ހައްޔަރުކުރި މީހުންނަށް ހަމަލާއެއް ރާވާކަމުގެ ތުހުމަތު

--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ޓެރަރިޒަމްގެ ތުހުމަތުގައި މިފަހުން މާލޭ ސަރަހައްދުން ހައްޔަރުކުރި ހަތަރު މީހުންނަށް ވެސް މުޖުތަމައަށް ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ރާވާކަމުގެ ތުހުމަތު ފުލުހުން ކޮށްފި އެވެ.

މާލެ ސަރަހައްދުގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ހަރުކަށި ފިކުރުގެ ހަތަރު މީހުންގެ ބަންދަށް ވެސް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.

އެމީހުންނަކީ މެއި ހަ ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅުންހުރި ކަމަށް ތުހުމަތު ކުރެވޭ ބައެއްކަން ނުވަތަ ނޫންކަން ފުލުހުން އަދި ކަށަވަރެއް ނުކޮށްދެ އެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި ބަންދުކުރި މީހުންނަކީ ވަކިން ޖަމާއަތް ހަދައިގެން ނަމާދުކޮށް، ހަރުކަށި ފިކުރު ފެތުރުމުގެ މަސައްކަތް ކުރާ ބައެއް ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.

ހަމައެއާއެކު ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ކަމަށާއި ޖިހާދުގެ ނަމުގައި ބޭރުގެ ހަނގުރާމަތަކަށް މީހުން ރެކްރޫޓް ކުރުމާުގެ ތުހުމަތު ވެސް ވަނީ ކޮށްފަ އެވެ.

އޭގެ އިތުރުން، ނުރައްކާތެރި ޓެރަރިޒަމްގެ ހަމަލާއެއް ދޭން ރަވާކަމުގެ ތުހުމަތު ވެސް ފުލުހުން ވަނީ ކޮށްފަ އެވެ. ފުލުހުން ބުނެފައި ވަނީ އެއީ މުޖުތަމައުގ ސަލާމަތާ ގުޅިފައިވާ އަދި މުޖުތަމައަށް ބޮޑު ގެއްލުމެއް ލިބޭނެ ފަދަ ހަމަލާއެއް ކަމަށެވެ.

ސަލާމަތީ ބާރުތަކުން ހާއްސަ އޮޕަރޭޝަންތަކެއް ފަށާފައި ވަނީ، މެއި ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެންނެވެ.

އެ ހަމަލާއާ ގުޅިގެން މީގެ ކުރިން ހައްޔަރުކޮށްފައި ވަނީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26 އަދި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އެވެ. އެމީހުންނަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ނަމަވެސް ޓެރަރިޒަމާ ދެކޮޅަށް ކުރިއަށް ގެންދާ އޮޕަރޭޝަންގައި މިހާތަނަށް އައްޑޫ ސިޓީ އިން ހަތް މީހަކާއި މާލެ އިން ވެސް މީހަކު ހައްޔަރުކޮށްފައިވެ އެވެ.

comment ކޮމެންޓް