ފައިޒާ ވެކްސިން 12 އަހަރުން މަތީގެ ކުދިންނަށް ޖަހަން އީޔޫއިން ހުއްދަ ދީފި

އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކްއިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން 12 އަހަރުން މަތީގެ ކުދިންނަށް ދޭން އީޔޫއިން ހުއްދަ ދީފަ -- ފޮޓޯ: ރޮއިޓާސް

އެމްސްޓަޑަމް (މެއި 29): އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކްއިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ދިނުމަށް ޔޫރަޕިއަން މެޑިސިންސް އޭޖެންސީ (އީއެމްއޭ)އިން ހުއްދަ ދީފި އެވެ.

އީއެމްއޭއިން ބުނި ގޮތުގައި ފުރާވަރު ކުދިންނަށް ފައިޒާ ވެކްސިން ޖެހުމުން ނަތީޖާ ރަނގަޅެވެ. އަދި އެ ކުދިންގެ ފަރާތުން ކަންބޮޑުވާން ޖެހޭ ސައިޑް އިފެކްޓުތަކެއް ނުފެނެ އެވެ. އެހެންކަމުން އެއީ ޔޫރަޕިއަން ޔޫނިއަންގައި ކުޑަކުދިންނަށް ޖަހަން ހުއްދަ ދިން ފުރަތަމަ ކޮވިޑް ވެކްސިނެވެ.

"ރައްކާތެރި އަދި ކާމިޔާބު ވެކްސިނެއްގެ ދިފާއު ކުޑަކުދިންނަށް ފޯރުކޮށްދިނުމަކީ ބަލިމަޑުކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި މުހިއްމު ފިޔަވަޅެއް،" އީއެމްއޭއިން ބުންޏެވެ.

މީގެ ކުރިން އެމެރިކާއާއި ކެނެޑާއިން ވަނީ 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދިނުން ހުއްދަ ކޮށްފަ އެވެ.

އީއެމްއޭއިން އެ ހުއްދަ ދިނުމުން އީޔޫގެ ވަކި ގައުމުތަކުން ދެން އަމިއްލައަށް ގޮތެއް ނިންމުމަށް ފަހު، ކުޑަކުދިންނަށް ފައިޒާ ވެކްސިން ދޭން ފެށިދާނެ އެވެ. އެގޮތުން ޖަރުމަނުން ވަނީ އަންނަ މަހުގެ ހަތަކުން ފެށިގެން 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދޭން ނިންމާފަ އެވެ. އަދި އިޓަލީންވެސް ވަނީ ވެކްސިން ޕްރޮގްރާމް ފުޅާ ކުރާނެ ކަމަށް ބުނެފަ އެވެ.

މިދިޔަ މާޗް މަހު ފައިޒާއާއި ބަޔޯއެންޓެކްއިން ވަނީ 2،260 ކުޑަކުދިން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ ވެކްސިން ޓެސްޓުތަކުން އެކުދިންނަށް ކޮވިޑުން 100 ޕަސެންޓު ރައްކާތެރިކަން ލިބުނު ކަމަށް ބުނެފަ އެވެ.

ފައިޒާގެ އިތުރުން އެހެން ކޮވިޑް ވެކްސިންތައްވެސް ކުޑަކުދިންނަށް ދީގެން ދަނީ ޓެސްޓު ކުރަމުންނެވެ. އޭގެ ތެރެއިން މޮޑާނާއިން ވަނީ އެ ކުންފުނީގެ ވެކްސިން ކުޑަކުދިންނަށް ދިނުމުން ނަތީޖާ ރަނގަޅު ކަމަށާއި އެ ވެކްސިން ކުޑަކުދިންނަށް ދިނުމުގެ ހުއްދައަކަށް އަންނަ މަހު އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި އެދޭނެ ކަމަށް ބުނެފަ އެވެ.

ދުނިޔޭގެ މުއްސަނދި ގައުމުތަކުން ކުޑަކުދިންނާއި ބަލީގެ ނުރައްކާ ނެތް މީހުންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ބަދަލުގައި އެ ވެކްސިން ޑޯޒްތައް ފަގީރު ގައުމުތަކާ ހިއްސާ ކުރުން މުހިއްމު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވަނީ ބުނެފަ އެވެ

comment ކޮމެންޓް