ސިޓީގެ އުންމީދުތައް ފުނޑުކޮށްލައި ޗެލްސީން ޔޫރޮޕުގެ ރަސްކަމަށް

ޗެލްސީން ޗެމްޕިއަންސް ލީގު ތަށި އުފުލާލަނީ - ފޮޓޯ: އަލްޖަޒީރާ

ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލުމުގެ އުންމީދުގައި ނުކުތް މެންޗެސްޓާ ސިޓީ ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ޗެލްސީން ހޯދައިފިއެވެ.

ޕޯޗުގަލުގެ ޕޯޓޯގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުން ޗެލްސީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނުނު އެ މެޗުގައި ސިޓީގެ މައްޗަށް ޗެލްސީ އަށް ކުރި ލިބުނީ މެޗުގެ 42 ވަނަ މިނިޓުގައި މި ސީޒަނަށް އަލަށް ގުޅުނު ކައި ހަވާޓްޒް ޖެހި ލަނޑުންނެވެ. މޭސަން މައުންޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި ސިޓީގެ ގޯލްކީޕަރު އެޑަސަން ކައިރިން ނައްޓާލުމަށްފަހު ކައި އަށް ޖެހުނީ ހުސް ގޯލަކަށް ބޯޅަ އަމާޒުކޮށްލާށެވެ.

މެޗުގައި ޗެސްލީން ގިނަ ހަމަލާތަކެއް އުފެއްދި އިރު، އެ ޓީމުން ރޭގެ މެޗުގައި ވަނީ ސިޓީގެ ހަމަލާތައް ހުއްޓުވުމަށް ފުރިހަމަ މަސައްކަތްތަކެއް ކޮށްފަ އެވެ. ފުރަތަމަ ހާފުގައި ޗެލްސީގެ ޑިފެންޑަރު ތިއާގޯ ސިލްވާއަށް އަނިޔާވެގެން ބާލަން ޖެހުނު އިރު، ސިޓީގެ ކެޕްޓަން ކެވިން ޑެބްރޭނާ ވެސް ވަނީ ދެވަނަ ހާފުގެ ކުރީކޮޅު އަނިޔާވެގެން ބާލަން ޖެހިފަ އެވެ.

ރޭގެ މެޗުގައި ޗެލްސީން ދެއްކި މޮޅު ކުޅުުމާ އެކު އެ ޓީމުން ދެވަނަ ފަަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބު ކުރި އިރު، އެ ޓީމަށް ތަށި ހޯދައިދިން ކޯޗު ތޯމަސް ޓުވެލް ސީޒަންގެ މެދުތެރެއިން ޗެލްސީއާ ހަވާލުވީ މިދިޔަ ސީޒަންގައި ޕީއެސްޖީއަށް ކޯޗުކަން ކޮށްދިނުމަށްފަހުއެވެ. ޓުޗެލް ވަނީ މިދިޔަ ސީޒަންގައި ޕީއެސްޖީއާއެކު ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރު ކޮށްފައެވެ. ޕީއެސްޖީ ފައިނަލުން ބަލިވީ ބަޔާން މިއުނިކް އަތުންނެވެ.

މި ސީޒަންގެ ފުރަތަމަ ބައިގައި ޗެލްސީއަށް އިރުޝާދު ދިނީ 2012 ވަނަ އަހަރު ޗެލްސީއާއެކު ޗެމްޕިއަންސް ލީގު ތަށި ނެގި ފްރޭންކް ލެމްޕާޑެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފްރާންސްގެ ޑިފެންޑިންގް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އެވެ. އޭނާ ވަނީ މި ފަހަރުގެ ސެމީފައިނަލް ގެ ދެ ލެގުގައި ރެއާލްމެޑްރިޑާ ދެކޮޅަށް ޗެލްސީން ކުޅުނު އިރު، އެ ދެމެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފަ އެވެ.

comment ކޮމެންޓް