ހަތް އަހަރުގެ ކުއްޖާ އަދިވެސް ވެންޓިލޭޓަރުގައި، ހާލު ކްރިޓިކަލް

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އަށް ޕޮޒިޓިވްވެ، ހާލު ސީރިއަސްވުމުގެ ސަބަބުން ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ އުމުރުން ހަތް އަހަރުގެ ކުއްޖާގެ ހާލަތަށް ބަދަލު ނާންނަ ކަމަށް ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެކުއްޖާ އަކީ ކިޑްނީގެ ބައްޔަކަށް ބޭސްކުރަމުން އަންނަ ކުއްޖެކެވެ. އެކުއްޖާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ އިރު، އެކުއްޖާގެ ހާލު ކްރިޓިކަލް ކަމަށް، ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ވަނީ ބުނެފަ އެވެ.

"އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތުން ވިއްޔާ އަދިވެސް ހަމަ ވެންޓިލޭޓަރުގައި. ހާލަކަށް އިތުރު ބަދަލެއް ނާދޭ. އަދިވެސް ކޮންސިޑާ ކުރާނީ ކްރިޓިކަލް ޕޭޝަންޓެއް ގޮތުގައި،" ޑރ. އިބްރާހީމް އަފްޒަލް މިއަދު ވިދާޅުވި އެވެ.

މީގެކުރިން ރާއްޖޭގައި ކޮވިޑް ޖެހިގެން މިހާ ކުޑަ ކުއްޖެއްގެ ހާލު ސީރިއަސްވެފައެއް ނުވެ އެވެ.

ކޮވިޑް ޖެހިގެން މިވަގުތު އުމުރުން 18 އަހަރުން ދަށުގެ 240 ކުދިން އެބަތިއްބެވެ.

މިފަހަކަށް އައިސް ރާއްޖެއިން ކޮވިޑް-19 ގެ ކޭސްތައް ފެންނަ މިންވަރު އިންތިހާއަށް އިތުރުވެފައިވާއިރު އޭގެ ތެރޭގައި ކުޑަކުދިންގެ އަދަދުވެސް ނިސްބަތުން ގިނަ އެވެ.

ރާއްޖެއިން ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް އުމުރުން 10 އަހަރުގެ 52 ކުދިން ކޮވިޑް-19 އަށް ޕޮޒިޓިވްވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އުމުރުން 10 އަހަރުން ދަށުގެ 5،131 ކުދިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

ކުޑަކުދިންނަކީ ވެކްސިން ޖަހަން ޝަރުތު ހަމަވާ ބަޔަކަށް ނުވާތީ އެ އުމުރުފުރަޔަށް ބަލީގެ ނުރައްކާ އަދި ބައްޔަށް ހުށަހެޅުމުގެ ފުރުސަތު އިތުރުވެގެންދެ އެވެ.

އެޗްޕީއޭއިން ވަނީ ބައްޔަށް ހުށަހެޅުމުގެ ނުރައްކާ ކުޑަ ކުރުމުގެ ގޮތުން ކުޑަކުދިން ގެއިން ބޭރަށް ނެރޭ މިންވަރު މަދުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް