ފުރަތަމަ ކުއާޓަރު ނިމުނުއިރު ޖުމްލަ ދަރަނި ޖީޑީޕީގެ ނިސްބަތުން 130 ޕަސެންޓުގައި

އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން 130 ޕަސެންޓުގައި ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކައިފި އެވެ.

އެ މިނިސްޓްރީއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ފުރަތަމަ ކުއާޓަރު ނިމުނުއިރު، މާޗު މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ދަރަނި 86.3 ބިލިއަން ރުފިޔާ އަށް އަަރަ އެވެ. އެ މުއްދަތުގެ ނިޔަލަށް ބޭރުގެ ދަރަނީގެ ޖުމްލަ އަކީ 41.8 ބިިލިއަން ރުފިޔާ އެވެ. އެތެރޭގެ ދަރަނީގެ ޖުމްލަ އަކީ 44.4 ބިލިއަން ރުފިޔާ އެވެ.

ބޭރުގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން 63 ޕަސެންޓުގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން 67 ޕަސެންޓުގަ އެވެ.

މާޗުގެ ނިޔަލަށް ރާއްޖޭގެ ޖީޑީޕީ ހުރީ 66.3 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ އަހަރު ނިމުނުއިރު ގައުމީ އުފެއްދުންތެރިކަން ބޮލަކަށް ޖެހޭ ނިސްބަތުން ހުރީ 57.9 ބިލިއަން ރުފިޔާގަ އެވެ.

ފިނޭންސްގެ ހިސާބުތަކަށް ބަލާއިރު 2020 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 86.5 ބިލިއަން ރުފިޔާގަ އެވެ. އަދި 2019 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ދަރަނީގެ ޖުމްލަ އަކީ 67.9 ބިލިއަން ރުފިޔާ އެވެ. ދެހާސް އަށާރަވަނަ އަހަރު ނިމުނު އިރު ޖުލްމަ ދަރަނި ހުރީ 48.2 ބިލިއަން ރުފިޔާގަ އެވެ.

މިދިޔަ އަހަރު ނިމުނުއިރު ޖުމްލަ ދަރަނި ހުރި ވަރަށް ބަލާއިރު މި އަހަރުގެ ފުރަަތަމަ ކުއާޓަރުގައި ދަރަނީގެ ޖުމްލަ ވަނީ ކުޑަ މިންވަރަކުން ދަށްވެފަ އެވެ.

ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ޕެންޑެމިކްގެ ކުރިން، 2019 ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދު އޮތް ހާލަތަށް މަޑުމަޑުން ރުޖޫއަވަމުން އަންނަ ކަމަށާއި، ނަމަވެސް އަދިވެސް ރިސްކު އެބައޮތް ކަމަށެވެ.

އަހަރުގެ މިހާތަނަށް ވެސް ކުރިން ލަފާކުރި މިންވަރަށް ވުރެ ބޮޑަށް އިގްތިސޯދީ ދުވެލި ކުރި އަރާފައިވާ ކަމަށާއި، އެހެންކަމުން މި އަހަރު އގްތިސޯދީ ދުވެލި ހުންނާނީ 13.5 ޕަސެންޓާއި 34.1 ޕަސެންޓާ ދެމެދު ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް