ޖަރުމަނުން ނަމިބިއާގައި ގަތުލުއާއްމެއް ހިންގި ކަމަށް ރަސްމީކޮށް އެއްބަސްވެއްޖެ

ޖަރުމަނުގެ ފޮރިން މިނިސްޓަރު ހެއިކޯ މާސް ވިދާޅުވި ގޮތުގައި އެގައުމުން ހިންގި ގަތުލްއާއްމަށް ރަސްމީކޮށް މާފަށް އެދޭނެ -- ފޮޓޯ: އޭޕީ

ވިންޑްހުކް (މެއި 28): ޖަރުމަނުގެ އިސްތިއުމާރީ ވެރިކަމުގައި އެގައުމުން ނަމިބިއާގައި ގަތުލްއާއްމެއް ހިންގިކަމަށް ރަސްމީ ގޮތެއްގައި އެއްބަސްވެއްޖެ އެވެ.

މީގެ ކުރިން ޖާމަން ސައުތު ވެސްޓް އެފްރިކާގެ ނަން ދީފައި އޮތް ނަމިބިއާ، ޖަރުމަނުގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތީ 1884އިން 1915އާ ޖެހެންދެނެވެ. އަދި ޖަރުމަނުގެ އަސްކަރީ އެޑްމިނިސްޓްރޭޝަނުން އޭރު އެ ސަރަހައްދުގައި ދިރިއުޅެމުން ދިޔަ އެރޭރޯ އާއި ނަމާ ދަރިކޮޅުގެ އެތައް ހާސް މީހުން މެރީ 1904 އާއި 1908އާ ދޭތެރޭގަ އެވެ. އެއީ އެމީހުންގެ ބިންތަކާއި ގެރިބަކަރި އަތުލުމާ ދެކޮޅަށް ތެދުވުމުންނެވެ.

އޭރު އަމިއްލަ ބިންތަކުން ބޭރު ކުރި އެރޭރޯ އާއި ނަމާ ދަރިކޮޅުގެ ގިނަ އަަދަދެއްގެ މީހުންނަށް ސަހަރާގައި ދިރިއުޅެން ނުވަތަ ކޮންސެންޓްރޭޝަން ކޭމްޕުތަކުގައި މަސައްކަތް ކުރަން ޖަރުމަނުގެ ސިފައިން މަޖުބޫރު ކުރި އެވެ. އަދި އެތައް ބަޔަކު ބަނޑުހައިހޫނުކަމުގައާއި ބުރަ މަސައްކަތް ކުރުމުގެ ސަބަބުން މަރުވި އެވެ.

އެދުވަސްވަރު މަރުވި މީހުންގެ އަދަދު ޔަގީން ނުކުރެވުނު ނަމަވެސް ތާރީހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ޖަރުމަނުގެ ގަތުލުއާއްމުގައި އެރޭރޯ ދަރިކޮޅުގެ 60،000 ވަރަކަށް މީހުންނާއި ނަމާ ދަރިކޮޅުގެ 10،000 ވަރަކަށް މީހުން މެރިކަމަށް ލަފާ ކޮށްފަ އެވެ.

ޖަރުމަން ސަރުކާރުން އެ ގަތުލުއާއްމު ހިނގާ ދިޔަކަން ރަސްމީ ގޮތެއްގައި ފުރަތަމަ ފަހަރަށް ބަލައިގަތީ މިއަދު އެގައުމުގެ ފޮރިން މިނިސްޓަރު ހެއިކޯ މާސް ދެއްކެވި ވާހަކަފުޅުގަ އެވެ. އަދި ޖަރުމަނުން އެ އަމަލުތަކަށް މާފަށް އެދޭނެ ކަމަށާއި އެގައުމުން ނަމިބިއާއަށް މާލީ އެހީ ދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނަމިބިއާގެ ފަރާތުންނާއި [ގަތުލުއާއްމުގައި] މަރުވި މީހުންގެ ދަރިންގެ ފަރާތުން މާފަށް އެދޭނަން،" މާސް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ގަތުލްއާއްމުގެ ސަބަބުން ނަމިބިއާއަށް ލިބުނު އަނިޔާ އާއި ކެކުޅުން ޖަރުމަނުން ދެނެގަންނަކަމުގެ ނިޝާނެއްގެ ގޮތުން ނަމިބިއާގެ ތަރައްގީއަށް 1.34 ބިލިއަން ޑޮލަރުގެ ޕްރޮގްރާމެއް ކުރިއަށް ގެންދާނެކަމަށް މާސް ވިދާޅުވި އެވެ.

ޖަރުމަނުގެ މީޑިއާތަކުން ރިޕޯޓު ކުރި ގޮތުގައި އެގައުމުން ގަތުލުއާއްމު ހިންގިކަމުގެ ޑެކްލަރޭޝަނެއްގައި އަންނަ މަހު ސޮއިކޮށް، އެ ލިޔުން އެގައުމާއި ނަމިބިއާގެ ޕާލިމެންޓުން ތަސްދީގުކުރާނެ އެވެ. އަދި އެއަށް ފަހު ޖަރުމަނުގެ ރައީސް ނަމިބިއާއަށް ވަޑައިގެން ރަސްމީކޮށް މާފަށް އެދިލައްވާނެ ކަމަށްވެސް އެ ނޫސްތަކުގައިވެ އެވެ.

ޖަރުމަނުން އެ ގަތުލުއާއްމު ހިންގި ކަމަށް އެއްބަސްވުމަކީ އެގައުމުން ރަނގަޅު މިސްރާބަކަށް ދިޔުމަށް އަޅާ ފުރަތަމަ ފިޔަވަޅު ކަމަށް ނަމިބިއާގެ ސަރުކާރުގެ ތަރުޖަމާނަކު އޭއެފްޕީއާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ. ނަމަވެސް އެރޭރޯ ދަރިކޮޅުގެ ލީޑަރަކު ވަނީ އެއީ ޖަރުމަނުގެ އިސްތިއުމާރީ ފައުޖުތަކުގެ ސަބަބުން ލިބުނު ގެއްލުމަށް އެކަށީގެންވާ ވަރަށް ބަދަލު ލިބޭ ނިންމުމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް