ޗެމްޕިއަންސް ލީގު ފައިނަލުގައި ރޭ ސިޓީ އަތުން ޗެލްސީ މޮޅުވި މެޗުގައި ޗެލްސީގެ ޑިފެންސިވް މިޑްފީލްޑަރު އެންގޯލީ ކާންޓޭ ދެއްކި މޮޅު ކުޅުމަށް އިދިކޮޅު ޓީމުން ވެސް ތައުރީފް ކޮށްފި އެވެ.
ރޭގެ މޮޅާ އެކު ޗެމްޕިއަންސް ލީގުގެ ތާރީހުގައި ޗެލްސީ ވަނީ ދެވަނަ ތަށި ހޯދައިފަ އެވެ. އެ ޓީމުން އަލަށް މުބާރާތުގެ ތަށި އުފުލާލީ 2012 ވަނަ އަހަރު ބަޔާން މިއުނިކް ބަލިކޮށްފަ އެވެ. ކައި ހަވާޓްޒްގެ ހަމައެކަނި ޗެމްޕިއަންސް ލީގު ގޯލުން ޗެލްސީ ރޭ މޮޅުވި ނަމަވެސް ނޫސްތަކުގެ ބޮޑު ސުރުހީން ޖާގަ ހޯދީ މީގެ އަހަރެއްހާ ދުވަސް ކުރިން ޗެލްސީން ވިއްކާލަން ބޭނުންވާ ލިސްޓުގައި ނަން އޮތް ކާންޓޭ އެވެ.
ސިޓީގެ ވަރުގަދަ އެޓޭކްތައް ހުއްޓުވުމުގައި މުހިއްމު ދައުރެއް އަދާކުރި ކާންޓޭ ރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އިރު، އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އޭނާ އެވެ. ސެމީ ފައިނަލުގައި މުބާރާތުގެ ރަސްގެފާނެ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ވެސް އެހާމެ މޮޅު ކުުޅުމެއް ދެއްކި ކާންޓޭ ވަނީ އެ ދެމެޗުގެ މޭން އޮފްދަ މެޗުގެ މަގާމު ވެސް ހޯދައިފަ އެވެ.
ފްރާންސް ލީގުގެ މެދުފަންތީގެ ކްލަބެއް ކަމަށްވާ ކާއެން އިން 2015 ވަނަ އަހަރު އަށް މިލިއަން ޕައުންޑަށް ލެސްޓާ ސިޓީ އަށް ގެނައި އެންގޯލޯ ކާންޓޭ އެ ކުލަބާ އެކު ތާރީހީ ޕްރިމިއާ ލީގު ކާމިޔާބުކޮށް ޗެލްސީއަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. އެއަށްފަހު އެކުލަބާ އެކު ވެސް ޕްރިމިއާ ލީގަކާއި ޔޫރޮޕާ ލީގެއްގެ އިތުރުން އެފްއޭ ކަޕެއް ކާންޓޭ ވަނީ ހޯދައިފަ އެވެ.
"މުޅި މެޗު ކޮންޓްރޯލް ކުރީ އޭނާ [ކާންޓޭ]. ޑިފެންޑް ކުރުމާއި، ބޯޅަ ކުރިއަށް ގެންދިއުމާއި، ބޯޅަ ހޯދަން މަސައްކަތް ކުރުމުގައި އެވަރެއްް ނެތް." ރޭގެ މެޗުގެ އެނަލިސިސް ހަދަމުން ދިޔައިރު، މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ޑިފެންޑަރު ރިއޯ ފާޑިނެންޑް ބުނެފައިވެ އެވެ.
"ފުޓުބޯޅަ ޓީމަކަށް ޗެލްސީގެ ކާންޓޭ އެ ކުޅުނު ކުޅުމަށްވުރެން މުހިއްމު ކުޅުމެއް ކުޅޭނެ ކުޅުންތެރިއަކު ވަކި ނުހުންނާނެ. ޓީމު ކުރިއަށް ޖައްސައި ކުޅުނީ އޭނާ." ޗެލްސީގެ ކުރީގެ މިޑްފީލްޑަރު ޖޯ ކޯލް މެޗަށްފަހު ބުންޏެވެ.
ކާންޓޭ ޗެލްސީ އަށް ބަދަލުވީ 32 މިލިއަން ޕައުންޑަށެވެ. ކާންޓޭ ޗެލްސީ އަށް ބަދަލުވުމުން ގިނަ ބަޔެއްގެ ހިތުގައި އުފެދުނު ސުވާލަކީ ލެސްޓާގައި ދެއްކި މޮޅު ކުޅުން އޭނާ އަށް ޗެލްސީގައި ތަކުރާރު ކުރެވޭނެތޯ އެވެ. ކުޑަ ޓީމެއްގައި ހުރެފައި އައިސް ބޮޑު ޓީމެއްގައި ވެސް އެ ކުޅުން ތަކުރާރު ކުރުމަކީ އުނދަގޫ ކަމަކަށް ވެފައި އޮތުމުންނެވެ.
އެހެން ނަމަވެސް ހަމަ އެއް ފޯމެއްގައި ކާންޓޭ ކުޅެމުން އައިސް އެންމެ މުހިއްމު ތަށި އެކުލަބަަށް ހޯދައިދިން އިރު، މެޗުގެ ހާފު ޓައިމުގައި އިދިކޮޅު ސިޓީން ވެސް ކާންޓޭއަށް ތައުރީފްކޮށް ޓްވީޓް ކޮށްފައިވެ އެވެ.
"މުޅި ދަނޑުގައި ވެސް ކާންޓޭ. އޭނާ ފަހަނައަޅާ ދެވުނިއްޔާ ނޫނީ ނުވާނެ." ސިޓީން ކުރި ޓްވީޓުގައި ބުނެފައިވެ އެވެ.