ރައީސް ޔާމީންގެ ޝަރީއަތް ކެންސަލް ކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް --

ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލުކުރި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކެންސަލް ކޮށްފި އެވެ.

އެމަނިކުފާނުގެ ގާނޫނީ ވަކީލް އާދަމް ޝަމީމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދުގެ 9:30 ބޭއްވުމަށް ތާވަލުކުރެވިފައި އޮތް ރައީސް ޔާމީންގެ މައްސަލައިގެ އަޑުއެހުން ކެންސަލް ކުރެވިފައިވާ ވާހަކަ ކޯޓުން އަންގާފައިވާ ކަމަށެވެ.

މިއަދުގެ އަޑުއެހުން ކެންސަލް ކުރި އިރު، ކޮވިޑް19ގެ ހާލަތު ނިމި، އާންމު ހާލަތަކަށް ދަންދެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ފަސްކޮށްދޭން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވީ މިއީ ދުރާލާ ތާވަލުކޮށް، އެމަނިކުފާނު ކޯޓަށް ހާޒިރުކޮށްގެން ކުރިއަށްގެންދާ އަޑުއެހުންތަކެއް ނަމަވެސް، މި ދުވަސްވަރަކީ ކޮވިޑް19ގެ ހާލަތު ވަރަށް ނުރައްކާތެރި ދުވަސްވަރެއް ކަމަށެވެ.

އެގޮތުން މި ބަލީގެ ނުރައްކާތެރިކަމުގެ ސަބަބުން މި ބަލިން ރައްކާތެރިވުމަށްޓަކައި މި ދުވަސްވަރު ގެއިން ބޭރަށް ނުކުތުންވެސް މަނާކޮށްފައިވާ ކަމަށް ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައިވެ އެވެ.

އެހެންކަމުން މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި އެމަނިކުފާނު ސިއްހީ ނުރައްކަލަށް ހުށަހެޅޭ ގޮތަށް ކޯޓަށް ހާޒިރު ކުރުމަކީ ގާނޫނުއަސާސީގެ 21ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދޭ ދިރިހުރުމުގެ ހައްގާއި އަމިއްލަ މިނިވަންކަމާއި ނަފްސު ރައްކާތެރިކުރުމުގެ ހައްގަށް ހުރަސް އެޅޭ ކަމެއް ކަމަށް ވަކީލުން ވިދާޅުވެ އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019 ގަ އެވެ.

އެ މައްސަލައިގައި އެމަނިކުފާނު ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފަ އެވެ.

ވޮޑަމުލާގެ މައްސަލައިގައި ރައީސް ޔާމީނަށް ފަސް އަހަރުގެ ހުކުމެއް އިއްވާފައިވާއިރު، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާވެސް އެމަނިކުފާނުގެ މައްޗަށް ވަނީ އުފުލައިފަ އެވެ.

ފުއްގިރީގެ އިތުރުން އެހެން ރަށްރަށުގެ މުއާމަލާތްތަކާ ގުޅޭ ތަހުގީގުތައްވެސް އެމަނިކުފާނުގެ މައްޗަށް ފުލުހުން އަދިވެސް ހިންގަމުންދެ އެވެ. އެގޮތުން އެފަދަ މައްސަލަތަކުގައި ސުވާލު ކުރަން އެމަނިކުފާނު ހާޒިރު ކުރެ އެވެ.

މާފުށީ ޖަލުގައި ކޮވިޑް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރައީސް ޔާމީން އަބްދުލްގައްޔޫމު ގޭބަންދަށް ބަދަލުކުރީ އޭޕްރީލް މަހު އެވެ.

comment ކޮމެންޓް