޓުގެ މައްސަލަ ބެލުމަކީ މިނިވަން ނޫސްވެރިކަމަށް ހިޔަނި އެޅުން: އެޑިޓަރުން

ނޫސް މަޖައްލާތަކުގެ އެޑިޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާ ބެހޭ ގޮތުން "މިހާރު" ނޫހުން ލިޔުނު ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ ބަލަން އުޅުމަކީ މިނިވަން ނޫސްވެރިކަމަށް އެޅޭ ހިޔަންޏެއް ކަމަށް ރާއްޖޭގެ އެޑިޓާސް ގިލްޑުން ބުނެފި އެވެ.

އެމްއެންޑީއެފްގެ އޮފިސަރަކާ ހަވާލާދީ "މިހާރު" ނޫހުގައި ލިޔެފައިވާ އެ ރިޕޯޓުގައި ބުނެފައި ވަނީ ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމަށާއި، ނުރައްކާ އޮތްކަން ނަޝީދަށް އެމްއެންޑީއެފުން އެންގި ކަމަށެވެ.

އެ ރިޕޯޓުގައިވާ ވާހަކަތައް ކުށްވެރިކޮށް އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ ޒިންމާ އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވައި، ޕްރޮޕަގެންޑާއެއް ފަތުރަން މަސައްކަތް ކުރާ ކަމަށެވެ.

އަދި ރައީސް ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ލިބިފައިވާ މައުލޫމާތާއި، ހާއްސަކޮށް އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގޭގެ ތަފްސީލީ މައުލޫމާތު ހާމަކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބަލަން ވަނީ ނިންމައިފަ އެވެ.

އެ މައްސަލައިގައި އެޑިޓާޒް ގިލްޑުން މިއަދު ނެރުނު ބަޔާނެއްގައި ބުނޫ، "މިހާރު" ނޫހުން ފޮރުވިގެން ތިބެ ޕްރޮޕެގެންޑާ ފަތުރަނީ ކަމަށް، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އަދި ވެރިކަން ކުރާ މައި ޕާޓީއިން ބުނުމަކީ، މިނިވަން ނޫސްވެރިކަމަށް ހިޔަނި އެޅިގެންދާ ކަމެއް ކަމެއް ކަމުގައި އެޑިޓަރުން ދެކޭ ކަމަށެވެ.

އަދި އެ ނޫސްބަޔާނުގައި، މިހާރު ނޫހުގެ ރިޕޯޓަކީ ރައީސް ނަޝީދަށް ކޮށްފައި އޮތް ފުރައްސާރައެއް ކަމަށް ބުނެފައި އޮތުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމުގައި ދެކޭ ކަމަށް އެޑިޓަރުން ބުނެފައިވެ އެވެ.

އެޑިޓާޒް ގިލްޑުން ބުނީ، "މިހާރު" ނޫހުގައި ލިޔެފައިވާ ރިޕޯޓަކީ ދައުލަތުން މަތީ ފެންވަރުގެ ބޭފުޅުންނަށް ސެކިއުރިޓީ ދިނުމުގައި ކަމެއް އޮތް ގޮތް، އިންވެސްޓިގޭޓިވް ގޮތަކަށް ގެނެސްދީފައިވާ ރިޕޯޓެއް ކަމަށް ދެކޭ ކަމަށެވެ. އަދި އެއީ މައްސަލައިގެ އެއް ބޮޅު ކަމަށާއި އެއީ މުޅި މައްސަލަ ނޫން ކަމަށް ވެސް ބުންޏެވެ.

ނޫސްތަކުގައި ލިޔާ ލިޔުންތަކަށް މައުލޫމާތު ދޭ މަސްދަރު ހާމަ ނުކުރުމުގެ އިހްތިޔާރު ގާނޫނު އަސާސީ އިން ނޫސްވެރިންނަށް ދީފައިވާކަން ފާހަގަކޮށް، އެޑިޓާޒް ގިލްޑުން ބުނީ އެ ރިޕޯޓް ލިޔުނު ނޫސްވެރިއާ އަދި އެ ނޫހުގެ މަސްދަރާ ސުވާލު ނުކޮށް އެ މައްސަލަ ބެލޭނެ ގޮތަކާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެހެންކަމުން 241 ކޮމެޓީ އިން އެ މައްސަލަ ބަލާނެ ގޮތަކާ މެދު އެޑިޓަރުން ވަނީ ސުވާލުއުފައްދައިފަ އެވެ.

"އެހެން ކަމާ އެކު، ކަމުގެ އަސްލު މައްސަލަ ނުބަލައި ނޫސްވެރިން ކުށްވެރިކޮށްވާ ގޮތަށް އެފަދަ ބަޔާންތައް ނެރުމަކީ މިނިވަން ނޫސްވެރިކަމަށް ހިޔަނި އެޅުވުމަށް ކުރާ ކަމެއް ކަމުގައި ދެކެމެވެ. އަދި އެއީ ކަންބޮޑުވުމެއް ކަމުގައި ވެސް ދެކެމެވެ." ބަޔާނުގައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ނަޝީދު އުޅުއްވި ގޭގެ އެ މައުލޫމާތަކީ ވަކި ބަޔަކަށް ނޫނީ ލިބިގެންވާނެ މައުލޫމާތެއް ނޫން ކަމަށް ބުނެފައިވާ އިރު ރައީސް ނަޝީދު ދިރިއުޅުއްވި ގެ ކޮޅަކީ ގިނަ ބަޔަކަށް ވަދެ ނުކުމެ ހެދޭ ގެކޮޅެއް ކަމާއި އެ ގެކޮޅު ފެންނަން ހުންނަ ކަން ވަކި ބަޔަކު ނުބުންޏަސް ނޫސްވެރިންނަށް ވެސް ފެންނަން ހުންނަ ކަމަށެވެ.

"ނޫހެއްގައި ޝާއިއު ކުރާ ލިޔުމެއްގެ ސަބަބުން، އެ ނޫހެއް ޕީނަލައިޒް ކޮށް، ނޫސްވެރިން މާޖިނަލައިޒް ކުރަން ކުރާ އެއްވެސް ކަމަކީ އެޑިޓަރުން ބަލައިގަންނާނެ ކަމެއް ނޫންކަމުގައި ދަންނަވަމެވެ. އަދި "މިހާރު" ނޫހުގެ މައްޗަށް މި މައްސަލާގައި ކޮށްފައި އޮތް ތުހުމަތަކީ ވެސް ޖާއިޒު ތުހުމަތެއް ނޫންކަމުގައި
ދަންނަވަމެވެ." ބަޔާނުގައިވެ އެވެ.

comment ކޮމެންޓް