އިސްރާއީލުގެ ޖަރީމާތައް ތަހްގީގުކުރަން އދ. އިން ކޮމިޓީއެއް އެކުލަވާލުމުން އެމެރިކާ ކަންބޮޑުވެއްޖެ

އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލް

ޖެނީވާ (28 މޭ): އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ އާންމުންނަށާއި މަދަނީ ތަންތަނަށް އަމާޒުކޮށް ދިން އުދުވާނީ ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ޝައްކު ކުރެވޭތީ އެކަން ތަހްގީގް ކުރުމަށް ޓަކައި ތަޖްރިބާކާރުންގެ ޚާއްސަ ކޮމިޓީ އެއް އެކުލަވާލުމަށް އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 24 ގައުމަކުންނެވެ.

އިންސާނީ ހައްގުތަކުގެ ނަމުގައި އެމެރިކާ ގެންގުޅެނީ ދެފުށްދެގޮތް ސިޔާސަތެއް

އާންމު ގޮތެއްގައި އިންސާނީ ހައްގުތަކުގެ ނަމުގައި ދެފުއްދެގޮތް ސިޔާސަތެއް ގެންގުޅޭ އެމެރިކާގެ ޚާރިޖީ ވުޒާރައިންވަނީ އިސްރާއީލުން ޣައްޒާގައި ހިންގި ކަމަށް ބެލެވޭ ހަނގުރާމައިގެ ޖަރީމާތައް ތަހްގީގު ކުރުމަކީ މައްސަލަ އިތުރަށް ގޯސްވާނެ ކަމެއްކަމަށްބުނެ އިސްރާއީލުގެ ދިފާއުގައި ބަޔާނެއް ނެރެފައެވެ. މިޔަންމާ، ޗައިނާ އީރާންފަދަ އެމެރިކާ ނުރުހޭ ގައުމުތަކަށް އިންސާނީ ހައްގުތަކުގެ ނަމުގައި އެމެރިކާ ވަރުގަދައަށްފާޑުކިޔާއިރު އިސްރާއީލު ފަދަ އެމެރިކާ ހިމާޔަތްކުރާ ގައުމަކުން އިންސާނީ ހައްގުތަކަށް އަރައިގެންފިނަމައެކަމަށް ފާޑުކިޔައި ކުށްވެރިކުރާކަށް އެމެރިކާގެ އަކަށް ނުކެރެއެވެ.

ނުވަ ގައުމަކުން އިސްރާއީލުގެ އަނިޔާވެރިކަމަށް ތާއީދުކުރި

ސާޅީސް ހަތް މެންބަރުން ހިމެނޭ އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުން މި ތަހްގީގް ކުރިޔަށް ގެންދިޔުމާބެހޭގޮތުން ނެގި ވޯޓުގައި ނުވަ ގައުމަކުން އިސްރާއީލަށް ތާއީދުކޮށް މިތަހްގީގަށް ހުރަސްއެޅުމަށް ވޯޓު ދީފައިވެއެވެ. އެ ނުވަ ގައުމަކީ އިނގިރޭސިވިލާތް، އޮސްޓްރިއާ، ޗެކްރިޕަބްލިކް، ބަލްގޭރިއާ، ޖަރުމަނުވިލާތް، ކެމެރޮން، މަލާވީ، މާޝަލް އައިލެންޑް އަދި އުރުގުއޭ އެވެ.

14 ގައުމަކުން އެއްވެސް ކޮޅަކަށް ވޯޓެއްނުދޭ

އިސްރާއީލުގެ ޖަރީމާތައް ތަހްގީގު ކުރުމާބެހޭގޮތުން ގަރާރު ފަސްކުރިއިރު 14 ގައުމަކުން އެއްވެސް ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ. އެ 14 ގައުމަކީ އިންޑިއާ، ބަހަމާސް، ބްރަޒީލް، ޑެންކާމް، ފީޖީ، ފަރަންސޭސިވިލާތް، އިޓަލީ، ނޭޕާލް، ހޮލެންޑް، ޖަޕާން، ޕޮލެންޑް، ދެކުނު ކޮރެއާ، ޓޯގޯ އަދި ޔުކްރޭން އެވެ.

ގަރާރު ފާސްކުރީ 24 ގައުމަކުން ވޯޓުދީގެން

ނަމަވެސް އަރަބި އަދި އިސްލާމީ ގައުމުތައް ހިމެނޭގޮތަށް 24 ގައުމަކުންވަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ހިންގި ކަމަށް ބެލެވޭ ހަނގުރާމައިގެ ޖަރީމާތައް ތަހްގީގް ކުރުމަށާ އެކަމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ގޮވާލާ ގަރާރަށް ވޯޓު ދީފައެވެ. އެހެންކަމުން މި ގަރާރުވަނީ އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ އަޣްލަބިއްޔަތުން ފާސްވެފައެވެ.

މިގަރާރު ފާސްކުރުމާ ގުޅިގެން ކަންބޮޑުވާކަން އެމެރިކާ ހާމަކޮށްފައިވާއިރު އިސްރާއީލުންވަނީ އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުގެ ނިންމުމަށް ގޮންޖަހައި ހަރުކަށި ބަޔާނެއް ނެރެފައެވެ. އދ. ގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކަށް ގޮންޖަހައި ފަލަސްތީނުގެ ބިންތައް ތަކަށް ވެރިވެގަނެ އެބިންތައް އިސްތިއުމާރުކޮށްގެން އުޅޭ އިސްރާއީލުން ނެރުނު ބަޔާނުގައި ވަނީ ތަހްގީގު ހިންގަންޖެހޭނީ އިސްރާއީލުގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެފައިވާ އަދި އިސްރާއީލުގެ އަޅުވެތިކަމުން މިނިވަންވާން މަސައްކަތްކުރާ ފަލަސްތީނުގެ ޖަމާއަތްތަކުން އިސްރާއީލަށް ދޭ ހަމަލާތައް ކަމަށްބުނެފައެވެ.

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހު މަހްމޫދު ގުރައިޝީ

ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އެޖަމާއަތްތަކުން ކުރާ ޖިހާދަކީ ޓެރަރިޒަމް ކަމަށް ވެސް އިސްރާއީލުގެ ބަޔާނުގައިވަނީ ސިފަކޮށްފައެވެ. އިސްރާއީލުގެ ނޫސްތަކުންވަނީ އދ. ގެ ތަހްގީގަށް އިސްރާއީލުން އެއްބާރުލުން ނުދިނުން އެކަށީގެންވާ ކަމަށް ބުނެފައެވެ.

ގަރާރު ހުށަހެޅީ ޕާކިސްތާނާއި ފަލަސްތީނުން

އިސްރާއީލުން ޣައްޒާގެ އާންމުންނަށާއި މަދަނީ ތަންތަނަށް އަމާޒުކޮށް ދިން ޢުދުވާނީ ޙަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާ ކަމަށް ބެލެވޭތީ އެކަން ތަހްގީގްކޮށް އިސްރާއީލާ ދެކޮޅަށް ފިޔަވަޅުއެޅުމަށް ގޮވާލާ ގަރާރު ހުށަހަޅާފައިވަނީ ޕާކިސްތާނާއި ފަލަސްތީނުންނެވެ. ފަލަސްތީނަކީ އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޝަންގެ ފުރިހަމަ މެންބަރެކެވެ.

އިސްރާއީލުން ޣައްޒާގެ 270 އާންމުން ޝަހީދުކޮށްލާފައިވާއިރު އޭގެތެރޭގައި 68 ކުޑަކުދިން ހިމެނޭ

މި ގަރާރު ފާސްކުރުމަށް އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެކައުންސިލްގެ ވެރިޔާ މިޝެލް ބަޝްލޭ ވިދާޅުވިގޮތުގައި އިސްރާއީލުން ޣައްޒާއަށް ދިން ވަރުގަދަ އުދުވާނީ ޙަމަލާތަކުގައި 270 މީހުން ޝަހީދުކޮށްލާފައިވާއިރު އޭގެތެރޭގައި 68 ކުޑަކުދިން ހިމެނޭކަމަށާ އިސްރާއީލުން ދިން ގިނަ ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާ ކަމަށް ބެލެވޭ ހަމަލާތަކެއް ކަމުގައެވެ.

ފަލަސްތީނުގެ ޖަމާއަތްތަކުން ޣައްޒާގެ އިމާރާތްތައް އަސްކަރީ ކަންކަމަށް ބޭނުންކުރިކަމުގެ ހެއްކެއް ފެނިފައެއްނުވޭ

އިސްރާއީލުން ޣައްޒާގެ މަދަނީ އިމާރަތްތަކަށް ގަސްދުގައި ޙަމަލާދިންއިރު ފަލަސްތީނުގެ ޖަމާއަތްތަކުން ޣައްޒާގެ އެ އިމާރާތްތައް އަސްކަރީ ކަންކަމަށް ބޭނުންކުރިކަމުގެ އެއްވެސް ހެއްކެއް ފެނިފައިނުވުމުން އިސްރާއީލު ހިންގާފައިވަނީ ހަނގުރާމައިގެ ޖަރީމާތަކެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު ބޮޑު ކަމަށް މިޝައިލް ބަޝްލޭ ވިދާޅުވިއެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް