ސަނޮފީ އާއި ޖީއެސްކޭގެ ކޮވިޑް ވެކްސިންގެ ފަހު ޓެސްޓުތައް ފަށައިފި

ސަނޮފީ އާއި ޖީއެސްކޭގެ ކޮވިޑް ވެކްސިންގެ ފަހު ފިޔަވަހީގެ ޓެސްޓުތައް ވަނީ ފަށާފަ -- ފޮޓޯ: ރޮއިޓާސް

ޕެރިސް (މެއި 28): ފްރާންސުގެ ސަނޮފީއާއި އިނގިރޭސިވިލާތުގެ ގްލެކްސޯސްމިތުކްލައިން (ޖީއެސްކޭ) ކުންފުނިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިންގެ ތިންވަނަ އަދި އެންމެ ފަހު ފިޔަވަހީގެ ޓެސްޓުތައް ފަށައިފި އެވެ.

ސަނޮފީއާއި ޖީއެސްކޭއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ވެކްސިންގެ ފަހު ޓެސްޓުތަކުގައި އެކި ގައުމުތަކުން 18 އަހަރުން މަތީގެ 35،000 މީހުން ބައިވެރިވާނެ އެވެ. އަދި ކޮރޯނާވައިރަހުގެ ފުރަތަމަ ވޭރިއެންޓާއި ދެކުނު އެފްރިކާއިން ފެނުނު ބީ.153.1 ވޭރިއެންޓާ ދެކޮޅަށް އެ ވެކްސިން މަސައްކަތް ކުރާ މިންވަރު ޓެސްޓުތަކުން ބަލާނެ އެވެ.

މީގެ އިތުރުން، އެހެން ކޮވިޑް ވެކްސިނެއްގެ ފުރަތަމަ ޑޯޒް ދިނުމަށް ފަހު ސަނޮފީ އާއި ޖީއެސްކޭ ވެކްސިންގެ ދެވަނަ ޑޯޒް ދިނުމުގެ ނަތީޖާވެސް ބަލާނެ ކަމަށް އެ ދެ ކުންފުނިން ބުންޏެވެ.

ސަނޮފީން ބުނި ގޮތުގައި އެ ކުންފުނީގެ ވެކްސިން ތައްޔާރުކޮށްފައި ވަނީ ވައިރަސް ބަދަލު ވަމުންދާތީ އެކަމަށް ވިސްނާފަ އެވެ. އަދި ބަލިމަޑުކަން ނިމުމަކަށް އައުމުން ބޭނުންވެދާނެ ކަންތައްތަކަށްވެސް ބަލާފަ އެވެ. އެގޮތުން ބީ.153.1 ވޭރިއެންޓާ ދެކޮޅަށް އުފެދޭ އެންޓިބޮޑީއަކީ އެހެން، ބޮޑަށް ފެތުރޭ ވޭރިއެންޓުތަކުން ދިފާއު ކުރުމުގައި ކާމިޔާބު ކަމާއެކު މަސައްކަތް ކުރާނެ އެންޓިބޮޑީތައް ކަމަށް ފަހުގެ ސައިންޓިފިކް ހެކިތަކުން ދައްކާ ކަމަށް ދެ ކުންފުނީގެ ބަޔާނުގައިވެ އެވެ.

ސަނޮފީ އާއި ޖީއެސްކޭގެ ކޮވިޑް ވެކްސިން ދިނުމުން އުމުރުން ދުވަސްވީ މީހުންނަށް އެކަށީގެންވާ ވަރަށް ރައްކާތެރިކަން ފޯރުކޮށްނުދޭ ކަމަށް އެ ދެ ކުންފުނިން ޑިސެމްބަރު މަހު އިއުލާން ކުރި އެވެ. ނަމަވެސް ވެކްސިންގެ ފޯމިއުލާ ބަދަލު ކުރުމުން، ދެވަނަ ޑޯޒަށް ފަހު ބަލިން ދިފާއުކޮށްދޭ އެންޓިބޮޑީ 95 ޕަސެންޓަށް ވުރެ ގިނަ ކޭސްތަކުން ފެނުނު ކަމަށް އެ ދެ ކުންފުނިން އެންގި އެވެ.

ސަނޮފީއާއި ޖީއެސްކޭއިން ލަފާ ކުރާ ގޮތުގައި އެ ވެކްސިން ބޭނުން ކުރަން މިއަހަރުގެ ފަހުކޮޅު ހުއްދަ ލިބޭނެ އެވެ. ނަަމަވެސް އިނގިރޭސިވިލާތް، އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަންއިން އަމާޒު ކުރަނީ އެހާތަނަށް ކޮވިޑް ވެކްސިން ޖަހަން ޖެހޭ އެންމެންނަށް ވެކްސިން ދީ ނިންމުމަށެވެ. އެގައުމުތަކުގައި މިހާރު ޖަހަމުންދާ ވެކްސިންތަކުގެ ތެރޭގައި ފައިޒާ، އެސްޓްރާޒެނެކާ، މޮޑާނާ އަދި ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ހިމެނެ އެވެ

comment ކޮމެންޓް