އެސްޕީޖީ އަށް ބަދަލުގެންނަން އެންގެވީ ރައީސް: ތަރުޖަމާނު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އަރިހުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ — ސަންފޮޓޯ/ ފަޔާޒު މޫސާ

މެއި މަހުގެ ހަ ވަނަ ދުވަހުގެރޭގެ ހަމަލާއަށްފަހު ދިފާއީ ބާރުގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕަށް ބަދަލު ގެންނަން ޖެހޭކަމަށް ދެކިވަޑައިގެން އެކަން ޑިފެންސް މިނިސްޓަރި މާރިޔާ އަހުމަދު ދީދީ އަށް އެންގެވީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފްގެ އެސްޕީޖީގެ ކޮމާންޑަރަކަށް ލެފްޓިނެންޓް ކާނަލް އަބްދުލް މުއިއްޒު އައްޔަންކޮށް ޑެޕިއުޓީ ކޮމާންޑަރަކަށް ވަނީ މޭޖާ މޫސާ ރަމީޒު އައްޔަނު ކޮށްފަ އެވެ. އަދި އެސްޕީޖީގެ ފަސްޓް ސާޖެންޓްގެ ގޮތުގައި އަބްދުﷲ ޖަމީލު ވަނީ އައްޔަނު ކޮށްފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު މިއަދު ވިދާޅުވީ އެސްޕީޖީ އަށް ބަދަލު ގެންނަން ޖެހޭ ކަމަށް ރައީސް ޑިފެންސް މިނިސްޓަރަށް އެންގެވީ މެއި ހަވަނަ ދުވަހުގެ ރޭގެ ހަމަލާއާ ގުޅިގެން ދައުލަތުގެ އިސްވެރިންނަށް ފޯރުކޮށްދޭ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ،ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާ އާއި ގުޅިގެން ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސް އޮޑިޓެއް ހެދުމުގެ މަސައްކަތް ރައީސްގެ އެންގެވުމުގެ މަތިން ދަނީ ކުރަމުންނެވެ.

އެ ހަމަލާ އާއި ގުޅޭ އިންކުއަރީ އެއް މަޖިލީހުގެ 241 ކޮމެޓީ އިންވެސް ދަނީ ހަދަމުންނެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގެއިން އެމަނިކުފާނު ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް، އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް މިހާރުވެސް އަންނަނީ ޖަރުމަނު ވިލާތުގައި ފާރުވާ ހޯއްދަވަމުންނެވެ.

ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ހަތަރު މީހެކެވެ. އެއީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26 އަދި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އެވެ.

comment ކޮމެންޓް